Roadha Mihaaru
ނަފްސާނީ ބަލީގެ ފަރުވާ ފުޅާ ކުރާނަން: މިނިސްޓަރު

ނަފްސާނީ ބަލީގެ ފަރުވާ ފުޅާ ކުރާނަން: މިނިސްޓަރު

10 އޮކްޓޯބަރ 2019

ރާއްޖޭގެ ތާރީޚުގައި ވެސް ނަފްސާނީ ބަލީގެ ފަރުވާ ރަނގަޅު ކުރުމަށް އެންމެ ގިނަ މަސައްކަތް ކޮށްފައި ވަނީ މި އަހަރުގެ ތެރޭގައި ކަމަށާއި ކުރިމަގުގައި އެ މަސައްކަތް އިތުރަށް ފުޅާ ކުރައްވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖޭގެ ތާރީޚުގައި ވެސް ނަފްސާނީ ބަލީގެ ފަރުވާ ރަނގަޅު ކުރުމަށް އެންމެ ގިނަ މަސައްކަތް ކޮށްފައި ވަނީ މި އަހަރުގެ ތެރޭގައި ކަމަށާއި ކުރިމަގުގައި އެ މަސައްކަތް އިތުރަށް ފުޅާ ކުރައްވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ މި އަހަރުގެ ދުވަސް ފާހަގަކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ޖަލްސާގައި މިނިސްޓަރު އަމީން ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ނަފްސާނީ ދުޅަހެޔޮކަމުގެ ވާހަކަ އެންމެ ގިނައިން ދެއްކެވުނު އަހަރު ކަމަށެވެ.

ކާމިޔާބީގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވީ، ސަރުކާރުން ހިންގާ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗްގައި ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެއް ހުޅުވުމެވެ. މިދިޔަ މާޗު މަހުގެ 25 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވައި ދެއްވި އެ ސެންޓަރަކީ މި ސަރުކާރުގެ ވައުދު ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އޯޕީޑީގައި ބަލި މީހުން ބެލުމާއި ނަފްސާނީ ބަލިތައް ވަޒަންކުރުމާއި ބަލި ދެނެގަތުމާއި ބޭހުގެ އެހީގައި ފަރުވާ ދިނުމާއި އޮކިއުޕޭޝަނަލް ތެރަޕީ އެ ސެންޓަރުން ދެ އެވެ.

އެތަނުން 4،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ފަރުވާ ހޯދާފައިވެ އެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާާހަގަ ކުރުމުގެ ގޮތުން ބޭއްވި ޖަލްސާ މިނިސްޓަރ އަބްދުﷲ އަމީނާއި ސިއްހީ ދާއިރާގެ ބައެއް އިސް ބޭފުޅުން-- ފޮޓޯ: ހެލްތް މިނިސްޓްރީ

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާާހަގަ ކުރުމުގެ ގޮތުން ބޭއްވި ޖަލްސާ މިނިސްޓަރ އަބްދުﷲ އަމީނާއި ސިއްހީ ދާއިރާގެ ބައެއް އިސް ބޭފުޅުން-- ފޮޓޯ: ހެލްތް މިނިސްޓްރީ

މިނިސްޓަރު އަމީން މިރޭ ވިދާޅުވީ ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް އަދި ކިރިޔާ ފެށުނީ ކަމަށާއި ކުރިއަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން، މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކަށް ނަފްސާނީ ބަލިތަކުގެ ފަރުވާ އާއި ހޭލުންތެރި ކުރުވުމުގެ ކަންކަން ހަމަޖެއްސުމަކީ ކުރަން ޖެހިފައިވާ ބުރަ އަދި މުހިންމު މަސައްކަތެއް ކަމަށް އަމީން ވިދާޅުވި އެވެ.

"މި ފަށައިގަނެވުނު މަސައްކަތްތަކުގެ އެކި ހަރުފަތްތަކުގައި އަޅުގަނޑުމެންނަށް އެ ހިސާބަށް ދެވޭނެ ކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން،" ނަފްސާނީ ބައްޔަށް ފަރުވާދޭ މީހުން ބައިވެރިވި ޖަލްސާގައި ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި، ރާއްޖޭގެ ފަސް ސަރަހައްދެއްގައި ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކާމިޔާބު ވާއިރު، ނަފްސާނީ ބަލިތަކަށް ވެސް އެ ސަރަހައްދުތަކުން ރަނގަޅު ފަރުވާ ލިބޭނެ އެވެ.

އެއީ ހދ. ރީޖަނަލް ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލް، ލ. ގަން ހޮސްޕިޓަލް އަދި ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލެވެ.

ނަފްސާނީ ބަލިތަކަށް އާންމުން ހޭލުންތެރި ކުރުމަށް ޓީޗަރުންނާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ އެހެން މީހުން ނުކުތުމަށް މިނިސްޓަރު އަމީން އެދިވަޑައިގަތެވެ. ތުއްތު ކުދިންނާ ހިސާބުން އެ މަސައްކަތް ފެށިއްޖެ ނަމަ ކާމިޔާބީއާ ހަމައަށް ދެވޭނެ ކަމަށް ވިދާޅުވި އެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތް ކުރާ ޖަމިއްޔާއެއްގެ އަގު ވަޒަންކޮށް މިނިސްޓަރު ހަދާނީ ފިލާއެއް ހަވާލު ކޮށްދެއްވަނީ-- ފޮޓޯ: ހެލްތް މިނިސްޓްރީ

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތް ކުރާ ޖަމިއްޔާއެއްގެ އަގު ވަޒަންކޮށް މިނިސްޓަރު ހަދާނީ ފިލާއެއް ހަވާލު ކޮށްދެއްވަނީ-- ފޮޓޯ: ހެލްތް މިނިސްޓްރީ

މިނިސްޓަރު ވިދާޅުވީ އުފަލާއި ކާމިޔާބީތަކުގެ ވާހަކަ ދުނިޔޭގެ ހަތަރު ބިތަށް އަންގަން ބޭނުންވާ ފަދައިން ނުތަނަވަސް ކަމާއި ހާސްކަމުގެ ވަގުތުގައި އެ ވާހަކަތައް ވެސް ހިއްސާ ކުރަން ޖެހޭ ކަމަށެވެ. ނަފްސާނީ ދުޅަހެޔޮ ކަމަށްޓަކައި އެކަކު އަނެކަކާ ވާހަކަތައް ހިއްސާ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ހަގީގީ ހާލަތު އިތުބާރު ހިފޭ ގޮތެއްގައި ކިޔައި ދެވޭނެ ހާލަތު މެދުވެރިވާން ޖެހޭ."

ނަފްސާނީ ބަލި ތަހައްމަލް ކުރަމުން ދާ މީހުންނަކީ އެކަނިވެރިން ކަމަށް އެފަދަ މީހުން ގަބޫލުކޮށްގެން ނުވާނެ ކަމަށާއި އެ މީހުންނަށް އެހީތެރިވުމަށް އެތައް ބަޔަކު އެބަތިބި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ފަރުވާ ދޭ ފަރާތްތަކާއި ފަރުވާ ހޯދާ ފަރާތްތަކާއި ފަރުވާގެ ކަންކަން އިންތިޒާމު ކުރާ ފަރާތްތަކާއި އާއިލީ ބޭފުޅުންނާއި މުޖުތަމައުގައި ތިބި ހުރިހާ ބޭފުޅުންނަކީ އެއްބައެއްގެ ގޮތުގައި މި ކަމުގައި މަސައްކަތް ކުރަން ޖެހޭ،" އަމީން ވިދާޅުވި އެވެ.

ހަށިހެޔޮ ދުޅަހެޔޮ މީހަކަށް ވެވޭނީ ނަފްސާނީ ގޮތުން ދުޅަހެޔޮ މީހަކަށް ވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ވިދާޅުވީ، ރާއްޖެ އަށް ލިބިފައިވާ ގުދުރަތީ މާހައުލަކީ ނަފްސާނީ އެކި ކަންކަމުން އަރައިގަތުމަށް އެހީއެއް ކަމަށެވެ. އެގޮތުން، އިރުއަރާ މަންޒަރު ފަދަ ގުދުރަތީ ހިތްގައިމު މަންޒަރުތަކުގެ އުފާ ލިބިގަތުމަށް އެދިވަޑައިގަތެވެ. އަދި ގޭތެރޭގެ މާހައުލަކީ އޯގާތެރިކަމާއި އުފާވެރި މާހައުލަކަށް ހަދަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.