Roadha Mihaaru
ޔާމީން އޮންނެވި ގޮޅި އޭސީކޮށްފައި، ޚިދުމަތް ފުރިހަމަ

ޔާމީން އޮންނެވި ގޮޅި އޭސީކޮށްފައި، ހުރިހާ ޚިދުމަތެއް ލިބޭނެ: ކަރެކްޝަން

19 ފެބުރުއަރީ 2019

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ފައިސާ މަނީ ލޯންޑާކުރި މައްސަލައިގެ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން އޮންނެވީ ފެންވަރު ރަނގަޅު ގޮޅިއެއްގައި، ހުރިހާ ޚިދުމަތެއް ލިބޭ ގޮތަށް ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ފައިސާ މަނީ ލޯންޑާކުރި މައްސަލައިގެ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން އޮންނެވީ ފެންވަރު ރަނގަޅު ގޮޅިއެއްގައި، ހުރިހާ ޚިދުމަތެއް ލިބޭ ގޮތަށް ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

މާފުށީ ޖަލުގައި ބަންދުކޮށްފައިވާ ރައީސް ޔާމީނާ ގުޅޭގޮތުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އަހުމަދު ލުގުމާން މިއަދު ވިދާޅުވީ އެމަނިކުފާން އޮންނެނީ "ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓެއް"ގައި ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އެނގިފައިވާ ގޮތުގައި ރައީސް ޔާމީން އޮންނެވީ އެކަންޏެވެ.

ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަކީ ރަނގަޅު ފެންވަރަކަށް ހަދާފައި ހުންނަ ގޮޅިތަކެކެވެ. އެ ގޮޅިތައް ހަދާފައި ހުންނަނީ ކޮޓަރިއަކާއި ކޮރިޑޯއެއްގެ އިތުރުން ބެކްޔާޑެއް ވެސް ހިމެނޭ ގޮތަށެވެ. ކޮޓަރީގައި އޭސީ އާއި އެނދާއި މަޑުގޮދަނޑި އަދި އަލަމާރި ވެސް ހުރެ އެވެ. އައިސްއަލަމާރި އާއި އެއްޗެހިދޮންނަ އޮޓޯ މެޝިން ވެސް ބަހައްޓާފައި ހުރެ އެވެ. ފާހާނާގައި ހޫނު ފެނާއި ފިނިފެނުން ފެންވެރެން ހުރެ އެވެ.

އެހެން ކުށްވެރިންނާއި ޚިލާފަށް ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައި އޮންނަ ބޭފުޅުންނަށް ހާއްސަ ކެއުންތައް ލިބެ އެވެ. އަދި ކަސްރަތު ކުރުމަށް ނުކުމެ އުޅުމަށް ހާއްސަ ސަރަހައްދެއް ކަނޑައަޅާފައި އޮވެ އެވެ.

އެ ގޮޅިތަކުގައި ތިބޭ މީހުންގެ ސިއްހީ ކަންކަން ގާތުން ބަލަމުން އަންނައިރު ކިޔާނެ ފޮތްތަކާއި ނޫސް އެ ގޮޅިތަކުގައި ލިބެން ހުރެ އެވެ.

ޚިޔާނާތުގެ ކުށުގައި ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް އޮންނެވީ އޭގެ ގޮޅިއެއްގަ އެވެ. ނަމަވެސް އެއީ ވަކިކޮށްފައި ހުންނަ ތަންތަން ކަމުން އެއްބޭފުޅަކު އަނެއް ބޭފުޅަކާ ބައްދަލެއް ނުކުރެވޭނެ އެވެ.

ޔާމީންގެ ސަރުކާރުގައި އެތައް ސިޔާސީ ބޭފުޅުންނެއް ހައްޔަރުކޮށްފައިވާއިރު އެ ބޭފުޅުން ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި ބެހެއްޓީ އާދައިގެ ގޮޅިތަކުގަ އެވެ. ފަހުން އެ ބޭފުޅުން ވެސް ރަނގަޅު ގޮޅިތަކަށް ބަދަލު ކުރި އެވެ.

ނަމަވެސް ރައީސް މުހައްމަދު ނަޝީދާއި މައުމޫން އަބްދުލް ގައްޔޫމް ފުރަތަމަވެސް ބެހެއްޓީ ފެންވަރު ރަނގަޅު ގޮޅިތަކުގަ އެވެ.

ޔާމީންގެ މައްޗަށް ޕީޖީން ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައި ހުރި އެއް މިލިއަން ޑޮލަރު ލޯންޑަކުރި މައްސަލައިގަ އެވެ. އިސްލާމިކް ބޭންކްގައި ހުރި ޔާމީންގެ ޑޮލަރު އެކައުންޓަކަށް ދެ ޗެކަކުން އެސްއޯއެފުން ފައިސާ ޖަމާކުރީ އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާއަރާފައި ވަނިކޮށެވެ.