Roadha Mihaaru
ސަރުކާރުގެ ތިން ކުންފުންޏަކަށް އެމްޑީން ހަމަޖައްސައިފި

އެސްޓީއޯ އަށް އަމްރު، އެމްޑަބްލިޔުއެސްސީ އާޒިމް، އައިލޭންޑް އޭވިއޭޝަނަށް ރިޒްވީ

30 ނޮވެމްބަރ 2018

ސަރުކާރުގެ ތިން ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ތިން ބޭފުޅަކު އިއްޔެ ހަމަޖައްސައިފި އެވެ.

ސަރުކާރުގެ ތިން ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ތިން ބޭފުޅަކު އިއްޔެ ހަމަޖައްސައިފި އެވެ.

އެ ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހަމަޖެއްސީ، ގ. ހައްދުންމަތީ ދެކުނުގޭ ހުސައިން އަމްރު މުހައްމަދު ރަޝާދެވެ. އޭނާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމްޓީސީީސީގެ ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަދި އެމްޑީޕީގެ ސިޔާސަތުތައް އަދި ކޯލިޝަނުން ވެރިކަމަށް އަންނަން ވެގެން އެ ކޯލިޝަންގެ މައިގަނޑު ސިޔާސަތުތައް ލިޔުއްވި ކޮމިޓީގެ ވެސް އިސް ބޭފުޅެކެވެ.

މީގެ އިތުރުން ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިޔޫއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރިން ކުރެއްވި، މ. ސީނު ކަރަންކާގޭ އާދަމް އާޒިމެވެ.

އަދި ވައިގެ އުދުހުންތަކާ ބެހޭ ސަރުކާރުގެ ކުންފުނި، އައިލޭންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސީ ގ. ޔުރެނަސް، މުހައްމަދު ރިޒްވީ އެވެ.

ރިޒްވީ އަކީ އައިލެންޑް އޭވިއޭޝަންގެ ދަށުން ހިންގާ މޯލްޑިވިއަން ހޮލިޑޭސްގެ އެންމެ އިސްވެރިޔާގެ މަގާމު ފުރުއްވާތާ ހަތަރު އަހަރު ވެފައިވާ ބޭފުޅެކެވެ. އައިލެންޑް އޭވިއޭޝަންގެ އެމްޑީ ކަމަށް އައްޔަން ކުރެއްވުމާ ހަމައަށް ވެސް ރިޒްވީ ހުންނެވީ މޯލްޑިވިއަން ހޮލިޑޭސްގެ ވަޒީފާގަ އެވެ. އޭނާ ވަނީ ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ނައިބު ރައީސްކަން ކުރައްވައިފަ އެވެ. އަދި ޓޫރިޒަމް، އޭވިއޭޝަން ދާއިރާގައި ރިޒްވީ މަސައްކަތް ކުރައްވާތާ 14 އަހަރު ވަނީ ވެފަ އެވެ.

މި މަހުގެ 17 ގައި ރައީސްކަމާ ހަވާލުވެވަޑައިގެންނެވި އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މެނޭޖިން ޑިރެކްޓަރު މީގެ ކުރިން އައްޔަން ކުރައްވާފައި ވަނީ އެމްއެމްޕީއާރްސީ އަށް އެކަންޏެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސެވީ ތޮއްޔިބް މުހައްމަދެވެ.