Roadha Mihaaru
އައިޖީއެމްއެޗުން ޚިދުމަތް ހޯދުމުގެ ތަކުލީފު ކުޑަކުރަނީ

އައިޖީއެމްއެޗުން ޚިދުމަތް ހޯދުމުގެ ތަކުލީފު ކުޑަކުރަނީ

06 ޖެނުއަރީ 2019

އައިޖީއެމްއެޗުން ޚިދުމަތް ދިނުމުގައި މިހާރު ދިމާވާ މައްސަލަތައް ދެނެގަނެ، ޚިދުމަތް ހޯދަން އުފުލަން ޖެހޭ ތަކުލީފުތައް ކުޑަކުރުމުގެ ވިސްނުންތަކާ އެކު ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އައިޖީއެމްއެޗުން ޚިދުމަތް ދިނުމުގައި މިހާރު ދިމާވާ މައްސަލަތައް ދެނެގަނެ، ޚިދުމަތް ހޯދަން އުފުލަން ޖެހޭ ތަކުލީފުތައް ކުޑަކުރުމުގެ ވިސްނުންތަކާ އެކު ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މައި ހޮސްޕިޓަލުން އާއްމުންނަށް ދިމާވާ އެންމެ ބޮޑު ދައްޗަަކީ ޚާއްސަ ޑޮކްޓަރުންނަށް ދައްކަން ނަމްބަރު ނުލިބުމެވެ. އެޕޮއިންޓްމެންޓު ކިޔޫގައި ބައެއް މީހުން މަހަކަށް ވުރެ ގިނަ ދުވަސް ހޭދަވެ އެވެ. މި މުއްދަތު ދިގުލައިގެން ގޮސް އަހަރަކަށް ވުރެ ގިނަ ދުވަސް ވެސް ހޭދަކުރަން ޖެހިފައި އެބަހުއްޓެވެ.

މިނިސްޓަރު އަމީން "މިހާރު" އަށް ވިދާޅުވީ އައިޖީއެމްއެޗުން ޚިދުމަތް ފޯރުކޮށްދިނުމުގައި ހުރި މައްސަލަތަކަށް "ވަށައި ޖެހޭ ހައްލެއް" ހޯދަން ޖެހިފައިވާ ކަމަށެވެ. ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމުން، ބައެއް މައްސަލަތަކަށް ހައްލު ލިބޭނެ ކަން ފާހަގަކުރައްވައި، މި ވަގުތުގެ ގޮތުން ދިމާވަމުންދާ ގޮންޖެހުންތަކެއް ވެސް ހުރި ކަމަށް ވިދާޅުވި އެވެ.

އައިޖީއެމްއެޗުން ޚިދުމަތް ހޯދަން ބަޔަކު މަޑުކޮށްލައިގެން: ޚާއްސަ ޑޮކްޓަރުންނަށް ދައްކަން ނަމްބަރު ނުލިބޭ ކަމުގެ ޝަކުވާ ބޮޑު. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އައިޖީއެމްއެޗުން ޚިދުމަތް ހޯދަން ބަޔަކު މަޑުކޮށްލައިގެން: ޚާއްސަ ޑޮކްޓަރުންނަށް ދައްކަން ނަމްބަރު ނުލިބޭ ކަމުގެ ޝަކުވާ ބޮޑު. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އައިޖީއެމްއެޗުގެ ޖާގައިގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމުން، ބައެއް ޚިދުމަތްތައް ފަސޭހަވެގެންދާނެ ކަމަށް އަމީން ވިދާޅުވި އެވެ.

"ޑޮކްޓަރުން ލިބުމުގައި ދިމާވާ ގޮންޖެހުންތަކެއް ވެސް އެބަހުރި. މައްސަލަ އަށް ހައްލު ހޯދަން ސަރުކާރުގެ ތެރޭގައި ވާހަކަތައް ދެކެވެމުން އަންނަނީ،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެއް ގޮންޖެހުމަކީ ރާއްޖޭގައި ސްޕެޝަލިސްޓު ޑޮކްޓަރުން މަދުވުމެވެ. އެއާއެކު، އައިޖީއެމްއެޗުގައި ވެސް އެ މީހަކު އިޚްތިޔާރުކުރާ ވަކި ޑޮކްޓަރަކަށް ދައްކަން ބޭނުންވުން ވެސް އެ މައްސަލައިގެ ތެރޭގައި ހިމެނޭ ކަމަށް ވިދާޅުވި އެވެ.

އައިޖީއެމްއެޗަށް އެކަނި ބާރުބޮޑުކުރުމުގެ ބަދަލުގައި ހައްލަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގެ ސިއްހީ ނިޒާމާ މެދު ވިސްނާފައި ބަދަލުތަކެއް ގެނައުމެވެ. އައިޖީއެމްއެޗަށް އެކަނި ބަދަލު ގެނައުމަކީ ދެމެހެއްޓެނިވި ހައްލަކަށް ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އައިޖީއެމްއެޗުގައި ހުރި މައްސަލަތައް ހައްލުކުރާއިރު، ވިސްނުން ގެންގުޅުއްވަނީ މުޅި މާލެ ސަރަހައްދަށެވެ. މައްސަލަތައް ދެނެގަނެ، އެ ތަފްސީލުތައް އާއްމުކުރަން އަދި ވަގުތުކޮޅެއް ހޭދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.