Roadha Mihaaru
ގްލޯނެޓް އެޑިއުކޭޝަން ފެއާ ފަށައިފި

12 ޔުނިވަސިޓީއާ އެކު ގްލޯނެޓް އެޑިއުކޭޝަން ފެއާ ފަށައިފި

24 އޯގަސްޓް 2016

ރާއްޖެ އާއި ބޭރުގެ ބާރަ ޔުނިވާސިޓީއާ އެކު ގްލޯނެޓްް އެޑިއުކޭޝަން ފެއާ މިއަދު، އާޓް ގެލެރީގައި ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެ އާއި ބޭރުގެ ބާރަ ޔުނިވާސިޓީއާ އެކު ގްލޯނެޓްް އެޑިއުކޭޝަން ފެއާ މިއަދު، އާޓް ގެލެރީގައި ފަށައިފި އެވެ.

މާދަމާ ރޭގެ ނިޔަލަށް ބާއްވާ ފެއާގައި ރާއްޖޭގެ ސައިރިކްސް ކޮލެޖްގެ އިތުރުން މެލޭޝިޔާގެ ޔުނިވާސިޓީތައް ބައިވެރިވެ އެވެ. އަދި މަތީ ތައުލީމަށް ލޯނު ދިނުމުގެ އިންތިޒާމް ހަމަޖައްސައިދޭ އެޑިޔުކޭޝަން މިނިސްޓްރީގެ ހަޔަ އެޑިޔުކޭޝަނުން ވެސް ދަރިވަރުންނަށް މި ފެއާގައި މައުލޫމާތު ފޯރުކޮށްދެ އެވެ.

ފެއާ ފަށަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ މަތީ ތައުލީމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީ، ބޮޑު ހޭދައެއް ވެސް ކުރަމުން އަންނަ ކަމަށެވެ. އެ ދާއިރާއަށް ސަރުކާރުން މިދިޔަ އަހަރު 20 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ ގައުމެއް ތަރައްގީވުމަށް ތައުލީމަކީ ވަރަށް މުހިއްމު ބައެއް ކަމަށާއި ރާއްޖެއިން ވެސް މަސައްކަތް ކުރަމުން އަންނަނީ ތައުލީމީ ޒުވާނުންތަކެއް އުފައްދައި، ގައުމު ތަރައްގީކުރާށެވެ.

ކިޔެވުން ނިންމާލުމަށް ފަހު ކުރިއަށް ދާނެ ދާއިރާއެއް އިހުތިޔާރުކުރާއިރު ސަމާލުކަން ދޭން މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.

ގްލޯނެޓުގެ ޑައިރެކްޓަރު އަބްދުﷲ ނަސީމް އަހުމަދު ވިދާޅުވީ ކުރިއަށް ދާނެ ދާއިރާއެއް ނޭނގި ތިބި ދަރިވަރުންނަށާއި މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ކޯސްތަކާ ބެހޭ މައުލޫމާތާއި ޕްލޭސްމަންޓް ހަމަޖެއްސުމުގައި މި ފެއާއިން އެހީތެރިވެދޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުނިން މިފަދަ ފެއާތައް ބޭއްވުމުގެ މަގުސަދު ހާސިލްވެ އެވެ.

މިއީ ގްލޯނެޓުން ބާއްވާ 19 ވަނަ އެޑިއުކޭޝަން ފެއާ އެވެ.