Roadha Mihaaru
ޔުނައިޓެޑް ކަޓުވާލުމަށް ފަހު ޗެލްސީ ސެމީ އަށް

ޔުނައިޓެޑް ކަޓުވާލުމަށް ފަހު ޗެލްސީ ސެމީ އަށް

14 މާޗް 2017

ލަންޑަން (މާޗް 14) - އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑް 1-0 އިން ބަލިކޮށް ޗެލްސީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (މާޗް 14) - އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑް 1-0 އިން ބަލިކޮށް ޗެލްސީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ރޭގެ މެޗަށް ޔުނައިޓެޑްގެ ޒަލަޓަން އިބްރަހިމޮވިޗް ހުރީ ސަަސްޕެންޑްވެފަ އެވެ. އަނިޔާވުމުގެ ސަބަބުން ވޭން ރޫނީ އަށް ނުކުޅެވޭއިރު، އެންތަނީ މާޝިއަލް ހުރީ ބަލިވެފަ އެވެ. މެޗުގެ ކުރިން މާކަސް ރަޝްފޯޑަށް ވެސް ނުކުޅެވޭނެ ކަމަށް ބެލެވުނުއިރު، ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ އޭނާ ފުރަތަމަ އެގާރައިގައި ބޭނުންކޮށްފަ އެވެ.

ޔުނައިޓެޑަށް ރޭގެ މެޗުގައި އެންމެ ބޮޑު މައްސަލައެއް ކުރިމަތިވީ މެޗުގެ 35 ވަނަ މިނިޓްގައި ދެ ވަނަ ރީނދޫ ކާޑާ އެކު އެ ޓީމުގެ އެންޑަ ހެރާރާ އަށް ރަތް ކާޑު ދެއްކުމުންނެވެ. ޗެލްސީ މި މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ 51 ވަނަ މިނިޓްގައި ކާމިޔާބުކުރީ ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ އެވެ.

މިއީ މި ސީޒަނުގައި އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން ކުޅޭ ޗެލްސީ އަތުން މޮރީނިއޯގެ ޔުނައިޓެޑް ބަލިވި ދެ ވަނަ ފަހަރެވެ. މިދިޔަ އޮކްޓޫބަރު މަހު ކުޅުނު މެޗުން ޗެލްސީ މޮޅުވީ 4-0 އިންނެވެ.

ރޭގެ މެޗުގައި ކޮންޓޭ އާއި މޮރީނިއޯގެ ފަރާތުން ދެބަސްވުންތަކެއް ފެނިގެންދިޔައިރު، ޗެލްސީގެ ސަޕޯޓަރުންވަނީ މޮރީނިއޯ އަށް ރައްދުކޮށް ދަނޑުތެރޭގައި އަޑުގަދަކޮށްފަ އެވެ.

ރޭގެ މެޗަށް ފަހު ކޮންޓޭ ބުނީ ލީގުގެ އެންމެ ވަރުގަދަ ސްކޮޑު އޮތް ޓީމު އަތުން މޮޅުވުމަކީ ބޮޑު ހިތްހަމަ ޖެހުމަކަށެވެ.

"މިއީ ހަމައެކަނި ނަތީޖާ އަށް ބަަލައިގެން އަހަރެން ހިތްހަމަ ޖައްސާލާ މެޗެއް ނޫން. މިއީ ވަރަށް މޮޅަށް ރަނގަޅު ގޭމްޕްލޭނަކާ އެކު އަހަރެމެން ކުޅުނު މެޗެއް. ސެމީ ފައިނަލުގެ ޖާގައެއް ލިބުމާ އެއްވަރަށް މި މެޗުގައި އަހަރެމެން ކުރި ހިތްވަރާ މެދު އަހަރެން ހިތްހަމަޖެހޭ،" ކޮންޓޭ ބުންޏެވެ.

މި މޮޅާ އެކު ޗެލްސީ ވަނީ މި ސީޒަނުގައި ޕްރިމިއާ ލީގާއި އެފްއޭ ކަޕް ކާމިޔާބު ކުރުމުގެ އުއްމީދު ބޮޑުކޮށްފަ އެވެ. ޗެލްސީ އެންމެ ފަހުން ލީގާއި ކަޕް ކާމިޔާބުކުރީ 2010 ވަނަ އަހަރު އެވެ. އެ ފަހަރު އެ ޓީމަށް އިރުޝާދުދިނީ މިހާރު ބަޔާން މިއުނިކްގެ ކޯޗު ކާލޯ އަންޗެލޮޓީ އެވެ.

އެފްއޭ ކަޕް ސެމީ ފައިނަލުގައި ޗެލްސީ ނުކުންނާނީ ޓޮޓެންހަމްއާ ދެކޮޅަށެވެ. އަނެއް ސެމީގައި އާސެނަލް ކުޅޭނީ މެންޗެސްޓާ ސިޓީއާ އެވެ. ދެ ސެމީ ފައިނަލާއި ފައިނަލް މެޗު ކުޅޭނީ ވެމްބްލީގަ އެވެ.