Roadha Mihaaru
"ކުއްލި ނުރައްކަލުގައި ހައްޔަރުކުރީތީ ފިޔަވަޅުއަޅައިދީ"

ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރުކުރީތީ ފިޔަވަޅު އަޅައިދީ: މައުމޫން

05 ފެބުރުއަރީ 2019

މިދިޔަ އަހަރުގެ ފެބްރުއަރީ 5 ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އެމަނިކުފާނާއި އާއިލާގެ މެންބަރުން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރު ކުރުމުގައި ޒިންމާވާންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅައިދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު އެދިވަޑައިގެންފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

މިދިޔަ އަހަރުގެ ފެބްރުއަރީ 5 ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އެމަނިކުފާނާއި އާއިލާގެ މެންބަރުން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރު ކުރުމުގައި ޒިންމާވާންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅައިދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު އެދިވަޑައިގެންފި އެވެ.

ސިޔާސީ ހައްޔަރީން ދޫކުރުމަށް އަމުރުކޮށް ސުޕްރީމް ކޯޓުން އަމުރެއް ނެރުމުން އެއަށް ތަބާނުވެ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. މައުމޫންގެ އިތުރުން އެމަނިކުފާނުގެ ދަނބިދަރިފުޅު މުހައްމަދު ނަދީމާއި އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވަނީ އެ އަމުރާ ގުޅުވައިގެން ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެ އަމުރު ވެގެން ދިޔައީ ޔާމީންގެ ވެރިކަން ބަލިކަށިކޮށްލި އަމުރަކަށެވެ. އަދި އެ އަމުރު ތަންފީޒުކުރުމަށް ބައިނަލްއަގުވާމީ ޕްރެޝަރާ ކުރިމަތިވި އެވެ.

"ކުއްލި ހާލަތު އިއުލާން ކުރުމުގެ އެންމެ ބޮޑު މަގްސަދަކަށްވެފައި އޮތީ އަޅުގަނޑު ހައްޔަރުކުރުންކަން ވަރަށް ސާފުކޮށް ހާމަވެގެން ދިޔަ،" މިއަދު ނެރުއްވި ބަޔާނުގައި މައުމޫން ވިދާޅުވެފައިވެ އެވެ.

މައުމޫން ވިދާޅުވީ "ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ރާއްޖޭގެ ގާނޫނު އަސާސީގެ އުސޫލުތަކާ ހިލާފަށް އަދި ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ވެސް ނަގާލައި އަދުލް އިންސާފުގެ ނިޒާމް ފުނޑުފުނޑު ކޮށްލައިފަ" ކަމަށެވެ.

މައުމޫން ވިދާޅުވެފައި ވަނީ ހައްޔަރުކޮށް އެމަނިކުފާނުގެ ބޮލުގައި އަޅުވާފައި ވަނީ ދޮގު ތުހުމަތުތަކެއް ކަމަށެވެ. އެހެންކަމުން އެމަނިކުފާނާ ދެކޮޅަށް ފިޔަވަޅު އެޅި މީހުންނަށް ހައްގު އަދަބު ދިނުމަށް މައުމޫން ގޮވާލެއްވި އެވެ.

"އެހެން ނޫނީ ކުރިއަށް އޮތް ތަނުގައި ވެސް ބާރުގައި ތިބޭ މީހުން މި ބާވަތުގެ އަނިޔާވެރި ގައިރު ގާނޫނީ ކަންތައްތައް ކުރުމަކަށް ޖެހިލުމެއް ނުވާނެ،" މައުމޫން ވިދާޅުވެފައިވެ އެވެ.

މައުމޫން ހައްޔަރުކޮށް ޖަލުގައި ބެހެއްޓުމަށް ފަހު، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާކޮށް އެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޖަލަށް ހުކުމް ވެސް ކުރި އެވެ. ނަމަވެސް ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ. އަދި މީގެ އިތުރުން ޓެރަރިޒަމްގެ ދައުވާ ވެސް މައުމޫންގެ މައްޗަށް ކުރި އެވެ. އެ ދައުވާ މިހާރު ވަނީ އަނބުރާ ގެންގޮސްފަ އެވެ.

ފެބްރުއަރީ 1 ގެ އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ފަނޑިޔާރުން ހައްޔަރުކުރީ ސިފައިން ސުޕްރީމް ކޯޓުގެ ދޮރު ވައްޓާލައިގެން ވަދެ އެވެ. އަމުރު ނެރުނީ ރިޝްވަތުގެ ބަދަލުގައި ކަމަށް ތުހުމަތުކޮށް ފަނޑިޔާރުން ހައްޔަރުކުރި ނަމަވެސް އެ ތުހުމަތު ސާބިތެއް ނުވި އެވެ. ނަމަވެސް އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅިކަމުގެ ކުށް ސާބިތުވުމުން ދެ ފަނޑިޔާރުންގެ މަގާމު ވަނީ ގެއްލިފަ އެވެ، އެ ދެ ފަނޑިޔާރުން މިހާރު ތިއްބެވީ ގޭ ބަންދުގަ އެވެ.