Roadha Mihaaru
ދިގު ބްރޭކަށް ފަހު އެނބުރި އައި ޝިފާޒަށް ކުރިއެރުން

ދިގު ބްރޭކަކަށް ފަހު އެނބުރި އައިސް ޝިފާޒު ކުރިއެރުން ހޯދަނީ!

07 އޮކްޓޯބަރ 2024

ދިގު ބުރޭކަކަށް ފަހު އަލުން ވާދަވެރި ރޭސްތަކުގައި ބައިވެރިވާން ފެށި ޝިފާޒު މުހައްމަދު ރޭހަކަށް ފަހު ރޭހަކުން ކުރިއެރުން ހޯދަން ފަށައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދިގު ބުރޭކަކަށް ފަހު އަލުން ވާދަވެރި ރޭސްތަކުގައި ބައިވެރިވާން ފެށި ޝިފާޒު މުހައްމަދު ރޭހަކަށް ފަހު ރޭހަކުން ކުރިއެރުން ހޯދަން ފަށައިފި އެވެ.

އިއްޔެ ބެންގަލޫރު މެރަތަންގެ، ހާފް މެރަތަން ކެޓަގަރީގައި ވާދަކޮށް ޝިފާޒު ވަނީ އުމުރުފުރާއިން އެއްވަނަ ހޯދައިފަ އެވެ.

އެ ރޭހުން އެއްވަނަ ހޯދީ އަޝޯކް ބިންދެވެ. އޭނާ ރޭސް ނިންމީ 1 ގަޑއިރާއި 12 މިނެޓުންނެވެ.

އުމުރުން 35 އަހަރާއި 40 އަހަރާ ދެމެދުގެ އުމުރުފުރާގެ އެއްވަނައިގެ އިތުރުން ޝިފާޒު ވަނީ މުޅި ހާފް މެރަތަންއިން ނުވަ ވަނަ ހޯދައިފަ އެވެ. އޭނާ ރޭސް ނިންމީ 1 ގަޑިއިރާއި 18 މިނެޓުންނެވެ.

އޯގަސްޓް މަހު ހައިދަރްއާބާދުގައި ބޭއްވި މެރަތަންގައި އުމުރުފުރާގެ ކެޓަގަރީން ޝިފާޒު ހޯދީ ދެވަނަ އެވެ. އޭގެ ފަހުން މިދިޔަ މަހު ބޭއްވި ގައުމީ އެތުލެޓިކްސް މުބާރާރުގެ 10،000 މީޓަރުގެ ރޭހުން އެއްވަނަ ހޯދި އެވެ.

ޝިފާޒުގެ ކޯޗު ނަސްރުﷲ އަހްމަދު (ނަސްރު) ބުނީ ދިގު ބްރޭކަކަށް ފަހު އެނބުރި އައިސް ވާދަކުރި ތިން ރޭހުގައި ވެސް ޝިފާޒު ކުރިއެރުން ހޯދާފައިވާ ކަމަށެވެ.

"(ޝިފާޒު ވާދަކުރި) މިދިޔަ ތިން އިވެންޓުގައި ވެސް އޭނާ ވަނީ ކުރިއެރުން ހޯދާފަ. ޓައިމިން ވެސް ކޮންމެ އިވެންޓަކުން އިމްޕްރޫވް ވޭ،" ނަސްރު ބުންޏެވެ.

ބެންގަލޫރު މެރަތަންގައި ނަސްރު ވެސް ވަނީ އޭނާގެ 97 ވަނަ މެރަތަން ފުރިހަމަކޮށްފަ އެވެ. ނަސްރު ބުނީ ބެންގަލޫރަށް ދިޔަ ފަހުން އޭނާގެ އައިލެންޑް ރަނާސް މޯލްޑިވްސްގެގެ ޓީމުގެ ދުވުންތެރިޔެއްގެ ބައްޕަ ކުއްލިގޮތަކަށް ނިޔާވި ކަމަށެވެ. އެހެންވެ އޭނާގެ މަރަތަން ހާއްސަ ކުރީ ދުވުންތެރިޔާގެ ބައްޕަގެ ހަނދާނަށެވެ.