Roadha Mihaaru
"ހަފުތާ ރެސް"، ކުލަ ގަދަކޮށް މާދަމާ ރޭ ފަށަނީ

"ހަފްތާ ރެސް" ގައި ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް އުންމީދު ކުރަން: މަހުލޫފް

27 ޑިސެމްބަރ 2018

ޒުވާނުންގެ ހުނަރާއި ވިޔަފާރީގެ ހަރަކާތްތައް އެކުލެވޭ "ހަފްތާ ރެސް" ގައި ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ޒުވާނުންގެ ހުނަރާއި ވިޔަފާރީގެ ހަރަކާތްތައް އެކުލެވޭ "ހަފްތާ ރެސް" ގައި ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

ކޮންމެ ހަފްތާ ބަންދެއްގައި ރަސްފަންނު ސަރަހައްދުގައި ބާއްވަން ރާވާފައިވާ ހަފްތާ ރެސްގެ ފުރަތަމަ ހަރަކާތް މާދަމާ ރޭ ފަށާނީ އަލިފާނުގެ ކުޅިވަރާ އެކު އެވެ. ހަފްތާ ބަންދަށް ހާއްސަކޮށްގެން މާރުކޭޓަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ފެށުމަކީ އާ ސަރުކާރުގެ ފުރަތަމަ 30 ދުވަހު ފުރިހަމަކުރަން ހިމަނާފައިވާ ވައުދެކެވެ.

ޔޫތް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ ހަފްތާ ރެސް ރަސްމީކޮށް ހުޅުވާނީ މާދަމާ ރޭ 8:00 ގައި ކަމަށެވެ. ނަމަވެސް މާދަމާ ހަވީރު ކުޑަކުދިންނަށް އަމާޒުކޮށްގެން ހަރަކާތްތަކެއް އެ ސަރަހައްދުގައި ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަވީރު ގަޑި ހާއްސަ ކުރެވިގެން ދާނީ ކުޑަކުދިންނަށް. ސްޓޭޖު ހަރަކާތްތަކެއް ކުރިއަށް ދާނެ [އެ ވަގުތު]،" މިނިސްޓަރު ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވި ގޮތުގައި މި މާރުކޭޓުގައި ހުންނާނީ މުދަލާއި ކާބޯތަކެތި ލިބޭނެ ސްޓޯލްތަކެކެވެ. އަދި މި ސްޓޯލްތައް ދޫކުރުމުގައި ނުކުޅެދުންތެރިކަން ހުންނަ ވިޔަފާރިވެރިންނަށާއި އަންހެން ވިޔަފާރިވެރިންނަށް ހާއްސަ ސަމާލުކަމެއް ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރީ މީގައި ވަރަށް ބޮޑަށް ޒުވާނުންގެ ބައިވެރިވުން ހިމަނައިގެން. އެ ގޮތުން އަޅުގަނޑުމެންގެ މި ޕާޓީތަކަށް ނިސްބަތްވާ ޒުވާނުން ގޮފީގެ މެމްބަރުންގެ އިތުރުން ޔޫތު މިނިސްޓްރީން ވެސް އަޅުގަނޑުމެން ޒުވާނުން ނެގިން،" މަހުލޫފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ހަފްތާ ރެސް ވާނީ މާލޭގައި ކުރިން ކުރިއަށް ގެންދިޔަ "ނައިޓް މާކެޓު" ފަދަ ތަނަކަށެވެ.

ހަފްތާ ރެސް ރޭވުމުގެ ކޮމިޓީގައި ހިމެނޭ ޔޫތް އޮފިސަރު އިސްމާއިލް ޝިހާބު ވިދާޅުވީ މާރުކޭޓުގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ. މިނިސްޓްރީގެ ވެބްސައިޓުންނާއި ވެލާނާގޭގެ ތިން ވަނަ ބުރިން ލިބެން ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.

ފޯމު ހުށައެޅުމުގެ ބަދަލުގައި ވަރަށް އަވަހަށް އެކަމަށް ހާއްސަ ފޯނު އެޕްލިކޭޝަނެއް ނެރެން ޔޫތު މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އޭރުން ހަފްތާ ރެސްގައި ބައިވެރިވާން ހުށަހެޅުމުގެ އިތުރުން، އެ ހަރަކާތުގައި ބައިވެރިވާ ވިޔަފާރިވެރިންނާއި މިޔުޒިކީ ފަންނާނުންގެ މައުލޫމާތު ވެސް އެއިން ފެންނާނެ ކަމަށް ޝިހާބު ވިދާޅުވި އެވެ.