މާލި އިދާރާތަކަށް ލައިސަންސް ދޫކުރަނީ ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަވުމުން ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.
02 ޖޫން 2025
މާލި އިދާރާތަކަށް ލައިސަންސް ދޫކުރަނީ ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަވުމުން ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.
އެމްއެމްއޭ އިން އެހެން ބުނީ، ބީއައިސީ ބޭންކް މޯލްޑިވްސް އަށް ހުއްދަ ނުދޭން ކުރިން ނިންމި ނިންމުމާ ގުޅޭ ގޮތުން ދެއްކެވޭ ވާހަކަތަކާ އެކު އެވެ. ނަމަވެސް މިދިޔަ ހަފުތާގައި ވަނީ ލައިސަންސް ހޯދުމަށް ފުރިހަމަ ކުރަންޖެހޭ މަރުހަލާތައް އެ ބޭންކުން ފުރިހަމަ ކުރުމުން އަލުން ހުއްދަ ދީފަ އެވެ.
ބީއައިސީ ބޭންކަކީ ކެމްބޯޑިއާގެ ރައްޔިތަކާއި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.
އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ވަނީ ބޭންކިން ލައިސަންސް ދޫކުރުމުގައި އެ އޮތޯރިޓީން އަމަލުކުރާ އިޖުރާއަތުތަކާ ގުޅޭ ގޮތުން އާންމުންނަށް އޮޅޭ ގޮތަށް މައުލޫމާތު ފަތުރަމުންދާ ކަމަށް ބުނެ ބޭންކުތަކަށް ލައިސަންސް ދިނުމުގައި އަމަލު ކުރާ ގޮތް ކިޔައި ދީފަ އެވެ
އެމްއެމްއޭ އިން ފާހަގަކުރި ގޮތުގައި، ރާއްޖޭގައި ބޭންކެއް ހިންގުމަށް ލައިސަންސް ދޫކުރަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ. އެއީ ލައިސަންސް ނަގަން ބޭނުންވާ ފަރާތަށް ފުރިހަމަ ކުރަންޖެހޭ ކަންކަމުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ މަރުހަލާ އާއި ލައިސަންސަށް އެދި ހުށަހަޅާ ހުށަހެޅުން ވަޒަންކުރުން އަދި ލައިސަންސް ދިނުމުގެ މަރުހަލާ އެވެ.
އެމްއެމްއޭ އިން ބުނީ، ލައިސަންސަށް އެދި ހުށަހެޅުމުން އެ ފަރާތުގެ މާލީ ގާބިލުކަމަށާއި ސޯސް އޮފް ކެޕިޓަލާއި ހިއްސާދާރުންނާއި ސީނިއާ މެނޭޖްމެންޓްގެ ފިޓް އެންޑް ޕްރޮޕައިލް ބަލާނެ ކަމަށެވެ. އަދި ހުށަހަޅާފައިވާ ބިޒްނަސް ޕްލޭން ވެސް ދިރާސާ ކުރާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެމްއެމްއޭ އިން ބުނީ އެ މަރުހަލާގައި އެކަން ބަލާނީ އެ އިދާރާގެ ލައިސަންސިން ސެކްޝަނުން ކަމަށެވެ. އެކަން ބެލުމަށް ފަހު ދެން ލައިސެންސިން މަރުހަލާގެ ކަންކަން ބަލާނީ އެކަމަށް ހާއްސަ "އެޑްވައިޒަރީ ކޮމިޓީ އޮން ފައިނޭންޝަލް އިންސްޓިޓިއުޝަން ލައިސެންސިން" އިންނެވެ. އެ ކޮމިޓީން އެކަން ބަލައި، ލައިސެންސިން ސެކްޝަނުގެ ލަފާ ހޯދައި އެ އޮތޯރިޓީގެ ބޯޑަށް އެ ހުށަހެޅުން ހުށަހަޅާނެ އެވެ.
އެމްއެމްއޭގެ ބޯޑުން ލައިސަންސް ދިނުމަށް ނިންމައިފި ނަމަ ލައިސަންސަށް އެދި ހުށަހެޅި ފަރާތަށް ފުރަތަމަ ދޫކުރާނީ "ކޮންޑިޝަނަލް" ހުއްދަ އެކެވެ. އޭގެ ބޭނުމަކީ ވަކި ކަންކަމެއް ފުރިހަމަ ކުރުމަށް ފުރުސަތު ދިނުމެވެ. އޭގެ ބޭނުމަކީ އެމްއެމްއޭ އިން ބުނިގޮތުގައި ކުންފުނި ރަޖިސްޓަރީ ކުރުމާއި އައިޓީ އިންފްރާސްޓްރަކްޗާ އާއި ތަން ހިންގުމަށް ބޭނުންވާނެ މުއްދަތެއް ދިނުމެވެ. އެ މުއްދަތުގެ ތެރޭގައި ބޭންކުގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަ ކޮށްފި ނަމަ އެމްއެމްއޭ އިން އެ ތަނެއްގެ އޮޕަރޭޝަން ފެށުމަށް ލައިސަންސް ދޭނެ އެވެ.
އެ އޮތޯރިޓީން ބުނީ ބޭންކިން ލައިސަންސަށް އެދި ހުށަހަޅާ ހުށަހެޅުމަކަށް މަރުހަލާތައް ފުރިހަމަކުރުމުން ވެސް ބޯޑުން ހުއްދަ ނުދީފި ނަމަ އަލުން ސައިސެންސަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އެކަމަށް ގާނޫނު ހުރަސް ނާޅާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އަލުން ލައިސަންސަށް އެދި ހުށަހަޅުމުން އެމްއެމްއޭ އިން އެކަން ބަލަނީ އާ އެޕްލިކޭޝަނެއްގެ ގޮތުގަ އެވެ.
އިތުރު ދެ ބޭންކެއް އުފެއްދުމުގެ ހުއްދަ ދީފި
ފަވަރަގެ ހިދުމަތް މެދުކެނޑިއްޖެ
ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރުން ލާޒިމްވެއްޖެ
އެމްއެމްއޭއިން ހިދުމަތް ދޭ ދުވަސްތައް އިތުރުކޮށްފި
ޓޫރިޒަމް ވިޔަފާރިވެރިން ރަޖިސްޓަރީވާން ހުޅުވާލައިފި
އަވަސް ފިޔަވަޅުތަކަކުން ހައްލު ހޯދަންޖެހޭ މައްސަލައެއް!
ޑިވަލޮޕްމެންޓް ބޭންކްގެ ސީއީއޯ އާއި ޗެއާޕާސަން ކަނޑައަޅައިފި
މާލީ ދާއިރާ ފުޅާކޮށް އެމްއެމްއޭ ޒަމާނީ ކުރުމާ ދިމާލަށް
މާލީ އިދާރާތަކުގެ ބޯޑަށް ސިޔާސީމީހުން ލެވޭގޮތް ހަދައިފި
"ބޭރު ފައިސާ ނުހިފެހެއްޓެނީ ބޭންކިން ދާއިރާ ކުޑަވީމަ"