Roadha Mihaaru
ސީއެސްސީއަށް އާމިރާ އައްޔަން ކުރަން ފާސްކޮށްފި

ސީއެސްސީ އަށް އާމިރާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

29 ނޮވެމްބަރ 2018

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ކަމަށް ސީއެޗްއެސްއީގެ ކުރީގެ ޕްރިންސިޕަލް ފާތިމަތު އާމިރާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރޭ ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ކަމަށް ސީއެޗްއެސްއީގެ ކުރީގެ ޕްރިންސިޕަލް ފާތިމަތު އާމިރާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރޭ ފާސްކޮށްފި އެވެ.

ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލި 13 މީހެއްގެ ނަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރިއިރު، އެންމެ މަތިން މާކްސް ލިބިވަޑައިގަތީ އާމިރާއަށެވެ. އެ ކޮމިޓީގެ މެމްބަރުން އާމިރާ އަށް ދެއްވީ 89 ޕަސަންޓު މާކްސް އެވެ.

މަޖިލީހުގެ ރޭ ޖަލްސާގައި ސީއެސްސީގެ މެމްބަރު ކަމަށް އާމިރާ އައްޔަން ކުރަން ފެންނަ ކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 71 މެމްބަރުންގެ އިއްތިފާގުންނެވެ.

ސީއެސްއީ އަށް އައްޔަން ކުރުމަށް ގާބިލް މީހެއް ކަމަށް ކަނޑައަޅަނީ ކޮމިޓީން ކަނޑައަޅާފައިވާ މިންގަނޑުން މާކްސް ދިނުމުން އެވްރެޖް 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުމުންނެވެ. އާމިރާއާ އެކު އިތުރު ދެ މީހަކަށް ވެސް 75 އަށް ވުރެ މަތިން މާކްސް ލިބުނެވެ. އެކަމަކު، މަޖިލީހުގައި ނެގި ވޯޓުގައި އާމިރާގެ ނަން ފާސްވެފައި ވާތީ ދެން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ދެ މެމްބަރުންގެ ނަމަށް ވޯޓަށް ނާހަ އެވެ.

ތައުލީމީ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އާމިރާ ވަނީ ސީއެޗްއެސްއީގެ ޕްރިންސިޕަލްކަމުގެ އިތުރުން އެ ސްކޫލްގެ ޓީޗަރުކަމާއި އެޑިއުކޭޝަން މިނިސްޓްރީގެ އެކި މަގާމުތައް ވަނީ ފުރުއްވައިފަ އެވެ. ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް މުހައްމަދު ޒާހިރު (ޓޫޓޫ ޒާހިރު)ގެ އަނބިކަނބަލުން އާމިރާ އެންމެ ފަހުން ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގަ އެވެ.

ސީއެސްސީއަށް އާމިރާ އައްޔަން ކުރަން މަޖިލީހުން ފާސް ކުރީ އެ ކޮމިޝަންގެ މެމްބަރަކަށް މިހާރު ހުންނެވި ފާތުމަތު ރީނީ އަބްދުއްސައްތާރުގެ މުއްދަތު މި މަހު ފަހުކޮޅު ހަމަވާތީ އެވެ.

އެހެން މިނިވަން މުއައްސަސާތަކާ ތަފާތުކޮށް، ސީއެސްސީ އަށް އައްޔަން ކުރާނެ ބޭފުޅުން ކަނޑައެޅުމުގައި ރައީސްގެ ދައުރެއް ނޯވެ އެވެ. ސީއެސްސީ އަށް މެމްބަރުން އައްޔަން ކުރާނީ މަޖިލީހުންނެވެ. ރައީސަށް އޮތް ހަމައެކަނި ދައުރަކީ ކޮމިޝަނަށް މަޖިލީހުން ރުހުން ލިބޭ މެމްބަރުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމެވެ.