Roadha Mihaaru
ބޯހިޔާވަހިކަމުގެ މަޝްރޫއު ގެންދިޔަގޮތް ބަލަން ކޮމެޓީއެއް

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ގެންދިޔަ ގޮތް ބަލަން ކޮމެޓީއެއް އުފައްދަނީ

12 ޑިސެމްބަރ 2018

ފާއިތުވި އަހަރުތަކުގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިޔަ ގޮތް ބަލަން ފަސް މެމްބަރުންގެ ކޮމެޓީއެއް އުފައްދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ނިންމަވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފާއިތުވި އަހަރުތަކުގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިޔަ ގޮތް ބަލަން ފަސް މެމްބަރުންގެ ކޮމެޓީއެއް އުފައްދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި "ހިޔާ މަޝްރޫއު" އާއި "ގެދޮރުވެރިކުރުމުގެ މަޝްރޫއު" އަދި "ގުޅިފަޅު ހައުސިން ޕްރޮޖެކްޓް" އާ ގުޅިގެން ރައްޔިތުން ހުށަހަޅާ ޝަކުވާތަކާއި އެ މަޝްރޫއުތަކާ ގުޅުންހުރި ހުރިހާ މައްސަލަތައް ބެލުމަށް ކޮމެޓީއެއް އުފައްދަން ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެކަމާ މެދު މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.

އެ ކޮމެޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގެދޮރުވެރިކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ސަރުކާރަށް ލިބޭ ޝަކުވާތައް ދިރާސާކޮށް، އެ ކަންކަމާމެދު އަމަލުކުރާނެ ގޮތުގެ ލަފައެއް ރައީސަށް އެރުވުން ހިމެނެ އެވެ. އަދި، ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބުނު ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓްތައް އަލުން ރިވިއުކޮށް، ޕޮއިންޓް ދީފައިވަނީ އުސޫލާ އެއްގޮތަށްތޯ ކަށަވަރުކުރުން ވެސް ހިމެނެ އެވެ. އޭގެ އިތުރުން ފްލެޓްތައް ދިނުމުގައި އުސޫލުން ބޭރުން ކަންކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވި ފަރާތްތައް ހޯދައި، އެ ފަރާތްތަކާމެދު އަމަލުކުރާނެގޮތުގެ ލަފާ ރައީސަށް އެރުވުމަކީ ވެސް އެ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ހިޔާ މަޝްރޫއާއި ގެދޮރުވެރިކުރުމުގެ މަޝްރޫ އާއި ގުޅިފަޅު ހައުސިން ޕްރޮޖެކްޓުގެ ދަށުން ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތް ރިވިއުކޮށް، ފްލެޓް ހައްގުވާ ފަރާތްތަކަށް އެންމެ އިންސާފުވެރިކޮށް ފްލެޓް ކަށަވަރުކޮށްދިނުމުގައި ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އަރުވާނީ އެ ކޮމިޓީން ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ވަޒީރުންގެ މަޖިލީހުގެ ލަފައާ އެއްގޮތަށް ރައީސް ވަނީ ގުޅިފަޅު ހައުސިން ޕްރޮޖެކްޓަށް ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން ފްލެޓް ލިބިފައިނުވާ މީހުންނަށް ބަދަލު ދިނުމަށް ނިންމަވައިފަ އެވެ. ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 80،000 މީހުންނަށް އަމާޒުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ ފްލެޓު ލިބޭ މީހުން ވަނީ އޭރުގެ ސަރުކާރުން ކަނޑައަޅައިފަ އެވެ. އަދި ފްލެޓު ލިބުނުކަމުގެ ލިޔުން ވެސް ހަވާލުކުރި އެވެ.

ގުޅިފަޅު ހައުސިންނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ފެށި ޕްރޮޖެކްޓެކެވެ. ނަމަވެސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން އެ މަޝްރޫއު ވަނީ ހުއްޓާލައިފަ އެވެ.

ބޯހިޔާވަހިކަމާ ގުޅޭ އެ ނިންމުންތަކަކީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަކުރަން ނިންމާފައިވާ ކަމެކެވެ.