Roadha Mihaaru
ހައްޖުގެ ތައްޔާރީތަކާ ބެހޭ މައުލޫމާތު ސައުދީން ދީފި

ހައްޖުގެ ތައްޔާރީތަކާ ބެހޭ މައުލޫމާތު ސައުދީން އާއްމުކޮށްފި

24 އޯގަސްޓް 2016

ރިޔާޒް (އޮގަސްޓް 24) - މި އަހަރުގެ ހައްޖުގެ އަޅުކަމަށް ސައުދީންވެފައިވާ ތައްޔާރީތަކާ ބެހޭ މައުލޫމާތު އެ ގައުމުގެ ހައްޖު މިނިސްޓްރީން އާއްމުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރިޔާޒް (އޮގަސްޓް 24) - މި އަހަރުގެ ހައްޖުގެ އަޅުކަމަށް ސައުދީންވެފައިވާ ތައްޔާރީތަކާ ބެހޭ މައުލޫމާތު އެ ގައުމުގެ ހައްޖު މިނިސްޓްރީން އާއްމުކޮށްފި އެވެ.

ސައުދީގެ ހައްޖު މިނިސްޓްރީ އާއި ސެންޓްރަލް ހައްޖު ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި ވަނީ ޖަމްރާތަކަށް ހިލައުކަން ހައްޖުވެރިން ދާއިރު އާއި މައްކާގެ އަލް މަޝާއިރު ރޭލް ބޭނުން ކުރުމުގައި ހަމަޖައްސާފައިވާ އިންތިޒާމުތަކާ ބެހޭ މައުލޫމާތު ދީފަ އެވެ. އަދި ހައްޖުވެރިންގެ ހޭލުންތެރިކަން އިތުރު ކުރުމަށް 6،000 ގައިޑުން ހަރަކާތްތެރިވާނެ ކަމަށް ވަނީ ހައްޖު ކޮމިޓީން ބުނެފަ އެވެ.

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި މުސްކުޅިން ޖަމްރާ ބްރިޖް ބޭނުން ކުރުމަށް ފަސޭހަ އަށް 234 އިލެކްޓްރިކް ވީލްޗެއާ ބޭނުން ކުރާނެ އެވެ. އަދި ޖަމްރާ ބްރިޖާއި އަލް މަޝާއިރު ރޭލް ސްޓޭޝަންތަކުގައި ލިފްޓް ހަރުކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. ޚާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ޚާއްސަ ފާޚާނާތައް ހަދާފައިވާ އިރު އެ މީހުން ދަތުރު ކުރުމަށް ވަކި ލޭންތަކެއް ވެސް ވަނީ ހަމަޖައްސައިފަ އެވެ. ހައްޖުވެރިންނަށް ފަސޭހަ އަށް 36،000 ފާޚާނާ ހަދަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

ސޫދާނުން މި އަހަރު ހައްޖަށް ދާ މީހުން ފުރަން ތައްޔާރުވެފައި. --ފޮޓޯ:އޭއެފްޕީ

ސޫދާނުން މި އަހަރު ހައްޖަށް ދާ މީހުން ފުރަން ތައްޔާރުވެފައި. --ފޮޓޯ:އޭއެފްޕީ

މައްކާ ހޮސްޕިޓަލްތަކުގެ އެނދުގެ އަދަދު މިހާރު ވަނީ 5،000 އަށް އިތުރުކޮށްފައި ކަމަށް ހައްޖު ކޮމިޓީގެ ޕްރެޒެންޓޭޝަނުގައި ބުނެފައިވެ އެވެ. މައްކާ، މިނާ، މުޒްދަލިފާ އަދި އަރަފާތުގެ އިތުރުން އެހެން ބައެއް ތަންތަނުގައި ވަނީ ވަގުތީ 203 ހެލްތު ސެންޓަރު ގާއިމްކޮށްފަ އެވެ. ސިއްހީ ޚިދުމަތް ދޭ 20 ޓީމާ އެކު ވަނީ ސިއްހީ ޚިދުމަތް ދެވޭ ގޮތަށް 45 ބަސް ތައްޔާރުކޮށްފަ އެވެ. އެކި ސައިޒުގެ ހަތަރު މިލިއަން ޒަމްޒަމް ފެންފުޅި ވަނީ ބަންދުކޮށްފަ އެވެ.

މައްކާގެ އަމީރު އަދި ސެންޓްރަލް ހައްޖު ކޮމިޓީގެ ޗެއާމަން ޕްރިންސް ޚާލިދު އަލް ފައިސަލް ވަނީ މި އަހަރުގެ ހައްޖުގެ އިންތިޒާމްތައް ވީހާ ވެސް ފުރިހަމަކޮށް ގެންދިއުމަށް އެދިވަޑައިގެންފަ އެވެ.

މިދިޔަ ހޯމަ ދުވަހާ ހަމައަށް ހައްޖަށް ވަނީ 428،000 މީހުން ސައުދީ އަށް އެތެރެވެފަ އެވެ. މީގެ އިތުރުން ސައުދީން ވެސް ގިނަ އަދަދެއްގެ ބަޔަކު ހައްޖުގެ އަޅުކަމުގައި ބައިވެރިވާނެ އެވެ. ހުއްދަ ނެތި މައްކާ އަށް ވަންނަން އުޅުނު ސައުދީގެ 70،000 އަށް ވުރެ ގިނަ މީހުން މިދިޔަ ހުކުރު ދުވަހާ ހަމައަށް އަނބުރާ ފޮނުވާލާފައިވާ ކަމަށް ސައުދީގެ ރޯޑް ސެކިއުރިޓީ ކޮމާންޑުން ބުނެފައިވެ އެވެ.

މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި ވަނީ ހިތާމަވެރި ދެ ހާދިސާއެއް ހިނގައިފަ އެވެ. ގަދަ ވަޔާ އެކު ހަރަމްފުޅު ތެރެއަށް ބޮޑު ކްރޭނެއް ވެއްޓި 110 މީހުން މަރުވި އިރު މިނާގައި ފިތިގެން ވެސް ވަނީ ދެހާހަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.