Roadha Mihaaru
ޗެލްސީ އަތުން ބަދަލުހިފައި ޔުނައިޓެޑް ކުއާޓާ އަށް

ޗެލްސީ އަތުން ބަދަލުހިފައި ޔުނައިޓެޑް ކުއާޓާ އަށް

19 ފެބުރުއަރީ 2019

ލަންޑަން (ފެބްރުއަރީ 19) - އިނގިިރޭސި އެފްއޭ ކަޕްގައި ރޭ ޗެލްސީގެ މައްޗަށް 2-0 އިން ކުރި ހޯދައި، މިދިޔަ އަހަރުގެ ފައިނަލުގައި ބަލިވި ބަލިވުމުގެ ބަދަލުހިފައި މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުން މެންޗެސްޓާ ޔުނައިޓެޑް ރޭ ފުރުސަތު ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ފެބްރުއަރީ 19) - އިނގިިރޭސި އެފްއޭ ކަޕްގައި ރޭ ޗެލްސީގެ މައްޗަށް 2-0 އިން ކުރި ހޯދައި، މިދިޔަ އަހަރުގެ ފައިނަލުގައި ބަލިވި ބަލިވުމުގެ ބަދަލުހިފައި މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުން މެންޗެސްޓާ ޔުނައިޓެޑް ރޭ ފުރުސަތު ހޯދައިފި އެވެ.

އެންމެ ފަހުން އެފްއޭ ކަޕްގައި މި ދެ ޓީމު ބައްދަލުކުރި ހަތަރު މެޗު ވެސް ނިމުނީ ޗެލްސީ މޮޅުވެގެންނެވެ. ރޭ ބަދަލު އެހިފީ އެންމެ ފަހުން މި ދެ ޓީމު މި މުބާރާތުގައި ބައްދަލުކުރި މެޗު ކަމަށްވާ މިދިޔަ އަހަރު ފައިނަލުން 1-0 އިން ޔުނައިޓެޑް ބަލިވި ބަލިވުމުންނެވެ.

ރޭގެ މެޗަށް ނުކުތްއިރު ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ އަށް އޮތީ ޕްރެޝަރު ބޮޑުވެފަ އެވެ. މި މަހު 10 ވަނަ ދުވަހު މެންޗެސްޓާ ސިޓީ އަތުން 6-0 އިން ބަލިވިއިރު، މިއީ މިދިޔަ 28 އަހަރު ތެރޭ ޗެލްސީ އެންމެ ތަފާތު ބޮޑުކޮށް ބަލިވި މެޗެވެ. އެ މެޗަށް ފަހު ޗެލްސީން ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ޔޫރޮޕާ ލީގުގައި ސްވިޑަންގެ މަލްމޯ އަތުން މޮޅުވެފަ އެވެ. އެކަމަކު ރޭގެ މެޗުގައި އަނެއްކާ އިނގިރޭސި ގަދަބާރެއް އަތުން ބަލިވުމުން ސާރީ އަށް ޗެލްސީގެ ކޯޗުކަމުގައި ދެމިހުރެވޭނެކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

ރޭގެ މެޗު ކުރިއަށްދިޔައިރު ޗެލްސީގެ ސަޕޯޓަރުން ވަނީ ސާރީ އަށް ނިސްބަތްކޮށް ނުރުހުންވުމުގެ ޝުއޫރުތައް ފާޅުކޮށްފަ އެވެ. އަދި ޗެލްސީގެ ކޯޗުކަމުން ސާރީ ވަކިކުރާނެ ކަމަށް ބުނެ އަޑުއުފުލަމުންދިޔަ އެވެ.

މެޗަށް ފަހު ސާރީ ބުނީ މަގާމުން ވަކިކޮށްފާނެތީ އެކަމާ މާ ބޮޑަށް ނުވިސްނާ ކަމަށެވެ.

"އަހަރެން ޓީމަކާ ހަވާލުވެގެން ހުރެ މަގާމާ މެދު ކަންބޮޑުވީ އިޓަލީގެ ދެ ވަނަ ޑިވިޝަނުގައި ހުރިއިރު. އަހަރެން ކަންބޮޑުވަނީ ނަތީޖާ ދަށްވީމަ. ސަޕޯޓަރުން އަޑުއުފުލާތީއެއް ނޫން. އަހަންނަށް ސަޕޯޓަރުންގެ އިހުސާސްތައް ވެސް އެނގޭ. ނަތީޖާތަށް ދަށް. އަދި އަމުދުން މި މެޗުގައި އަހަރެމެން ބަލިވުމުން އެފްއޭ ކަޕުން ކެޓީ. މިއީ އުނދަގޫ ހާލަތެއް،" ސާރީ އޭނާގެ މުސްތަގުބަލާ ބެހޭގޮތުން ބުންޏެވެ.

ރޭގެ މެޗުގައި ޗެލްސީ އަށް ލީޑުނަގައިދޭން ގޮންޒާލޯ ހިގުއައިން ވަނީ ބޮލުން ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. އަދި ޗެލްސީގެ ޕެޑްރޯ ރޮޑްރިގޭޒް ޖެހި ބޯޅައެއް ޔުނައިޓެޑްގެ ގޯލު ބެލެހެއްޓި ސާޖިއޯ ރޮމޭރޯ ވަނީ ހުއްޓުވައިފަ އެެވެ.

ޔުނައިޓެޑުން ރޭގެ މެޗުގައި ޖެހި ދެ ލަނޑު ވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގަ އެވެ. އެ ޓީމަށް ލީޑުނަގައިިދިނީ ޕައުލް ޕޮގްބާ ނަގައިދިން ބޯޅަ އަކުން މެޗުގެ 31 ވަނަ މިނިޓްގައި އެންޑަ ހެރޭރާ އެވެ. އޭގެ 14 މިނިޓް ފަހުން މާކަސް ރެޝްފޯޑް ތަނަވަސްކޮށްދިން ފުރުސަތަކުން ޕޮގްބާ ވަނީ ދެ ވަނަ ލަނޑެއް ޖަހައިދީފަ އެވެ.

ދެ ވަނަ ހާފްގެ ކުރީކޮޅުގައި ޔުނައިޓެޑްގެ ސާބިއާ މިޑްފީލްޑަރު ނަމެންޏާ މަޓިޗް ގާތްގާތުގައި ދެ ފައުލުކުރުމުން އޭނާ އަށް ދެ ވަނަ ރީނދޫ ކާޑެއް ދެއްކުމަށް ފަހު ރަތް ކާޑެއް ދައްކަން ޗެލްސީ ކުޅުންތެރިން ވަރަށް ބޮޑަށް އެޕީލްކުރި އެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ އޮލެ ގުނަ ސޯލްޝެއާ ހަވާލުވި ފަހުން ފުރަތަމަ ފަހަރަށް ބަލިވީ އެ ޓީމު އެންމެ ފަހުން ކުޅުނު މެޗުގައި ޕީއެސްޖީ އަތުންނެވެ. ރޭގެ މެޗުގައި ޗެލްސީ އަތުން މޮޅުވުމުން ޕީއެސްޖީ އަތުން ބަލިވުމުގެ މާޔޫސްކަން ގޮސްފައިވާ ކަމަށް ސޯލްޝެއާ ވަނީ ބުނެފަ އެވެ.

"މިއީ ވަރަށް ރަނގަޅަށް އަހަރެމެންގެ ޓެކްޓިކްސް މަސައްކަތްކުރި މެޗެއް. ގޯސް ނަތީޖާ އަކަށް ފަހު މި މެޗަށް ނުކުމެ ކުޅުންތެރިން ދެއްކި ކުޅުމުން ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް އޮތް ބިރު ފިލައިގެން ގޮސްފި،" ސޯލްޝެއާ ބުންޏެވެ.

ކުއާޓާ ފައިނަލުގައި ޔުނައިޓެޑް ކުޅޭނީ ރަށުން ބޭރުގައި ވުލްވްސްއާ އެވެ. މެންޗެސްޓާ ސިޓީ ބައްދަލުކުރާނީ ސްވަންސީ ސިޓީއާ އެވެ. އަނެއް ދެ މެޗުގައި މިލްވޯލް ކުޅޭނީ ބްރައިޓަންއާ އެވެ. އަދި ވަޓްފޯޑް ނުކުންނާނީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ.