Roadha Mihaaru
މަސް ކިރަން ލަންކާއަށް: ދެކޮޅު ޖެހޭނެ ކަމެއްތަ؟

މަސް ކިރަން ލަންކާއަށް: ދެކޮޅު ޖެހޭނެ ކަމެއްތަ؟

17 ފެބުރުއަރީ 2019

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަގަށް މަސްވެރިކޮށްގެން އެންމެ ގިނައިން އަތުލައިގަންނަނީ ސްރީ ލަންކާ މަސްބޯޓްތަކެވެ. ނުއަގުގައި ދިވެހިންގެ އަތުން މަސް ގަނެ އެކްސްޕޯޓް ކުރުމުގައި ވެސް ލަންކާ މީހުން އުޅެނީ ވަރަށް ކުރީގަ އެވެ. އެ ހާލަތުގައި އޮއްވައި ސްރީ ލަންކާ އާއި ރާއްޖޭގެ ކަނޑު ސަރަހައްދު ދެ ގައުމަށް ބޭނުން ކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށް އުޅުމަކީ ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމެކެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަގަށް މަސްވެރިކޮށްގެން އެންމެ ގިނައިން އަތުލައިގަންނަނީ ސްރީ ލަންކާ މަސްބޯޓްތަކެވެ. ނުއަގުގައި ދިވެހިންގެ އަތުން މަސް ގަނެ އެކްސްޕޯޓް ކުރުމުގައި ވެސް ލަންކާ މީހުން އުޅެނީ ވަރަށް ކުރީގަ އެވެ. އެ ހާލަތުގައި އޮއްވައި ސްރީ ލަންކާ އާއި ރާއްޖޭގެ ކަނޑު ސަރަހައްދު ދެ ގައުމަށް ބޭނުން ކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށް އުޅުމަކީ ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމެކެވެ.

މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަށް މި ސަރުކާރުގެ އަމާޒަކީ މަސް ނުކިރިގެން ތިބެން ޖެހޭޖެހުން ހުއްޓުވުމަކަށް ގެނައުމެވެ. އެކަންކުރުމަށް ދިވެހިން ބާނާ މަސް ބޭރުގެ މާކެޓުތަކަށް ދިވެހި އުޅަނދުފަހަރުތަކުގައި ގޮސް ވިއްކޭނެ ގޮތް ހަމަޖެއްސުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ މުހިންމު ވައުދެކެވެ. އެކަމަށް ހާއްސަ ބިލެއް ހެދުމަށް އެމްޑީޕީން ވަނީ ނިންމާފަ އެވެ. ސުވާލަކީ އެއީ ދެކޮޅުޖެހޭ ސިޔާސަތެއްތޯ އެވެ؟

މަސްވެރިންގެ ޝަކުވާ އަކީ ހަމަ އަގު ނުލިބުން!

މަސްވެރިން ބުނަނީ އެ މީހުން ބާނާ މަހަށް ހަމަ އަގު ނުލިބޭ ކަމަށެވެ. ކަންނެލި މަސް ގަންނަ، ބޮޑު ހަ ކުންފުނިން ރާއްޖޭގެ މާކެޓުގެ އަގު ކޮންޓްރޯލް ކުރާ ކަމަށެވެ. ގިނައިން ބާނާ ދުވަސްވަރު މަސް ކިލޯއެއްގެ އަގު 10ރ. އަށް ވުރެ ދަށްވާއިރު މިހާރަކަށް އައިސް އާއްމުކޮށް އެންމެ ބޮޑު އަގަކަށް ލިބެނީ ކިލޯއަކަށް 75ރ. ކަމަށް މަސްވެރިން ބުނެ އެވެ. އެއީ ކަންނެލީގެ މަސްވެރިކަމުގެ އަގުތައް ހުރި ގޮތެވެ. ދެން ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ކަޅުބިލަމަސް ކިރޭ އަގުތައް ވެސް ކުޑަވެގެން މަސްވެރިން ޝަކުވާ ކުރެ އެވެ.

ގެމަނަފުށީ މަސްވެރިޔަކު މަސް ބާނަނީ: މަސްވެރިންނަށް ރަނގަޅު އަގެއް ލިބެން ޖެހޭ -- ފޮޓޯ: ގެމަނަފުށީ މަސްވެރިން/ފޭސްބުކް

ގެމަނަފުށީ މަސްވެރިޔަކު މަސް ބާނަނީ: މަސްވެރިންނަށް ރަނގަޅު އަގެއް ލިބެން ޖެހޭ -- ފޮޓޯ: ގެމަނަފުށީ މަސްވެރިން/ފޭސްބުކް

މަސް ދޯނިތައް ދުވަހުން ދުވަހަށް އިތުރުވި ނަމަވެސް މަސް ގަންނަ ކުންފުނިތައް އިތުރެއްނުވެ އެވެ. މަސްވެރިން ތުހުމަތުކުރާ ގޮތުގައި އެ އަގުތައް ކަނޑައަޅަނީ ކުންފުނިތަކުން ރޭވުމެއްގެ ދަށުންނެވެ.

"ކަންނެލި ކިރަންވެގެން ގުޅީމަ ބުނާނެ މިރޭ އަށެއްގެ ފަހުން ގުޅާށޭ. ދެން އެކި ދޯނިތަކަށް ގުޅައިގެން ހުރިވަރު އެ މީހުން ބަލަނީ. އެއަށް ފަހުގައި އެ މީހުން [ކުންފުނިތަކުން] ވާހަކަ ދައްކައިގެން އެ އަގެއް އެ ކަނޑައަޅަނީ. އެހެންވީމަ މިވާ ގޮތަކީ މަސްވެރިންނަށް އެ ލިބެން ޖެހޭ އަގު ނުލިބޭ،" ކަންނެލި ދޯންޏެއްގެ ކެޔޮޅުކަން ކުރާ، މުހައްމަދު ހާމިދު ބުންޏެވެ.

ގިނައިން މަސް ބާނާ ދުވަސްވަރު މަސް ނުކިރިފައި ތިބެން ޖެހޭ ކަމަށް ވެސް މަސްވެރިން ބުނެ އެވެ. އެހެންކަމުން ކިތަންމެ ދުރަށް ދުއްވަން ޖެހުނު ނަމަވެސް މަސް ކިރަން ލަންކާއަށް ދިއުމަކީ ރަނގަޅު ގޮތެއް ކަމަށް ބައެއް މަސްވެރިން ބުނެ އެވެ.

"އަހަރެމެން ދާނީ މަސް ބާނަމުން ބާނަމުންތާ. އެހެންވީމަ ނެތެއްނު ގޯހެއް. ނ. އަތޮޅާ ދިމާލުން ނުކުތީމަ ލަންކާއަށް ދާން އެހާ ދުރެއް ނުވާނެ، 400 އެއްހާ މެއިލް ދުއްވާފައި ދެވޭނެ. އެހާ ވަރަށް އެބަ ދުއްވަން މަސް ބާނަން ވެސް،" ލަންކާއަށް ދިއުން ހަރަދު ބޮޑު ނުވާނެކަން ސާބިތުކޮށްދޭން ކެޔޮޅަކު ބުންޏެވެ.

މިވަގުތު ލަންކާގެ ކުންފުނިތަކުން އެގައުމުގެ މަސްވެރިންގެ އަތުން ކަންނެލި ކިލޯއެއް ގަންނަނީ އެވްރެޖްކޮށް 4.5 ޑޮލަރު،. (70 ރުފިޔާ) އަށެވެ. އެހެންކަމުން ސުވާލަކީ ހަމަ އެ އަގުގައި ދިވެހި ކުންފުންޏަކަށް ވިއްކުމަށް ވުރެ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ފަހަނައަޅައި ގޮސް އެހެން ގައުމެއްގެ ކުންފުންޏަކަށް ވިއްކުން ފައިދާ ބޮޑުވާނެތޯ އެވެ؟

"ވާނެ ކަމެއް ނޫން"

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަސް ގަންނަ ކުންފުނިތަކުން ބުނާ ގޮތުގައި މަސް ބާނައިގެން ލަންކާއަށް ގޮސް މަސް ކިރައިގެން އެކަށީގެންވާ އާމްދަނީއެއް ނުލިބޭނެ އެވެ. ފުރަތަމަ ސަބަބަކީ ލަންކާއަށް ދާން ހޭދަވާ މުއްދަތާއި ދާނެ ހަރަދެވެ. ދެވަނަ ކަމަކީ ކަނޑު މަގުން އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރަން މެރިޓައިމް ގާނޫނުން ހާއްސަ އުސޫލުތަކެއް ކަނޑައަޅާފައި ހުންނައިރު ރާއްޖޭގެ އުޅަނދު ފަހަރުގައި އެ ވަސީލަތްތައް ނެތުމެވެ. އަދި ފަސޭހަ ގޮތެއްގައި އެކަން ހަމަޖެއްސެން ވެސް ނެތުމެވެ.

މާލޭގެ ފަޅުތެރެ މަސްދޯނިފަހަރުން ތޮއްޖެހިފައި: މަހަށް ރަނގަޅު އަގެއް ލިބެން ޖެހޭ -- ފޮޓޯ: މިހާރު

މާލޭގެ ފަޅުތެރެ މަސްދޯނިފަހަރުން ތޮއްޖެހިފައި: މަހަށް ރަނގަޅު އަގެއް ލިބެން ޖެހޭ -- ފޮޓޯ: މިހާރު

ހޮރައިޒަން ފިޝަރީޒްގެ މެނޭޖިން ޑިރެކްޓަރު އަދުނާން އަލީ ވިދާޅުވީ ކަޅުބިލަ މަސް ޓަނެއްގެ އަގު ތައިލެންޑް މާކެޓުގައި 1،250 ޑޮލަރު (19،275ރ.) އަށް ހުރިއިރު ދިވެހި މަސްވެރިންގެ އަތުން މަސް ގަންނަނީ ވެސް ހަމަ އެ އަގުގަ އެވެ. އެ މަހަށް ފައިދާއެއް ލިބެން އޮންނަނީ ދަޅުގައި ބަންދުކުރުން ފަދަ ޕްރޮޑަކްޓެއް ހަދައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ފެކްޓަރީގައި ޕްރޮސެސް ކުރީމަ ޓަނެއްގެ އަގު އެބަ އަރާ 1،600 ޑޮލަރަށް. ބެންކޮކް ބާޒާރުގައި ވިއްކެން އެހުރީ 1،250 ޑޮލަރަށް. ފައިދާއެއް މިވަނީ ވެލިއު އެޑްކޮށްގެން،" އަދުނާން ވިދާޅުވި އެވެ.

ވަގަށް މަސްވެރިކަން ކުރަން ހުޅުވޭ ދޮރެއް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ނުގަވައިދަށް ކުރާ ކަންކަން ބެލެހެއްޓުމުގެ ފުރިހަމަ ގާބިލުކަމެއް ރާއްޖޭގައި ނެތެވެ. ލަންކާގެ ކަނޑުގެ ސަރަހައްދަކީ މަސްވެރިކަން ރަނގަޅު ހިސާބަކަށް ނުވާތީ އެގައުމުގެ މަސްވެރިން އާއްމުކޮށް މަސް ބާނަން ރާއްޖެ ހުރަސްކޮށް ހުޅަނގަށް، ވަރަށް ދުރަށް ދުއްވަ އެވެ. އެހެންވެ ހަރަދު ކުޑަކުރަން ވަގަށް ރާއްޖެ ސަރަހައްދުން ދާ ޖަހައިގެން މަސްވެރިކަން ކުރެ އެވެ. އެހެންކަމުން ރާއްޖޭގެ ކަނޑު އެގައުމަށް ހުޅުވާލައިފި ނަމަ އެއީ ވަގަށް މަސްވެރިކަން ކުރަން ވެސް ދެވޭ ފުރުސަތެކެވެ.

ސިފައިންގެ އުޅަނދެއް: ރާއްޖޭގެ ކަނޑުތައް ބެލެހެއްޓުމުގެ ފުރިހަމަ ގާބިލްކަމެއް އަދި ނެތް -- ފޮޓޯ: ނިޝާން އަލީ/މިހާރު

ސިފައިންގެ އުޅަނދެއް: ރާއްޖޭގެ ކަނޑުތައް ބެލެހެއްޓުމުގެ ފުރިހަމަ ގާބިލްކަމެއް އަދި ނެތް -- ފޮޓޯ: ނިޝާން އަލީ/މިހާރު

"ކޯސްޓް ގާޑަށް މިހާރު ވެސް މިވަރަށް ވެސް މި މޮނީޓަ ކުރެވެނީ ރާއްޖޭގެ ހުރިހާ އުޅަނދެއް އެއްގޮތަކަށް ހުންނާތީ. ދެން ލޭނު މަސްވެރިކަން ކުރަން ހުއްދަ ދީފައި ހުންނަ ދޯނިފަހަރުގެ ތަފްސީލާއި ފޮޓޯ ކޯސްޓް ގާޑާ ހުންނަނީ ހިއްސާކޮށްފައި. އެގޮތަށް އެކަން އޮއްވައި ކުއްލިއަކަށް ބޭރުގެ ފަރާތްތަކަށް ހުޅުވާލައިފި ނަމަ އެކަން މޮނީޓާކޮށް ބެލެހެއްޓޭނެ ގޮތެއް ނެތް،" ސަރުކާރުގެ ކަމާ ބެހޭ އިދާރާއެއްގެ އިސް އޮފިޝަލަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

މާކެޓުގައި ލަންކާގެ ނުފޫޒު

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސް ގަންނަ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ލަންކާ މީހުން ހިމެނެ އެވެ. އެމީހުން ކުރާ ކަމަކީ ކޮންމެވެސް ދިވެއްސެއްގެ ނަމުގައި ކުންފުންޏެއް ހަދައި އެއްވެސް އިންވެސްޓްމަންޓެއް ނެތި ރާއްޖެ އިން މަސް ގަނެގެން ލަންކާއަށް ގެންގޮސް އެ ގައުމުގެ ފެކްޓްރީތަކުގައި ތަފާތު ޕްރޮޑަކްޓްތައް ހަދައިގެން ވިއްކުމެވެ. އޭރުން ޑިއުޓީއާ ނުލައި ޔޫރަޕަށް މަސް އެކްސްޕޯޓް ކުރެވެ އެވެ.

އެތެރޭގެ ހަނގުރާމައަށް ފަހު ބައިނަލްއަގުވާމީ އެކި ޖަމިއްޔާ ޖަމާއަތްތަކުން ދިން އެހީތަކުގައި ލަންކާގައި ގިނަ އަދަދެއްގެ މަސް ފެކްޓްރީތައް ހަދާފައި އެބަ ހުއްޓެވެ. އެތަންތަނަށް ބޭނުންވާ ވަރަށް އެ ގައުމުގެ މަސްވެރިންނަށް މަހެއް ނުބޭނެ އެވެ. ރާއްޖެ އެމީހުންގެ އަމާޒަކަށް ހަދާފައިވަނީ އެހެންވެގެންނެވެ.

ސުވާލަކީ ދިވެހިރާއްޖޭގެ ކުންފުނިތަކުން ބޮޑެތި އިންވެސްޓްމަންޓްތައް ކޮށްފައި އަދި އިތުރަށް ކުރަމުން އަންނަ އިރު ހިމާޔަތްކުރާނީ ދިވެހި ކުންފުނިތައްތޯ އެވެ؟

ދިވެހި ކުންފުނިތަކަށް ގެއްލުންވާނެ

ރާއްޖޭގައި ހިންގާ މަސް ކުންފުނިތަކުން އަންނަނީ ފެންވަރު މަތިކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެއީ ހަމައެކަނި ރޯމަސް އެކްސްޕޯޓް ކުރުމުގެ ބަދަލުގައި ވެލިއު އެޑެޑް ޕްރޮޑަކްޓްތައް އެކްސްޕޯޓް ކުރުމަށެވެ. ބޮޑު އަގެއް ލިބެން އޮތީ އެހެން ކަންތައް ކޮށްގެންނެވެ. ވެލިއު އެޑެޑް އުފެއްދުންތަކުގެ ގޮތުގައި ދުވާލަކު އިތުރު 50 ޓަނު ބަންދުކުރެވޭނެ ގާބިލްކަން ހޯދަން ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން، މަސައްކަތް ކުރަމުން އަންނައިރު އަމިއްލަ މަސްކުން ފުންޏެއް ކަމަށް ވާ އެންސިސްއިން އަންނަނީ އެ ކުންފުނީގެ އާ ފެކްޓްރީ ހަދަމުންނެވެ.

ރާއްޖެ އާއި ލަންކާއަކީ ވެސް ޔޫރަޕު މާކެޓަށް މަސް އެކްސްޕޯޓް ކުރާ ދެ ގައުމެވެ. ރާއްޖޭން ލިބޭ މަސް ޔޫރަޕަށް އެކްސްޕޯޓް ކުރުމުގެ ބަދަލުގައި ލަންކާއަށް ކުރަން ޖެހޭ ސަބަބެއް ނެތެވެ. ލަންކާއަށް އޮންނަ ހަމައެކަނި އެޑްވާންޓޭޖަކީ ޑިއުޓީއާ ނުލައި ޔޫރަޕަށް މަސް އެކްސްޕޯޓް ކުރެވުމެވެ. ރާއްޖޭން ޔޫރަޕަށް މަސް ބޭރުކުރަން 22 ޕަސެންޓްގެ ޑިއުޓީއެއް ދައްކަން ޖެހެ އެވެ.

އެއަށް ވުރެ ބޮޑު އެޑްވާންޓޭޖެއް ރާއްޖެއަށް ވެސް އޮވެ އެވެ. އެއީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި މަސްވެރިކަންކުރާތީ ރާއްޖޭގެ މަހަށް ޕްރިމިއަމްގެ ގޮތުގައި ބޮޑު އަގެއް ލިބޭތީ އެވެ. ލަންކާއަކީ ދާ ޖަހައިގެން މަސްވެރިކަން ކުރާ ގައުމަކަށް ވާތީ އެ އަގެއް ނުލިބެ އެވެ. އެހެންކަމުން ޔޫރަޕަށް މަސް އެކްސްޕޯޓް ކުރުމުގައި ބޮޑު އަގު ލިބެނީ ރާއްޖެއަށެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ އިން ޖަނަވަރީ 24، 2019 ގައި އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ބެންކޮކް ބާޒާރުގައި ކަޅުބިލަމަހުގެ ޓަނެއް ހުރީ 13،000 ޑޮލަރަށެވެ. މިއީ ލަންކާއަށް ވެސް ވިއްކޭނެ އަގެވެ. އެހެންނަމަވެސް ދިވެހިރާއްޖެއަށް ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރާތީ މަދުވެގެން 200 ޑޮލަރުގެ ޕްރިމިއަމެއް ލިބެ އެވެ.

"ސީދާ ރާއްޖޭން ޔޫރަޕަށް ޑައިރެކްޓްކޮށް މަސް ކިރެން އޮއްވައި ކީއްކުރަން މެދުވެރިއެއް ބޭނުން ކުރަންވީ؟ ރާއްޖެއަށް ޕްރިމިއަމް ލިބޭ. ރާއްޖޭގެ މަހަކީ ދުނިޔޭގެ ބާޒާރުގައި އަގުބޮޑު، މަގުބޫލު މަހެއް،" ސަރުކާރުގެ އޮފިޝަލް ވިދާޅުވި އެވެ.

ހައްލަކީ މަހުގެ އުފެއްދުންތައް އިތުރުކުރުން

މަސްވެރިންނަށް ރަނގަޅު އަގެއް ދެވެން އޮންނާނީ އެ މަސް ގަންނަ ކުންފުނިތަކަށް ރަނގަޅު އެއްޗެއް ލިބިގެންނެވެ. މިފްކޯ އަބަދު ދަރަނީގައި ހިންގަން ޖެހެނީ މަސް ކިލޯއަކުން 45 ލާރީގެ ފައިދާއެއް ލައިގެން މަސްވެރިންގެ އަތުން މަސް ގަންނަން ޖެހޭތީ އެވެ. އެކަން ހައްލުކުރަން ގިނަ ކަންތައްތަކެއް އިސްލާހު ކުރަން ޖެހެ އެވެ.

އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ ހަމައެކަނި ރޯމަސް އެކްސްޕޯޓް ކުރުމުގެ ބަދަލުގައި މަހުން އުފައްދާ ތަކެތި ވެސް އެކްސްޕޯޓް ކުރުމެވެ. އެފަދަ އެއްޗެހި އުފައްދަން ޖެހެ އެވެ. އޭރުން އެކްސްޕޯޓް ކުރެވޭ އަގު ބޮޑުވެ ކުންފުނިތަކަށް ރަނގަަޅު ފައިދާއެއް ލިބޭނެ އެވެ.

"ތައިލެންޑުން ރާއްޖޭގެ މަސް ގަނެގެން އެމީހުން ފެކްޓްރީތަކުގައި ބަންދުކޮށްގެން އެވިއްކަނީ ރާއްޖޭގެ މަހަށް ރަނގަޅު އަގެއް ލިބޭތީ. ދެން ވިސްނަވާ ރާއްޖޭގައި އެ މަސް ޕްރޮސެސްކޮށްގެން ވިއްކޭ ނަމަ ލިބޭނެ ފައިދާ. ހަގީގަތުގައި މިތަނުގައި މެދުވެރިއެއް ބޭނުމެއް ނޫން. ދިވެހިން އެކަން ކުރުން ރަނގަޅީ،" މަސްވެރިކަމުގެ ދާއިރާގައި އުޅުއްވާ ތަޖުރިބާކާރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

މިހާރުގެ ހާލަތަށް ބަލަންޏާ މިފްކޯގެ ހިންގުމުގެ އޮނިގަނޑަށް ވެސް ބަދަލު ގެންނަން ޖެހެ އެވެ. ރާއްޖޭގައި ގާތްގަނޑަކަށް 20،000 މަސްވެރިން އުޅޭއިރު މިފްކޯ ވެފައިވަނީ އޭރަކު އޮންނަ ސަރުކާރަކަށް މަސްވެރިންގެ ރުހުން ހޯދަން ބޭނުންކުރާ ހަތިޔާރަކަށެވެ. އޭގެ ބަދަލުގައި މިފްކޯއިން ހަމަ އަގުގައި ވިޔަފާރި ކުރަން ފަށަން ޖެހެ އެވެ. އަދި ސިޔާސީ ބޭނުންތަކަށް އުފައްދާފައި ހުރި ވަޒީފާތަކުން އެ ކުންފުނީގެ މަތި ބަރުވުމުން ސަލާމަތްކޮށް، ހަރަދު ވެސް ކުޑަކުރަން ޖެހެ އެވެ.

ސަރުކާރުން ޓޫރިޒަމް ޕްރޮމޯޓް ކުރަން ހޭދަކުރާ ގޮތަށް މަސްވެރިކަން ޕްރޮމޯޓްކުރަން ވެސް މަސައްކަތްކުރަން ޖެހެ އެވެ. ދިވެހި އުފެއްދުންތައް ބޭރުގެ ބާޒާރުތަކުގައި ޕްރޮމޯޓްކުރާނެ އާ ވިސްނުންތަކެއް ގެންނަން ޖެހެ އެވެ. އެހެން ނޫން ނަމަ މިހާރު ލިބޭ ޕްރިމިއަމް ގެއްލުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ރާއްޖޭގެ ކަނޑުތައް އެހެން ގައުމަކަށް ހުޅުވާލާން ވިސްނުމަކީ ކުޑަ ވާހަކައެއް ނޫނެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ސިނާއަތް ކަމަށް ވާ މަސްވެރިކަމަށް، އެފަދަ ސިޔާސަތަކުން ކުރިމަތިވާނެ ނުރައްކާ ވެސް ބޮޑެވެ. އެހެންކަމުން ހޯދަންވީ ވަގުތީ ހައްލެއް ނޫނެވެ. ރާއްޖޭގައި ބާނާ މަހުން އެކި ބާވަތްތައް އުފައްދައިގެން އެކްސްޕޯޓް ކުރަން ވިސްނައި، އެ މަގުން ކުންފުނިތައް ދާން ސަރުކާރުން ބާރު އަޅަންވީ އެވެ. އެހީތެރިކަން ދޭންވީ އެވެ. މަގު ދައްކައިދޭންވީ އެވެ.