Roadha Mihaaru
"ރިޕޯޓުގައި، މި ޕާޓީގެ ކެންޑިޑޭޓެއްގެ ނަމެއް ނެތް"

ޚިޔާނާތުގެ ރިޕޯޓުގައި މި ޕާޓީގެ ކެންޑިޑޭޓެއްގެ ނަމެއް ނެތް: އެމްޑީޕީ

24 ފެބުރުއަރީ 2019

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ތަހުގީގު ރިޕޯޓުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ އެއްވެސް ކެންޑިޑޭޓެއްގެ ނަމެއް ނެތް ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ތަހުގީގު ރިޕޯޓުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ އެއްވެސް ކެންޑިޑޭޓެއްގެ ނަމެއް ނެތް ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމަށް ދޫކުރި ރަށްތަކާއި ފަޅުތަކުން ދައުލަތަށް ލިބެން ޖެހޭ އާމްދަނީ ޖަމާކުރީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އެކުވެރިންގެ ކުންފުނި އެސްއޯއެފަށެވެ. އެ ހިޔާނާތް ތަހުގީގުކޮށް އޭސީސީން ނެރުނު ތަފްސީލް ރިޕޯޓުގައި އެސްއޯއެފުން ފައިސާ ޖަމާކުރި 155 މީހުންގެ ނަން ހިމެނެ އެވެ.

ރިޕޯޓުގައިވާ ގޮތުން އެސްއޯއެފުން ވަނީ ބައެއް މީހުންނަށް މިލިއަނުންނާއި ލައްކަ އިން ޑޮލަރު ޖަމާކޮށްފަ އެވެ.

އޭގެތެރޭގައި މި ސަރުކާރުގެ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ވިޔަފާރިވެރިންނާއި އާއްމުން ވެސް ހިމެނެ އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަފްޝަން ލަތީފް ވިދާޅުވީ ރިޕޯޓް އާއްމުކުރުމާ އެކު، އެމްޑީޕީގެ އެއްވެސް ކެންޑިޑޭޓެއްގެ ނަން އެ ލިސްޓުގައި އޮތްތޯ ބަލާފައިވާ ކަމަށެވެ. އެއްވެސް ކެންޑިޑޭޓަކާ މެދު މިހާތަނަށް ފިޔަވަޅު ނޭޅީ، ލިސްޓުގައި ނަން ނެތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އޭސީސީ އަށް ވެސް ރިކުއެސްޓް ކުރަނީ ވީހާވެސް އަވަހަކަށް ތަހުގީގު ނިންމަވައި ފައިނަލް ނިންމުމެއް ނިންމައި އަންގާލަ ދެއްވަން. މި ވަގުތަށް އަޅުގަނޑުމެންގެ އެއްވެސް ކެންޑިޑޭޓެއް އެ ލިސްޓުގައެއް ނެތް،" އަފްޝަން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާގެ ތެރެއިން ނިލަންދޫ ދާއިރާ ފިޔަވައި ހުރިހާ ދާއިރާތަކަށް އެމްޑީޕީން ވާދަ ކުރެ އެވެ.

އެސްއޯއެފުން ފައިސާ ޖަމާކުރި މީހުންގެ ލިސްޓުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ނަން ނެތަސް، އެ ޕާޓީގެ ބައެއް ކެންޑިޑޭޓުންގެ މަސްލަހަތު އޮންނަ ކުންފުނިތަކަށ،ް އެސްއޯއެފުން ފައިސާ ދޫކޮށް އަދި ރަށްތައް ވިއްކާފައިވާ ކަމަށް ތުހުމަތު ކުރެ އެވެ. އެކަމަކު، ހިޔާނާތުގައި އެ މީހުންގެ ބައިވެރިވުން އޮތީ ކިހާ މިންވަރަކަށް ކަމެއް ނުވަތަ އެސްއޯއެފުން ފައިސާ ޖަމާކުރި ބޭނުން ތަހުގީގު ރިޕޯޓުގައި އޭސީސީން ސާފުކޮށްދީފައެއް ނުވެ އެވެ.

ހިޔާނާތުގެ ފައިސާ އެސްއޯއެފުން ޖަމާކުރި 155 މީހުންނާ ގުޅޭ ތަހުގީގު އޭސީސީން މިހާރު އަންނަނީ ކުރަމުންނެވެ. އެ ތަހުގީގަށް، ލިސްޓުގައިވާ ބައެއް މީހުން ހާޒިރުކޮށް ސުވާލު ކުރަން ވެސް ވަނީ ފަށައިފަ އެވެ.