Roadha Mihaaru
އޭސީސީގެ މެމްބަރުން ވަކިކުރަން މަޖިލީހަށް ޕެޓިޝަނެއް

އޭސީސީގެ މެމްބަރުން ވަކިކުރަން އެދި މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަނީ

03 މާޗް 2019

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް މި ހަފުތާގައި ޕެޓިޝަނެއް ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް މި ހަފުތާގައި ޕެޓިޝަނެއް ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.

ރައްޔިތުންގެ ނަމުގައި ހުށަހަޅާ އެ ޕެޓިޝަންގައިވާ ގޮތުން، ގާނޫނުއަސާސީން ބޮޑެތި ބާރުތަކެއް ދީފައިވާ އޭސީސީގެ މެމްބަރުން ވަނީ ދިވެހިރާއްޖޭގައި ހިނގި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން އިހުމާލުވެފައި ކަމަށެވެ. ނުފޫޒުން އެއްކިބާވެ ޒިންމާ އަދާކުރެއްވި ކަމާ މެދު ސުވާލު އުފައްދައި، ކޮރަޕްޝަންގެ ތުހުމަތުތައް ވެސް އެ މެމްބަރުންގެ މައްޗަށް ކުރެވޭ ކަމަށް ޕެޓިޝަންގައިވެ އެވެ.

އޭސީސީގެ މެމްބަރުން ވަކިކުރަން ޕެޓިޝަނެއްގައި ސޮއި ކުރަނީ.

މި ސަރުކާރުން ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތު ކަނޑައަޅާފައިވާ އިރު، ކޮރަޕްޝަން ނައްތާލުމަށް އަޅާ މުހިއްމު ފިޔަވަޅެއްގެ ގޮތުން، އޭސީސީގައި މިހާރު ތިއްބެވި ފަސް މެމްބަރުން މަގާމުން ވަކިކުރަން ޕެޓިޝަންގައި ވަނީ ގޮވާލައިފަ އެވެ.

މިނިވަން މުއައްސަސާތަކުގެ މެމްބަރުން ވަކިކުރުމުގެ ބާރު ގާނޫނުއަސާސީން ދީފައި އޮތީ ރައްޔިތުންގެ މަޖިލީހަށެވެ.

އޭސީސީ މެމްބަރުން ވަކިކުރަން ޕެޓިޝަންގައި ސޮއި ކުރަނީ.

އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާ އިރު އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލަ އެކަށީގެންވާ ގޮތުގައި ތަހުގީގު ކުރަން އިހުމާލުވެފައިވާ ކަމަށް ކޮމިޝަންގެ މެމްބަރުންނަށް ތުހުމަތު ކުރެ އެވެ. އެކަމަކު އެ ތުހުމަތުތައް އޭސީސީން ދޮގުކޮށް، އެކަމުގައި އެހެން މުއައްސަސާތަކުގެ އެއްބާރުލުން ނުލިބުމާއި ތަހުގީގަށް ކުރިމަތިވި ގޮންޖެހުންތަކުގެ ތަފްސީލް ވަނީ އާއްމުކޮށްފަ އެވެ.

އޭސީސީއާ މެދު ޝަކުވާ ބޮޑުވެފައި ވަނިކޮށް، އެ ކޮމިޝަންގެ ރައީސް، ހަސަން ލުތުފީ މަނީ ލޯންޑަރިން ހިންގި ކަމުގެ ތުހުމަތުކޮށް ފުލުހުން އަންނަނީ މައްސަލައެއް ވެސް ތަހުގީގު ކުރަމުންނެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި، މަނީ ލޯންޑަ ކުރީ ލުތުފީ އާއި އިތުރު ބަޔަކު ގުޅިގެންނެވެ.

އޭސީސީގެ އިތުރުން ވެސް މިނިވަން މުއައްސަސާތައް މިދިޔަ ފަސް އަހަރުގެ ތެރޭގައި އެކަށީގެންވާ ގޮތުގައި ގާނޫނީ ޒިންމާއަދައެއް ނުކުރެ އެވެ. ނަތީޖާއަކަށް ވީ މުޅި ނިޒާމަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ލިބުމެވެ. މުޅި ނިޒާމް ރަނގަޅުކޮށް، މުއައްސަސާތަކުގެ އިތުބާރު ދެމެހެއްޓުމަކީ މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދެކެވެ.