25 ފެބުރުއަރީ 2019
ދައުލަތުގެ މީޑިއާ ހިންގަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހެދި މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެންބީސީ) އިން އަމިއްލަ ކުންފުންޏެއް ކަމަށްވާ ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އަށް 78 މިލިޔަން ރުފިޔާ ދޭން ޖެހި އޭގެ ތެރެއިން 30 މިލިޔަން ރުފިޔާ ޕީއެސްއެމުން ދިނުމުން އެކަމާ އެތައް ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ދައުލަތުގެ މީޑިއާ ހިންގަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހެދި މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެންބީސީ) އިން އަމިއްލަ ކުންފުންޏެއް ކަމަށްވާ ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އަށް 78 މިލިޔަން ރުފިޔާ ދޭން ޖެހި އޭގެ ތެރެއިން 30 މިލިޔަން ރުފިޔާ ޕީއެސްއެމުން ދިނުމުން އެކަމާ އެތައް ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ބިގަށް 78 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ޖޫން 7، 2016 ގައި ހުކުމްކުރީ އެމްއެންބީސީއާ އެކު ވެފައި އޮތް އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ލިބެން ޖެހޭ 5 މިލިއަން ރުފިޔާ ނުލިބި އޮތުމުންނެވެ. އެހެން ގޮތަކަށް ބުނާ ނަމަ، 78 މިލިއަންގެ ތެރެއިން 72.9 މިލިއަން ރުފިޔާ އަކީ ޖޫރިމަނާ އެވެ.
ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއިލްގެ 90 ޕަސެންޓް ހިއްސާ އޮންނަ ބިގާ އެކު އެމްއެންބީސީން މާޗު 7، 2010 ގައި ވީ އެއްބަސްވުމުގެ ދަށުން، އެމްއެންބީސީއަށް އިސްތިހާރުތަކުން ލިބޭ އާމްދަނީން ފަސް ޕަސެންޓްގެ ކޮމިޝަނެއް ބިގަށް ދޭން ޖެހެ އެވެ.
އެކަމަކު އޭރުގެ އޮޑިޓަ ޖެނެރަލް ނިިޔާޒު އިބްރާހިމް 2014 ގައި ނެރުއްވި އޮޑިޓް ރިޕޯޓެއްގައި ބުނެފައި ވަނީ ބިގުން އެއްވެސް މަސައްކަތެއްނުކޮށް، ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑުން ފޮނުވާ އިއުލާން ފަދަ އެއްޗެހިން ލިބޭ އާމްދަނީން ކޮމިޝަނެއް ދޭން ނުޖެހޭނެ ކަމަށެވެ.
"އެމްއެންބީސީ އިން ހިންގި ޓީވީ އާއި ރޭޑިއޯ ސްޓޭޝަންތަކުން އާއްމުކޮށް ކުރާ އިއުލާނުތަކުން ލިބޭ އާމްދަނީ އަކީ ސަރުކާރާއި އަމިއްލަ ފަރާތްތަކުން ސީދާ އެމްއެންބީސީއާ ގުޅައިގެން އާއްމުކުރުމަށް އެދި ހުށަހަޅާ އިއުލާންތަކުގެ އާމްދަނީ ކަމާއި މިކަމުގައި ބިގްގެ އެއްވެސް ހިއްސާއެއް އޮންނާނެ ކަމަކަށް ނުބެލެވެ އެވެ. އެހެންކަމުން އިއުލާންގެ ސޭލްސް ކަމިޝަނުގެ ގޮތުގައި ބިގް އަށް އެއްވެސް ފައިސާއެއް ދޭން ޖެހޭނެ ކަަމަކަށް ނުދެކެމެވެ،" އޭރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
ބިގަށް ސޭލްސް ކޮމިޝަން ދޭން ޖެހެނީ ހަމައެކަނި އިއުލާންތަކުން އެކަންޏެއް ނޫނެވެ. ދައުލަތުގެ މީޑިއާތަކުން އެސްއެމްއެސް މެދުވެރިކޮށް ހޯދާ އާމްދަނީ އާއި މައިޓޯންސް އަދި އެއާޓައިމް ވިއްކައިގެން ލިބުނު އާމްދަނީން ވެސް ބައެއް އަޅަން ޖެހެ އެވެ. އެމްއެންބީސީން ލިބެން ޖެހޭނެ ކަމަށް ބިގުން ބުނާ 5 މިލިއަން ރުފިޔާގެ ތެރޭގައި، އެސްއެމްއެސް އާއި މައިޓޯންސް އަދި ވަގުތު ވިއްކައިގެން ލިބެން ޖެހޭ ދެ މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވެސް ހިމެނެ އެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ބިގާއި އެމްއެންބީސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެއީ ވެސް ދެވޭނެ ފައިސާއެއް ނޫން ކަމަށެވެ.
އެމްޑީޕީ ސަރުކާރު ވެރިކަމުގައި އޮތް އިރު ދައުލަތުގެ މީޑިއާ ހިންގަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) ގެ ނަމުގައި، ހާއްސަ ގާނޫނެއް ހެދި އެވެ. އެކަމަކު އޭރު އިދިކޮޅު ފަަރާތްތަކުން ކޮންޓްރޯލްކުރި ރައްޔިތުންގެ މަޖިލިހުން ހެދި އެ ގާނޫނަށް އަމަލްކުރުމުގެ ބަދަލުގައި، ނަޝީދުގެ ނިންމެވުމަކަށް ވީ، ސަރުކާރުގެ ކޮންޓްރޯލް ދޫނުކޮށް، ސަރުކާރުން ވަކި ކުންފުންޏެއް ހަދައި، އޭގެ ދަށަށް ޓީވީއެމާއި ދައުލަތުގެ ރޭޑިއޯ ސްޓޭޝަންތައް ގެންދިއުމެވެ. އެމްއެންބީސީ އުފެއްދީ އެ ނިޔަތުގަ އެވެ.
އެކަމަކު ފެބްރުއަރީ 7، 2012 ގައި ނަޝީދު އިސްތިއުފާ ދެއްވުމާ އެކު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ވަނީ އެމްބީސީގެ ގާނޫނާ އެއްގޮތަށް، ޓީވީއެމް އާއި ރޭޑިއޯ ސްޓޭޝަންތައް އެ ކުންފުނީގެ ދަށަށް ބަދަލުކޮށްފަ އެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަކީ، އެމްބީސީގެ ގާނޫނު އުވާލައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި ގާނޫނެއްގެ ދަށުން، ދައުލަތުގެ މީޑިއާއާ ހަވާލުވި ކުންފުންޏެކެވެ.
ކުއްލި ގޮތަކަށް ޕީއެސްއެމުން ބިގަށް 30 މިލިއަން ރުފިޔާ ދެއްކީ، އެނގިފައިވާ ގޮތުގައި، އެ ނޫން ގޮތެއް ނެތް ކަމަށް، ފިނޭންސް މިނިސްޓްރީގެ ގާނޫނީ ލަފާ ލިބުމުންނެވެ. އަދި ޕްރައިވެޓައިޒޭޝަން ބޯޑުން ވެސް ޕީއެސްއެމަށް އެގޮތަށް އަންގާފައިވާ ކަމަށްވެ އެވެ.
ސިވިލް ކޯޓުގެ ހުކުމުގައި ޕީއެސްއެމްގެ ނަން ނެތަސް، އެ ކުންފުނީގެ ބޮލުގައި އެ ދަރަނި އެޅެނީ، އެމްއެންބީސީގެ މުދަލާއި ފައިސާ، ޕީއެސްއެމަށް ބަދަލުކޮށްފައި ވާތީ ކަމަށް، ގާނޫނީ ބައެއް ފަރާތްތަކުން ބުނެ އެވެ.
އެކަމަކު ދައުލަތަށް އެހާ ބޮޑު ގެއްލުމެއް ލިބެން އޮތް ނިންމުމެއް ސިވިލް ކޯޓުން ނިންމި އިރު، އޭރުގެ ޕީއެސްއެމުން އެ ހުކުމް، މަތީ ކޯޓުތަކުގައި އިސްތިއުނާފުކޮށްފައެއް ނުވެ އެވެ. އެހެންކަމުން ޕީއެސްއެމްގެ އޭރުގެ މެނޭޖްމަންޓުން އެކަމާ އަޅާނުލުމަކީ ވެސް ބޮޑު މައްސަލައެއް ކަމަށް، އެއް ބަޔަކު ދެކެ އެވެ.
އޭރު ދައުލަތުގެ ހުރިހާ އިދާރާތައް ކޯޓުތަކުގައި ތަމްސީލްކުރަނީ އެޓާނީ ޖެނެރަލް ކަމުން، މިހާ ބޮޑު ގެއްލުމަކުން ޕީއެސްއެމް ސަލާމަތްކުރަން އޭރުގެ ބަންޑާރަނައިބު މުހައްމަދު އަނިލް މަސައްކަތް ކުރައްވާފައި ނުވުމުން އެކަމާ ވެސް ސުވާލު އުފެދެ އެވެ.
މި މައްސަލާގައި ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލާއި އޭރުގެ ބަންޑާރަ ނައިބު އަނިލް އަދި މިހާރުގެ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ޕީއެސްއެމުން އެހާ ބޮޑު އަދަދެއްގެ ފައިސާ ބިގަށް ދިނުމާ އެކު "މިހާރު" ކިއުންތެރިންގެ މެދުގައި ތަފާތު ހިޔާލުތައް އުފެދުނެވެ. އެއް ބަޔަކު ބުނާ ގޮތުގައި މިއީ "ރައީސް ނަޝީދުގެ ދަރަނިތައް، ރައީސް މުހައްމަދު ސޯލިހު ދެއްކެވުމެ"ވެ.
ބައެއް ކިއުންތެރިން ގޯސްކުރަނީ ދަރަނި ބޮޑުވެގެން ދިޔަ އިރު ވެސް ނުދައްކާ އޮތް އޮތުމެވެ.
"ދަރަނި ނުދެއްކި ގިނަ ދުވަސް ވެގެން ދިޔައިރު ކޮބައިތޯ ތިޔަ ތަންތަނުގައި ތިއްބެވި ވެރިންނަކީ؟" ކިއުންތެރިޔަކު ސުވާލުކުރި އެވެ.
"ބޮޑު މުސާރަ ދީފައި ބޭތިއްބުމުގެ ބޭނުމެއް އެބަ އޮތްތޯ؟"
އެމްއެންބީސީގެ ދަރަންޏާ ޕީއެސްއެމުން ހަވާލުވުމުން ވެސް ބައެއް މީހުން ސުވާލު އުފައްދަ އެވެ. އެގޮތުން އެކަކު ބުނީ "އެމްއެންބީސީ އަދި ޕީއެސްއެމް އަކީ ވަކި ޤާނޫނީ ދެ ސަހުސް" ކަމަށާއި "އެމްއެންބީސީގެ ދަރަންޏަކަށް ޕީއެސްއެމް އިން ޒިންމާވާން ޖެހޭނެ އެއްވެސް ޤާނޫނީ އުސޫލެއް ނެތް" ކަމަށެވެ.
"އެހެންކަމުން މިއީ މަގާމުގެ ނާޖާއިޒު ފައިދާ ހޯދައިގެން ބަޔަކަށް ނުހައްގު މަންފާއެއް ހޯދައިދިނުން. މިކަމުގެ ފުރިހަމަ ޒިންމާ ފިނޭސް މިނިސްޓަރު އަދި ޕްރައިވަޓައިޒޭޝަން ބޯޑުގެ މެމްބަރުން ނަގަން ޖެހޭނެ ދުވަހެއް އަންނާނެ. ޒީރޯ ޓޮލަރެންސް އެޓް އިޓްސް ބެސްޓް،" ކިއުންތެރިޔަކު ލިއުނެވެ.
ބިގު ދިފާއުކޮށްފައި ވެސް ބައެއް ކިއުންތެރިން ހިޔާލު ފާޅުކުރި އެވެ. އެގޮތުން އެކަކު ސުވާލުކުރީ "ފައިސާ ލިބެން ޖެހޭ ފަރާތްތަކަށް އެ ފައިސާ ލިބޭތީ ހާދަ ބަޔަކަށް އެބަ އަސަރުކުރޭތޯ" އެވެ.
"ބަލަ ބިގް ވިޔަސް އަދި އެހެން ކުންފުންޏެއް ވިޔަސް، އެމީހުންގެ ހައްޤެއް ގެއްލުވައެއް ނުލެވޭނެ ދޯ ފައިސާގެ އަދަދު ބޮޑޭ ކިޔާފައި. ބަޔަކަށް އެމީހުންނަށް ހައްޤުވާ ފައިސާ ލިބޭތީ ހާސްވެގެން އުޅޭ މީހުން މިއޮތް ހުރިހާ ދުވަހު އެމީހުންގެ ހައްޤުތައް ހޯދައިދޭން މަސައްކަތް ނުކުރީ ކީއްވެބާ؟ ބަޔަކަށް އެއްޗެއް ލިބޭތީ ތިވަރުވާކަށް ނުވާނެ. ދެރަ ކަމެއް،" އެ ކިއުންތެރިޔާ ލިއުނެވެ.
ޕީއެސްއެމްގެ ހިޔާނާތުގެ މައްސަލަ ބަލަން އޭސީސީ އަށް
ޕީއެސްއެމުން އުސޫލާ ހިލާފަށް 22 މިލިއަން ދޫކުރި
ހާލަތަކީ ކޮރަޕްޝަނަށް ހުޅުވޭ ދޮރެއް ނޫން!
އޮޑިޓް ހަދާފައި އޮތީ ރަނގަޅަށް ނުބަލާ: އެންޑީއެމްއޭ
ހުޅުމާލެ ފެސިލިޓީން ގެއްލުމެއް ނުވާނެ: އެންޑީއެމްއޭ
ވެންޓިލޭޓަރުތައް ނުލިބިއްޖެ ނަމަ ފައިސާ ހޯދާނެ: އަމީރު
ޑަބްލިއުއެޗްއޯއާއެކު ހިންގީ ރަސްމީ މުއާމަލާތެއް: އަމީން
ކޮރަޕްޝަން ހުއްޓުވަން ސަރުކާރުން އިސްނަގަންޖެހޭ: ހަސަން
ފޮރިން/ ޕްލޭނިންގެ ރިޕޯޓު ވަނީ ހިފަހައްޓާފައި: ޝިޔާމް
ދީބާޖާ އަށް ބަދަލު ނުދޭން އޮޑިޓަ ޖެނެރަލް އަންގައިފި