Roadha Mihaaru
އިންޑިއާ ޕައިލެޓްގެ މަތިމަސް ފެޝަން ޓްރެންޑަކަށް

އިންޑިއާ ޕައިލެޓްގެ މަތިމަސް ފެޝަން ޓްރެންޑަކަށް

03 މާޗް 2019

ޕާކިސްތާނާ ދެކޮޅަށް އިންޑިއާ އިން މިދިޔަ ހަފުތާގައި ދިން ވައިގެ ހަމަލާތަކުގައި ޕާކިސްތާނުގެ އަތްދަށުގައިވި އިންޑިއާގެ އެއާ ފޯސްގެ ވިންގް ކޮމާންޑަރު އަބިނަންދަން ވާތަމަން މިހާރު ގައުމީ ބަތަލެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެމުން އަންނަ އިރު، އޭނާގެ މަތިމަހަށް ވެސް ވަނީ ބޮޑު މަޝްހޫރު ކަމެއް ލިބިފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕާކިސްތާނާ ދެކޮޅަށް އިންޑިއާ އިން މިދިޔަ ހަފުތާގައި ދިން ވައިގެ ހަމަލާތަކުގައި ޕާކިސްތާނުގެ އަތްދަށުގައިވި އިންޑިއާގެ އެއާ ފޯސްގެ ވިންގް ކޮމާންޑަރު އަބިނަންދަން ވާތަމަން މިހާރު ގައުމީ ބަތަލެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެމުން އަންނަ އިރު، އޭނާގެ މަތިމަހަށް ވެސް ވަނީ ބޮޑު މަޝްހޫރު ކަމެއް ލިބިފަ އެވެ.

މަތިމަހުގެ ދެ ފަރާތުން ކޮލުގެ ތިރިއަށް ސްޓައިލްކޮށްފައިވާ "ގަންސްލިންގާ" މަތިމަހުގެ މަގުބޫލުކަން ބޮޑުވެ، އިންޑިއާގެ ފިރިހެނުންގެ މެދުގައި މިހާރު ވަނީ އެ ސްޓައިލް ފެޝަން ޓްރެންޑަކަށް ވެސް ވެފަ އެވެ. ބެންގަލޫރު ފަދަ ސިޓީތަކުގައި ހިންގާ ސެލޫންތަކުގެ ސްޓައިލްތަކުގެ ތެރެއަށް އަނިނަންދަން މަތިމަސް މިހާރު ވަނީ އިތުރުވެފަ އެވެ.

އަބިނަންދަން ޕާކިސްތާނުގެ ބެލުމުގެ ދަށަށް ގެންދިޔަ ޚަބަރާ އެކު އޭނާ އަށް ލިބުނު ސަމާލުކަން އިންތިހާ އަށް ބޮޑުވި އެވެ. ވަކިން ހާއްސަކޮށް، އޭނާގެ މަތިމަހުގެ ސްޓައިލާ ބެހޭ ގޮތުން، މިނިވަންވެގެން އަލުން އިންޑިއާ އަށް ދިއުމުގެ ކުރިން ވެސް ސޯޝަލް މީޑިއާގައި ވަރަށް ގަދައަށް ވާހަކަ ދެކެވިފައިވެ އެވެ.

އަބިނަންދަންގެ ސްޓައިލަށް މަތިމަސް ހަދާފައިވާ ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ފޮޓޯތައް ވެސް ހިއްސާކޮށްފަ އެވެެ. އަދި މިކަމަކީ އެ މީހުން ފަހުރުވެރިވާ ހީރޯއަކަށް ދޭ ޓްރިބިއުޓެއްގެ ގޮތުގައި ބައެއް މީހުން ސިފަކޮށްފައިވެ އެވެ.

އަބިނަންދަން މަތިމަހުގެ ސްޓައިލަށް ލިބެމުން އަންނަ ތަރުހީބު ބޮޑުވަމުން އަންނަ އިރު، ބެންގަލޫރުގެ އައުޓްލުކް މެންސް ސެލޫންގެ ވެރިޔާ ޗަންދު މުހައްމަދު ބުނި ގޮތުގައި "ހީރޯއެއް ކޮޕީ ކުރުމަކީ ގިނަ ބަޔަކަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް" ކަމަށެވެެ.

"މިހާރު ކޮންމެ ދުވަހަކު ވެސް މަދުވެގެން ދިހަ ވަރަކަށް މީހުން އާދޭ އޭނަގެ ސްޓައިލަށް މަތިމަސް ހަދަން،" އޭނާ ބުންޏެވެ. "ހަގީގަތުގައި ވެސް އަހަރެމެން ފަހުރުވެރިވަން އަބިނަންދަން ދެއްކި ހިތްވަރަށް."

ގިނަ ބަޔަކު އަބިނަންދަންގެ މަތިމަސް ކޮޕީ ކުރަމުން އަންނަ އިރު، އިންޑިއާގެ ޑެއިރީ ކުންފުނި އަމުލް އިން ވެސް ވަނީ އޭނާ އަށް ވީޑިއޯއަކުން ޓްރިބިއުޓެއް ދީފަ އެވެ.

ޕާކިސްތާނުގެ ޓެރަރިސްޓުންތަކެއް ކަޝްމީރު ޕުލްވާމާގައި މިދިޔަ މަހުގެ 14 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއެއްގައި އިންޑިއާގެ އަސްކަރިއްޔާގެ 40 އަށް ވުރެ ގިނަ އޮފިސަރުން މަރައިލުމުން އިންޑިއާ އިން ވަނީ ރައްދުގައި 26 ވަނަ ދުވަހު ޕާކިސްތާނަށް ހަމަލާ ދީފަ އެވެ.

އެ ހާދިސާގެ ތެރޭގައި ޕާކިސްތާނުގެ ސިފައިން އަބިނަންދަން އަތުލައިތީ އޭނާ ދުއްވި ޖެޓް ވައްޓާލައިގެން މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.

އޭނާ ދޫކޮށްލީ މިދިޔަ ހުކުރު ދުވަހު އެވެ. އަނިބަންދަން އިންޑިއާ އަށް ދިއުމުން ހޫނު މަރުހަބާއެއް ކިޔައި، އޭނާ އިންޑިއާގެ އެތަކެއް އާންމު ރައްޔިތުން ވެސް ވަނި އޭނާ ދެއްކި ހިތްވަރަށް ސާބަސް ދީފަ އެވެ.