Roadha Mihaaru
ގެއްލުނު ފައިސާ ހޯދަން ބޭރުގެ ވަކީލުންގެ އެހީ ހޯދަނީ

ދައުލަތަށް ގެއްލުނު ފައިސާތައް ހޯދަން ބޭރުގެ ވަކީލުންގެ އެހީ ހޯދަނީ

28 ޖެނުއަރީ 2019

ދައުލަތަށް ގެއްލިފައިވާ ފައިސާތައް އަނބުރާ ހޯދުމަށްޓަކައި ރާއްޖެއިން ބޭރުގައި ކުރަންޖެހޭ މަސައްކަތް ކުރުމަށް ބޭރުގެ ވަކީލުންގެ އެހީ ހޯދަމުންދާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދައުލަތަށް ގެއްލިފައިވާ ފައިސާތައް އަނބުރާ ހޯދުމަށްޓަކައި ރާއްޖެއިން ބޭރުގައި ކުރަންޖެހޭ މަސައްކަތް ކުރުމަށް ބޭރުގެ ވަކީލުންގެ އެހީ ހޯދަމުންދާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ދައުލަތަށް ގެއްލިފައިވާ ފައިސާތައް އަނބުރާ ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ކުރިން ވަނީ ރިޔާސީ ކޮޮމިޝަނެއް އުފައްދަވައިފަ އެވެ. އެ ކޮމިޝަންގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ދައުލަތަށް ގެއްލިފައި ހުރި ފައިސާތައް އަނބުރާ ހޯދުމަށް ފަހު އެ ފައިސާ ރާއްޖެ ގެނައުމަށްޓަކައި ގާނޫނީ ގޮތުން ރާއްޖެއިން ބޭރުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ބޭރުގެ ތަޖްރިބާކާރުންނާއި ވަކީލުންގެ ލަފާ ހޯދާފައިވާ ކަމަށެވެ. އަދި އެ މަސައްކަތްތައް ކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ އެކު އެ އޮފީހުން މަޝްވަރާ ކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިމަހު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ސަރުކާރުގެ އެހެން ބައެއް އިސްވެރިންނަށް ތުހުމަތު ކުރެވޭ މަނީ ލޯންޑްރިންގެ މައްސަލަތަކެއް ރިޔާސީ ކޮމިޝަނަށާއި ފުލުހުންނަށް ފޮނުވައިފަ އެވެ.

ދައުލަތަށް ގެއްލިފައިވާ ފައިސާތައް ހޯދުމަށް ބޭރުގެ ތަޖްރިބާކާރުންނާއި ވަކީލުންގެ އެހީ ހޯދަމުން ދާއިރު، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގައި ދައުލަތަށް ގެއްލުނު ފައިސާތައް ހޯދަން ރާއްޖޭގެ ކޯޓުތަކުގައި ކޮށްފައިވާ މަދަނީ ދައުވާތައް ރިވިއު ކުރުމަށްޓަކައި ކުރިން އޮތީ އަނބުރާ ގެނެސްފަ އެވެ.

އެ މައްސަލަތައް ރިވިއު ކުރުމަށް ފަހު އަލުން ހުށަހަޅާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ކުރިން ބުނެފައިވެ އެވެ.