Roadha Mihaaru

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދޭ އެލަވަންސްގެ ފަރަގު ނައްތާލައިފި

އެކި ކުޅިވަރުތަކުގައި ރާއްޖެ ތަމްސީލުކުރާ ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް ދެމުން އަންނަ އެލަވަންސްގެ ފަރަގު ނައްތާލައި ހުރިހާ ކުޅުންތެރިންނަށް 5000ރ. ދޭން ސްޕޯޓްސް ކައުންސިލުން ފާސްކޮށްފި އެވެ.

ގައުމީޓީމު ކުޅުންތެރިންގެ އެލަވަންސް ފަރަގު ނައްތާލައިފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

04 ޑިސެމްބަރ 2018

އެކި ކުޅިވަރުތަކުގައި ރާއްޖެ ތަމްސީލުކުރާ ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް ދެމުން އަންނަ އެލަވަންސްގެ ފަރަގު ނައްތާލައި ހުރިހާ ކުޅުންތެރިންނަށް 5000ރ. ދޭން ސްޕޯޓްސް ކައުންސިލުން ފާސްކޮށްފި އެވެ.

ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުުނިޓީ އެމްޕަވަމެންޓް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ، ގައުމީ ފެންވަރުގައި ކުޅިވަރު ކުޅެމުން އަންނަ ކުޅުންތެރިންނަށް ދޭ އެލަވަންސްގައި ހުރި ފަރަގުތައް ނައްތާލާފައިވާ ކަމަށެވެ. އެއީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނުނު ކަމެއް ކަމަށް ވިދާޅުވި އެވެ.

ފުޓުބޯޅައިގެ ގައުމީ ޓީމަށް އެލަވަންސް ދެމުން އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ. ނަމަވެސް އެހެން ކުޅިވަރުތަކުގައި ގައުމު ތަމްސީލުކުރަމުން އަންނަ ކުޅުންތެރިންނަށް އެލަވަންސް ދޭން ފެށީ 2015 ވަނަ އަހަރުން ފެށިގެންނެވެ.

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އެލަވަންސް ދޭއިރު، އެއް ކުޅިވަރެއް ކުޅުނު ނަމަވެސް އަންހެން އަދި ފިރިހެން ކުޅުންތެރިންނަށް ދޭ އެލަވަންސްގައި ތަފާތުތަކެއް ހުރެ އެވެ. އެހެންވެ އެ ފަރަގުތައް ނައްތާލުމުން، ކޮންމެ ކުޅިވަރެއް ކުޅުނު ނަމަވެސް ގައުމީ ޓީމުގައި ހިމެނޭނަމަ އަންނަ އަހަރުން ފެށިގެން ލިބޭނީ 5000ރ. އެވެ.

ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް ކޮންމެ އަހަރަކު ވެސް މަދުވެގެން 500،000 ރުފިޔާގެ ބަޖެޓެއް ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމެވުމަށް ވެސް ކުޅިވަރުގެ ގައުމީ މަޖިލީހުން ވަނީ މިިދިޔަ މަހުގެ 21 ވަނަ ދުވަހު ރުހުން ދީފަ އެވެ.

އާ ސަރުކާރުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމި ކަންކަމުގެ ތެރޭގައި އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލް ކޮމްޕެލްސްއެއް އެޅުން ހިމެނެ އެވެ. މިނިސްޓަރު ވިދާޅުވީ އެކަމާ ގުޅޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.