Roadha Mihaaru
ފަލަވުމުގެ ސަބަބުން ކެންސަރުޖެހޭ މީހުން ގިނަވަނީ

ފަލަވުމުގެ ސަބަބުން ކެންސަރުޖެހޭ މީހުން ގިނަވަނީ

18 ޑިސެމްބަރ 2018

އެކަށީގެންވާ ވަރަށް ވުރެ ބަރުވުމާއި ފަލަވުމަކީ ކެންސަރުޖެހޭ މީހުންގެ އަދަދު އިތުރުވާ ސަބަބެއް ކަމަށާއި 2012 ވަނަ އަހަރުގެ ހިސާބުތަކަށް ބަލާއިރު ކެންސަރު ޖެހުނު ހަތަރު ޕަސެންޓް މީހުން ނުވަތަ ކޮންމެ 25 މީހަކުން އެކަކީ އެކަށީގެންވާ ވަރަށް ވުރެ ފަލަ މީހުން ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ހަށިގަނޑުގެ ބަރުދަން މާބޮޑަށް އިތުރުވުމުގެ މައްސަލަ 1970ގެ ތެރޭގައި ފެށުނު ފަހުން މިކަމަށް ހައްލެއް ނާދެ އެވެ. އެގޮތުން 2016 ވަނަ އަހަރުގެ ނިޔަލަށް ބަލާއިރު، ބޮޑެތި މީހުންގެ ތެރެއިން 40 ޕަސެންޓް މީހުން ނުވަތަ ދެ ބިލިއަން މީހުންނަކީ އެކަށީގެންވާ ވަރަށް ވުރެ ފަލަމީހުންނެވެ. އަދި ފަސް އަހަރާއި 19 އަހަރާ ދެމެދުގެ 18 ޕަސެންޓް ނުވަތަ 340 މިލިއަން ކުދިންނަކީ ފަލަކުދިންނެވެ.

ކެންސަ ޖާނަލް ފޯ ކްލީނީޝަންސްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނެފައިވާ ގޮތުގައި ފަލަ މީީހުންގެ އަދަދު އެންމެ ބޮޑަށް އިތުރުވަމުން އަންނަނީ ފަގީރު އަދި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގަ އެވެ. ތަޖުރިބާކާރުން ބުނީ މިއީ ހުޅަނގުގެ ގައުމުތަކުގެ ވައްޓަފާޅިއަށް އުޅޭ މީހުން ގިނަވެ، ފޮނި ކާބޯތަކެތި ބޭނުންކުރުން އާންމުވުމާއެކު ކަސްރަތާ ދުރުވުމުގެ ނަތީޖާ އެވެ.

"ދުންފަތުގެ އިސްތިއުމާލުކުރުމުން ކެންސަރުޖެހޭ މީހުންގެ އަދަދަށް ވުރެ ފަލަވުމުގެ ސަބަބުން ކެންސަރުޖެހޭ މީހުންގެ އަދަދު ކޮންމެވެސް ދުވަހަކުން އިތުރުވާނެ ކަމަށް، މިހާރު މި މައްސަލަ އޮތް މިންވަރުން ބެލެވޭ،" ނިއު ޔޯކް ސިޓީގެ ލެނަކްސް ހިލް ހޮސްޕިޓަލްގެ ތަޖުރިބާކާރު ޑޮކްޓަރެއް ކަމަށްވާ ޑރ. މިޝެލް ރޮސްލިން ވިދާޅުވި އެވެ.

"ފަލަވުމާއި ކެންސަރާ ހުރި ގުޅުން މި ދަނީ ހާމަވަމުން."

ދިރާސާގައި ބުނީ ފަލަވުމުގެ ސަބަބުން ކެންސަރުޖެހޭ މީހުންގެ އަދަދު، ހައިރާންވާ މިންވަރަށް އިތުރުވެފައިވާ ކަމަށާއި މި އަދަދު އަދިވެސް އެތައް ގުނައެއް މައްޗަށް ދިއުމުގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ.