13 ޖެނުއަރީ 2019
ދިގު ރާސްތާ ދުވުމުގެ ތެރެއަށް ގިނަ އަދަދެއްގެ ދިވެހިން ވަންނަ ދުވަސްވަރެއް މި ނޫނީ އަދި ނުފެނެ އެވެ. އެކަމަކު ނަސްރުﷲ އަހުމަދު ކަހަލަ ހިތްވަރު ގަދަ ދެވަނަ ދުވުންތެރިޔަކު، އޭގެ ތެރެއިން ވެސް، ފެންނާކަށް ނެތެވެ. އޭނާގެ ތަފާތު ފެންވަރު އެނގެނީ، މިހާތަނަށް 34 މެރަތަން ޖަހައިގެން، އެންމެ ގިނަ މެރެތަން ނިންމި ދިވެހި ދުވުންތެރިޔާގެ ހައިސިއްޔަތުން އެކަންޏެއް ނޫނެވެ. މިދިއަ އަހަރު ފުރިހަމަކޮށްލި 13 މެރެތަނުން ދައްކައިދެނީ އެވަރުގެ އެހެން ދުވުންތެރިޔަކު ރާއްޖޭގައި މިވަގުތު ނެތް ކަމެވެ.
ދިގު ރާސްތާ ދުވުމުގެ ތެރެއަށް ގިނަ އަދަދެއްގެ ދިވެހިން ވަންނަ ދުވަސްވަރެއް މި ނޫނީ އަދި ނުފެނެ އެވެ. އެކަމަކު ނަސްރުﷲ އަހުމަދު ކަހަލަ ހިތްވަރު ގަދަ ދެވަނަ ދުވުންތެރިޔަކު، އޭގެ ތެރެއިން ވެސް، ފެންނާކަށް ނެތެވެ. އޭނާގެ ތަފާތު ފެންވަރު އެނގެނީ، މިހާތަނަށް 34 މެރަތަން ޖަހައިގެން، އެންމެ ގިނަ މެރެތަން ނިންމި ދިވެހި ދުވުންތެރިޔާގެ ހައިސިއްޔަތުން އެކަންޏެއް ނޫނެވެ. މިދިއަ އަހަރު ފުރިހަމަކޮށްލި 13 މެރެތަނުން ދައްކައިދެނީ އެވަރުގެ އެހެން ދުވުންތެރިޔަކު ރާއްޖޭގައި މިވަގުތު ނެތް ކަމެވެ.
ގދ. ފަރެސް އަށް އުފަން 37 އަހަރުގެ ނަސްރަކީ މިހާތަނަށް ރާއްޖެއިން ފެނުނު އެންމެ ތަފާތު މެރެތަން ދުވުންތެރިޔާކަން އެންމެ ފަހުން އޭނާ ދުވި 13 މެރެތަންގެ ވަގުތުތަކުން ހާމަވެ އެވެ. އަހަރަކު އެއަށް ވުރެ މާ ގިނައިން މެރެތަން ޖަހާ ދުވުންތެރިން ވެސް ދުނިޔޭގައި އުޅެ އެވެ. އެކަމަކު 42 ކިލޯމީޓަރުގެ ދުވުން އޭނާ ނިންމި ވަގުތަށް ބަލާއިރު އެއީ އާދައިގެ ކަމެއް ނޫނެވެ: އެއިން ކޮންމެ ރޭހެއް ވެސް ނަސްރު ފުރިހަމަކުރީ ހަތަރު ގަޑިއިރަށް ވުރެ އަވަހަށެވެ.
1- 3:15:03، 2- 3:32:07، 3- 3:19:01، 4- 3:56:05، 5- 3:22:00، 6- 3:37:06 7- 3:32:45، 8: 3:23:06، 9- 3:25:03، 10- 3:42:02: 11- 3:30:42، 12- 3:43:01، 13- 3:31:44
އެއީ އަހަރެއްގެ ތެރޭގައި އެހާ ގިނަ މެރެތަން ދުވާ މީހަކަށް ބަލާ ނަމަ ވަރަށް ބޮޑު ކާމިޔާބީއެކެވެ. ހަތަރު ގަޑިއިރަށް ވުރެ އަވަހަށް މެރެތަަންއެއް ނިންމުމަކީ ފަސޭހަ ކަމެއް ނޫނެވެ. ހަމައެކަނި ރާއްޖޭގައި ބޭއްވި މެރެތަންތަކަށް ބަލައިލިޔަސް އެކަން އެނގޭނެ އެވެ. ޓީއެފްޖީން މާލެ އާއި އައްޑޫ އަދި ލ. އަތޮޅުގައި މިހާތަނަށް ބޭއްވި މެރެތަންތަކުގައި ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމި ދިވެހި ދުވުންތެރިންގެ އަދަދު ފަހަކަށް ވެސް ނާރަ އެވެ. އެހެންކަމުން އަހަރެއްގެ ތެރޭގައި 13 މެރެތަން، ތިން ގަޑިއިރާއި މިނިޓްތަކެއްގެ ތެރޭގައި ނިންމާލުމުން ނަސްރުގެ ހިތްވަރާއި ދުވުމުގެ ހުނަރާ މެދު ސާބަސް ދިނުން ނޫން އެހެން ކަމެއް ކުރެވޭކަށް ނެތެވެ.
ސިފައިންގެ ސްޓާފް ސާޖަންޓްގެ މަގާމުގައި ހުރި ނަސްރު ދުވުމުގެ ތެރެއަށް ވަނީ 2000 ގެ ކުރީކޮޅު އެވެ. ސިފައިންގެ ޔުނިޓްތަކުގެ މެދުގައި އޮތް އެތުލެޓިކްސް މުބާރާތެއްގެ 5000 މީޓަރު ދުވުމުގައި، ފަސް ވަނާގައި އޮވެ އެންމެ ފަހު 400 މީޓަރުގައި ހިފި ގޮތަށް ގޮސް ތިން ވަނަ ލިބުނު ހިސާބުން އޭނާގެ ސަމާލުކަން ދިގު ދުވުންތަކަށް ހުއްޓުނެވެ.
ހަޔާތުގެ ފުރަތަމަ މެރެތަން ޖެހީ އެކަމަށް ހާއްސަ އެއްވެސް ތަމްރީނެއް ނެތި އެވެ. އެކަމަކު 2008 ގައި އޮތް އެމްޓީސީސީ މެރަތަން ރޭސް ވެސް ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމުމުން އޭނާއަށް ދިގު ދުވުމުގެ ބުންވަރާއި ހުނަރު ލިބިފައިވާކަން، ދުވުމުގެ ކޯޗުންނަށް، އެނގުނެވެ.
އޭގެ ފަހުން އޭނާގެ ދިރިއުޅުމުގެ އެންމެ މުހިންމު އެއް ބަޔަކީ ދުވުމެވެ. ސިފައިންގޭގެ މަސައްކަތުގައި ކިތައްމެ ބިޒީކޮށް އުޅުނަސް، ލިބޭ ކުޑަ ހުސް ވަގުތުކޮޅެއް ވެސް، ދުވާ ބޫޓަށް އަރައިގެން ނުކުމެ މާލެ ވަށައި ބުރެއް ޖަހާނުލާ ނުހުރެވެ އެވެ.
"އެލާޓްގައި ސިފައިންގެ އޮންނަ ދުވަސް ދުވަހު ވެސް ރޭގަނޑު 12 ޖެހިޔަސް ހުސް ވަގުތެއް ލިބިއްޖެއްޔާ އަހަރެން ދުވަން ދާނެކަން އެނގޭނެ. އެގޮތަށް ދޫ ވެސް ކޮށްދޭ،" ނަސްރު ބުންޏެވެ.
"އެއީ އެނގޭނެ އެންމެންނަށް ވެސް ދުވަންކަން އެ ދަނީ، ދުވެ ނިންމާފައި އަންނާނީ ސިފައިންގެއަށް ކަން."
ދުވުމުގައި ނަސްރުގެ ވިސްނުން އެގޮތަށް ހުރުމުން އޭނާގެ އަޒުމް ވެސް ވަރުގަދަ އެވެ. އެހެންކަމުން މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ މެރެތަން ދުވުނު ދުވުންތެރިޔާގެ ރެކޯޑް އޮތުމަކީ، އޭނާއަށް އަދި ހިތްހަމަޖެހުމެއް ނޫނެވެ. އޭނާގެ ބޭނުމަކީ ރަނގަޅު ވަގުތެއްގައި ކޮންމެ މެރެތަންއެއް ވެސް ނިންމުމެވެ. އެގޮތުން މިދިއަ އަހަރު އަޒުމް ކަނޑައަޅާފައި އޮތީ ވެސް ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ރޭސްތައް ނިންމުމަށެވެ.
ބޭރުގެ މެރެތަންއެއް ނިންމުމަށް ފަހު ނަސްރު: އޭނާ ބުނީ އެހީތެރިކަން ލިބިއްޖެ ނަމަ އޭޝިއާގެ ރެކޯޑަކާ ހަމައަށް ވެސް ދެވިދާނެ ކަމަށް
ނަސްރު މިހާރު ހުރި ފެންވަރުގައި ދުވާ ނަމަ ޑިސިޕްލިން ވަރަށް ރަނގަޅު ވެގެން ނޫނީ އެކަމެއް ނުކުރެވޭނެ އެވެ. އޭނާ އެހެން މީހުންނަށް ދައްކައިދެނީ އެ ސިފަ އެވެ. ޕްރެކްޓިސްތައް ވައްޓާނުލުމާއި އަނިޔާއިން ސަލާމަތްވެ ހުރެ ދުވުން ކުރިއަށް ގެންދިއުމުގައި އޭނާއަކީ ނަމޫނާއެކެވެ.
"އަސްލު ހަތަރު ގަޑިއިރަށް ވުރެ އަވަހަށް އެހާ ގިނަ މެރެތަން ޖެހުމަކީ ހަށިގަނޑަށް ވަރަށް ލޯޑު ބޮޑު ކަމެއް،" ނަސްރު ބުންޏެވެ.
"ވަރަށް ފަރުވާތެރިވެގެން އެކަން މިކުރަނީ. ޕްރެކްޓިހާއި ކެއުމާއި ނިދުމާ، މި ހުރިހާ ކަމަކަށް ވެސް ސަމާލުކަން ދޭން ޖެހޭ."
އެ ޑިސިޕްލިން ހިފަހައްޓަމުން އޭނާ ހަދަމުން އަންނަ ތަމްރީންތަކާއި ބައިވެރިވާ ރޭސްތަކަށް މިދިއަ އަހަރު އެކި ފަރާތްތަކުން ބޮޑު އެހީތެރިކަމެއް ލިބުނެވެ. އޭގެ ތެރޭގައި އާއިލާގެ މީހުންނާއި ގާތް އެކުވެރިންނާއި ކޮކާ ކޯލާ ހިމެނެ އެވެ. ކޮކާ ކޯލާއިން ދިން ސްޕޮންސަޝިޕެއްގައި ބޭރުގެ ހަ މެރެތަންގައި ބައިވެރިވެވުނެވެ. ދެން އޭނާ ދުވި ރޭސްތަކަށް ހޭދަކުރީ އަމިއްލަ ޖީބުންނާއި ރައްޓެހިންނާއި އާއިލާ މީހުންގެ އެހީތެރިކަމުގަ އެވެ.
ބޭރަށް ގޮސްގެން 2017 އިން ފެށިގެން އޭނާ ހަދަމުން އަންނަ ތަމްރީންތަކަށް މިހާރު ވެސް އެމްއެންޑީއެފުން ވަނީ އޭނާ ދޫކޮށްފަ އެވެ. އެއީ އޭނާއަށް ލިބޭ ވަރަށް ބޮޑު އެއްބާރުލުމަކާއި ފުރުސަތެއް ކަމަށް ގަބޫލުކުރެވެ އެވެ.
ނަސްރު ގަބޫލުކުރާ ގޮތުގައި އެއް އަހަރުގެ ތެރޭގައި 13 މެރެތަން، ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ޖަހައިގެން ރާއްޖޭގެ ރެކޯޑެއް ހެދުމަކުން އޭނާގެ ލަނޑުދަނޑި އަދި ހާސިލެއް ނުވެ އެވެ. ސްޕޮންސަކުރާނެ ފަރާތެއް ލިބިއްޖެ ނަމަ އޭނާގެ ވިސްނުން ހުރީ މި ސަރަހައްދުގެ ރެކޯޑަކަށެވެ. އޭގެ ފަހުން އޭޝިއާގެ ރެކޯޑަކަށް ނުކުންނަން ވެސް ޖެހިލުންނުވާނެ ކަމަށް ނަސްރު ބުންޏެވެ.
"އަހަންނާ ދިމާވި ދުނިޔޭގެ އެންމެ ގިނަ މެރެތަން ޖަހަން ނުކުމެ މިހާރު އުޅޭ ޕޮލެންޑް މީހަކާ. އޭނާ ދުވަނީ ފަސް ގަޑިއިރަށް ވުރެ ވެސް ލަހުން. އެކަމަކު ޕޮލެންޑްގެ ބޮޑެތި ކުންފުނިތަކުން އޭނާ ސްޕޮންސަކޮށްފައި ހުންނަނީ ދުނިޔޭގެ ރެކޯޑަކަށް ދާތީ،" ނަސްރު ކިޔައިދިނެވެ.
"އެހެން ގައުމުތަކުގައި އެއީ ވަރަށް ސަމާލުކަން ދޭ ކަމެއް. ރެކޯޑެއް ހަދަން އުޅެންޏާ އެކަމަށް އެހީވާ ކުންފުނިތައް އެ ގައުމުތަކުގައި ހުރޭ. އެކަމަކު ރާއްޖޭގައި ވަރަށް އުނދަގޫ އެހީއެއް ހޯދަން."
"އަހަންނަށް ޔަގީންކަން އެބަ އޮތް މިހާރު މި ލަނޑުދަނޑިތައް ހާސިލްރެވޭނެ ކަމާ މެދު. އެކަން ބަލައިގަންނާނެ ބަޔަކު ބޭނުންވަނީ."
ނަސްރު މިދިއަ އަހަރު ބައިވެރިވި ރޭސްތަކުގެ ތެރޭގައި ދުނިޔޭގައި މަޝްހޫރު، އޮސްޓްރޭލިޔާގެ ގޯލްޑް ކޯސްޓާއި ޖަރުމަންގެ ބާލިން މެރެތަން ވެސް ހިމެނެ އެވެ. އެ ތަންތަނުގެ އާންމުންގެ ފަރާތުން ލިބޭ ހިތްވަރަކީ ވެސް ނަމޫނާއެއް ކަމަށް އޭނާ ބުންޏެވެ.
"ރޭސް ނިންމާފައި މެޑެލް ހިފައިގެން ދާއިރު އާންމުން އަތްޖަހާނެ. އެއީ އާންމުކޮށް މެރެތަން ނިންމާ މީހުންނަށް ވުރެ އަވަހަށް ދުވީމާ އަސްލު އަގުވަޒަންކުރަނީ. އެ މީހުންނަށް އެއީ ވަރަށް ބޮޑު ކަމެއް،" ނަސްރު އޭނާގެ ތަޖުރިބާ ކިޔައިދިނެވެ.
"އަހަރެން މަސައްކަތް މި ކުރަނީ އަހަރެންގެ ފެންވަރުގައި ރާއްޖެއަށް ރީތި ނަމެއް ހޯދަން. އަހަރެން ބޭނުން ދުނިޔޭގެ ފެންވަރުގައި ވެސް ގުނާލެވޭނެ ރެކޯޑަކާ ހަމައަށް ދާން."
މި އަހަރަށް އޭނާ ކަނޑައަޅާފައި ވަނީ ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ދުވެގެން 30 މެރެތަން ހަމަކުރާށެވެ. އޭގެ ފަހުން އަހަރަކު 65 މެރެތަން ވެސް އޭނާއަށް ޖެހޭނެކަމުގެ ޔަގީންކަން އެބަ އޮތެވެ. އެކަމަކު އެއީ އޭނާގެ އާދަޔާ ހިލާފު މަސައްކަތް ބަލައިގަނެ، އެކަމަށް އެހީތެރިވާނެ ބަޔަކު ލިބިއްޖެ ނަމަ އެވެ.
"މިއީ އަސްލު ގައުމަކަށް ވެސް ލިބޭނެ ރީތި ނަމެއް،" މިހާތަނަށް ނަސްރު ކުރި މަސައްކަތާ ބެހޭ ގޮތުން ބުންޏެވެ.
"އަހަންނަށް ޔަގީންކަން އެބަ އޮތް މިހާރު މި ލަނޑުދަނޑިތައް ހާސިލްރެވޭނެ ކަމާ މެދު. އެކަން ބަލައިގަންނާނެ ބަޔަކު ބޭނުންވަނީ."
ނަސްރު ކުރަމުން އަންނަ މަސައްކަތާއި އޭނާގެ ހިތްވަރާއި ޖޯޝްއަށް ބަލާ ނަމަ، އޭގެ ދެވަނައެއް އަދި ފެންނާކަށް ނެތެވެ.
ނަސްރު 90ވަނަ މެރަތަންގެ މެޑަލް މިލްޓަރީ ކޮމާންޑަރަށް
ދިގު ބްރޭކަށް ފަހު އެނބުރި އައި ޝިފާޒަށް ކުރިއެރުން
ނަސްރުގެ 95 ވަނަ މެރަތަންގެ މެޑަލް ނައިބު ރައީސަށް
މެރަތަން ރަނާސްގެ ދުވުންތެރިންގެ ކާމިޔާބު ފާހަގަކޮށްފި
ނަސްރުގެ 95 ވަނަ މެރަތަންގެ މެޑަލް ނައިބުރައީސަށް
ނަސްރުގެ މެރަތަން 100 އާގާތަށް، 95 ތުރުކީގައި
ނަސްރުގެ މެރަތަންގެ އަދަދު 90 އަށް
ނަސްރުގެ ހާއްސަ މެރަތަން ތުރުކީގައި ފުރިހަމަކޮށްފި
ހަތް އަހަރަށް ފަހު ޝަމްހާ ގައުމީ ޓީމުގެ އިވެންޓަކަށް
100 ވަނަ މެރެތަން އަށް ނަސްރު ތައްޔާރުވަނީ