17 އޯގަސްޓް 2016
ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) ގެ ވިޔަފާރި ފެށުމުގެ ހުއްދައިގެ މުއްދަތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިތުރުކޮށްދީފި އެވެ.
ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) ގެ ވިޔަފާރި ފެށުމުގެ ހުއްދައިގެ މުއްދަތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިތުރުކޮށްދީފި އެވެ.
އެ އޮތޯރިޓީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ސީބީއެމް އަށް ބޭންކިން ވިޔަފާރި ފެށުމަށް ދީފައިވާ މުއްދަތުގައި ހިދުމަތް ދޭން ދަތިތަކެއް ހުރުމުން، އަންނަ މަހުގެ 15ގެ ނިޔަލަށް ދީފައިވާ މުއްދަތު ސެޕްޓެމްބަރު 26އަށް އިތުރުކޮށްދީފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ބޭންކަށް މިދިޔަ މެއި މަހުގެ 16 ވަނަ ދުވަހު ލައިސަންސް ދިނީ ސެޕްޓެމްބަރު 15 ގައި ފެށުމަށް ޝަރުތުކޮށްފައި ކަމަށެވެ.
"އެ މުއްދަތުގައި ހިދުމަތް ދޭން ފަށަން ޖެހޭނެ. އެ ފަރާތުން އެދުނު ގޮތަށް ކުރިން ދީފައިވާ މުއްދަތަށް ވުރެ ދެ ހަފުތާ އިތުރުކޮށްދީފައި އެވަނީ،" އޮފިޝަލް ވިދާޅުވި އެވެ.
ސީބީއެމްގައި ޓްރީ ޓޮޕްގެ 45 ޕަސެންޓް ހިއްސާވާއިރު 55 ޕަސެންޓް ހިއްސާ ކޮންޓްރޯލް ކުރަނީ ކޮމާޝަލް ބޭންކް އޮފް ސްރީ ލަންކާއިންނެވެ.
ޓްރީ ޓޮޕް އިންވެސްޓްމަންޓަކީ ޗަމްޕާ އަފީފާއި އޭނާގެ އާއިލާގެ ބައެއް ބޭފުޅުންގެ އިތުރުން ކްރައުން ކޮމްޕެނީ އަދި ކާސާ ހޯލްޑިންގްސް ހިއްސާވެގެން އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން އަންނަނީ ހުޅުމާލޭގައި 600 އެނދުގެ ހޮސްޕިޓަލެއް ވެސް އަޅަމުންނެވެ.
އެމްއެމްއޭ އިން ކުރިން ބުނެފައި ވަނީ ސީބީއެމް އަށް ހުއްދަ ދިނީ ވިޔަފާރި ބޭންކަކުން ދޭ ހުރިހާ ހިދުމަތެއް ދިނުމަށް ކަމަށެވެ.
ލަންކާގެ ކޮމާޝަލް ބޭންކުން ރާއްޖޭގައި ބޭންކެއް ހިންގުމުގެ ހުއްދަ އަށް އެދުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެ ބޭންކުގެ ގޮތްޕެއް 2003 އިން ފެށިގެން ބަންގްލަދޭޝްގައި އަދި މިދިޔަ އަހަރުގެ ޖޫން މަހު ވަނީ މިޔަންމާގައި ރެޕްރެޒެންޓޭޓިވް އޮފީހެއް ހިންގަމުންނެވެ.
ރާއްޖޭގައި މިވަގުތު ހިންގަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިތުރުން ލަންކާގެ ގައުމީ ބޭންކް، ބޭންކް އޮފް ސިލޯން، ސްޓޭޓް ބޭންކް އޮފް އިންޑިއާ، ހަބީބް ބޭންކް، އެޗްއެސްބީސީ، މޮރިޝަސް ކޮމާޝަލް ބޭންކެވެ.
ކޮމާޝަލް ބޭންކުން މިދިޔަ އަހަރު ބުނެފައި ވަނީ ރާއްޖޭގައި ފުރަތަމަ ފަށާނީ އެއް ބްރާންޗުން ކަމަށާއި އެކަމަކު ފަސް އަހަރު ތެރޭގައި ތިން ބްރާންޗް ހުޅުވަން ނިންމާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން އޭޓީއެމްގެ ހިދުމަތް މުހިންމު ތަންތަނުގެ ދިނުމުގެ އިތުރުން ޓެކްނޮލޮޖީގެ ބޭނުންކުރެވެން އޮތް އެންމެ ފުޅާދާއިރާއެއްގައި ކުރާނެ ކަމަށް ވެސް ކޮމާޝަލް ބޭންކުން ބުނެފައިވެ އެވެ.
އެ ބޭންކުން ބުނީ ޕާސަނަލް ބޭންކިން އާއި ކޯޕަރޭޓް ބޭންކިންގެ އިތުރުން ރާއްޖޭގެ ތަފާތު އެކި ވައްތަރުގެ ހިދުމަތްތައް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ސޭވިން އަދި ކަރަންޓް އެކައުންޓްގެ ހިދުމަތާއި ފިކްސްޑް ޑިޕޮސިޓާއި ޕާސަނަލް ލޯނާއި ހައުސިން ލޯން، ކްރެޑިޓް ކާޑް، އޯވަ ޑްރާފްޓް، ކޮމާޝަލް ލޯން، ޓްރޭޑް ފައިނޭންސިން ސާވިސަސްގެ އިތުރުން އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން އާއި ރެމިޓެންސް އަދި ބޭރު ފައިސާގެ މުއާމަލާތްކުރުން ވެސް ހިމެނޭނެ ކަމަށް ކޮމާޝަލް ބޭންކުން ބުނެފައިވެ އެވެ.
ބޭންކިން ދާއިރާގެ އިތުބާރު ދަމަހައްޓަން ޖެހޭ: އަޒީމާ
ލަންކާގެ ކޮމާޝަލް ބޭންކާއި ޓްރީ ޓޮޕް ގުޅިގެން ހަދާ ބޭންކަށް ހުއްދަ ދީފި
އެމްއެމްއޭއިން ހިދުމަތް ދޭ ދުވަސްތައް އިތުރުކޮށްފި
ޓޫރިޒަމް ވިޔަފާރިވެރިން ރަޖިސްޓަރީވާން ހުޅުވާލައިފި
އަވަސް ފިޔަވަޅުތަކަކުން ހައްލު ހޯދަންޖެހޭ މައްސަލައެއް!
ޑިވަލޮޕްމެންޓް ބޭންކްގެ ސީއީއޯ އާއި ޗެއާޕާސަން ކަނޑައަޅައިފި
މާލީ ދާއިރާ ފުޅާކޮށް އެމްއެމްއޭ ޒަމާނީ ކުރުމާ ދިމާލަށް
މާލީ އިދާރާތަކުގެ ބޯޑަށް ސިޔާސީމީހުން ލެވޭގޮތް ހަދައިފި
"ބޭރު ފައިސާ ނުހިފެހެއްޓެނީ ބޭންކިން ދާއިރާ ކުޑަވީމަ"
ބޭންކުތަކުން މައުލޫމާތު ހޯދަން ދަތި: އޭސީސީ