Roadha Mihaaru
ކުންފުނިތަކުގައި ވެރިން ނެތި ހިންގުން މަޑުޖެހިފައި

ސަރުކާރު ކުންފުނިތަކުގައި ވެރިން ނެތި ހިންގުން މަޑުޖެހިފައި

26 ނޮވެމްބަރ 2018

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް 10 ދުވަސް ވެެގެން ދިޔަ އިރު ވެސް ސަރުކާރުގެ ބޮޑެތި ކުންފުނިތަކަށް ވެރިން އައްޔަން ނުކުރައްވާތީ ކުންފުނިތައް ހިންގުމަށް ދަތިތައް ކުރިމަތިވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް 10 ދުވަސް ވެެގެން ދިޔަ އިރު ވެސް ސަރުކާރުގެ ބޮޑެތި ކުންފުނިތަކަށް ވެރިން އައްޔަން ނުކުރައްވާތީ ކުންފުނިތައް ހިންގުމަށް ދަތިތައް ކުރިމަތިވެއްޖެ އެވެ.

ސަރުކާރު ހިއްސާވާ 29 ކުންފުނީގެ ތެރެއިން ގިނަ ކުންފުނިތަކުގެ ވެރިން ވަނީ ސަރުކާރު ބަދަލުވުމާއެކު އިސްތިއުފާ ދެއްވައިފަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިސްތިއުފާ ނުދީ ތިބި 11 ކުންފުންޏެއްގެ އިސް ވެރިން މަގާމުން ވަކި ކޮށްފަ އެވެ. އެހެންކަމުން މިހާރު ކުންފުނިތައް ހިންގަނީ ވަގުތީ ވެރިންނެވެ.

ވެރިން ނެތް ކުންފުނިތަކުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލް އާއި ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އަދި ކަރަންޓް ކުންފުނި ސްޓެލްކޯ ވެސް ހިމެނެ އެވެ. އޭގެ އިތުރުން ފެން ކުންފުނި، އެމްޑަބްލިޔުއެސްސީ އާއި ރަށްރަށުގައި ބޯފެނާއި ނަރުދަމާ އާއި ކަރަންޓުގެ ހިދުމަތް ދޭ ފެނަކައިގައި ވެސް މިހާރު ވެރިއަކު ނެތެވެ. އަދި ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނާއި ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ވެސް މި ވަގުތު ވެރިއަކު ނެތެވެ.

ސަރުކާރު ކުންފުންޏެއްގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު ނަން ހާމަނުކުރާ ގޮތަށް ވިދާޅުވީ ވެރިއަކު ނެތުމުން އެ ކުންފުނިތަކުގައި ކުރަމުން އަންނަނީ އާއްމު މަސައްކަތްތައް އެކަނި ކަމަށެވެ. ކުރަން ޖެހޭ އިތުރު ބޮޑެތި މަސައްކަތްތައް ނުފެށޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މެންޑޭޓްގެ ތެރެއިން ކުރަންޖެހޭ ޑެއިލީ ވޯކްސް އެކަނި ކުރިއަށް ދަނީ. އެމްޑީ ނެތީމަ އިތުރު ކަންކަން ކުރިއަކަށް ނުދާނެތާ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސަރުކާރުގެ ވައުދުތައް ފުއްދުމަށް ގިނަ މަސައްކަތްތަކެއް ކުރެ އެވެ. އެ ކަންކަން ކުރަނީ މެނޭޖިން ޑިރެކްޓަރުގެ ބެލުމުގެ ދަށުންނެވެ. މި ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ކަރަންޓް އަގު ހެޔޮކުރުމާއި މުޅި ރާއްޖޭގައި ދަތުރުފަތުގެ ހިދުމަތް ހެޔޮ އަގުގައި ދިނުން ފަދަ ކަންކަން ހިމެނޭއިރު އެއީ ކުންފުނިތަކާ ގުޅިގެން ފުއްދުމަށް ނިންމާފައިވާ ވައުދުތަކެވެ.

ރައީސް އޮފީހުން މައުލޫމާތު ހޯދުމަށްޓަކައި ގުޅަންޖެހޭ ވަކި ފަރާތެއް މިހާތަނަށް ވެސް ކަނޑައަޅާފައި ނުވާތީ، ކުންފުނިތަކަށް މީހުން އައްޔަން ނުކުރާ ސަބަބު ސަރުކާރުގެ ފަރާތުން ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. ރައީސް އޮފީހުގެ އިސް ބޭފުޅުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

ރައީސް ކަނޑައަޅުއްވާ ބޭފުޅުން ކުންފުނިތަކަށް އައްޔަން ކުރާ ޕްރައިވެޓައިޒޭޝަން ބޯޑްގެ ރައީސް މުހައްމަދު ނިޒާރު އިއްޔެ ވިދާޅުވީ ކުންފުނިތަކުން ހުސްވެފައިވާ މަގާމުތަކަށް މީހުން އައްޔަން ކުރެއްވުމަށް ރައީސް އޮފީހުން އަދި ނާންގަވާ ކަމަށެވެ.