Roadha Mihaaru

އެމްޑީޕީން މަޖިލީހަށް ވާދަކުރާނެ ދާއިރާތައް ހުކުރު ދުވަހު އިއުލާން ކުރަނީ

ސަރުކާރުގެ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ވާދަކުރާނެ ދާއިރާތައް އަންނަ ހުކުރު ދުވަހު އިއުލާން ކުރުމަށް ނިންމައިފި އެވެ.

އެމްޑީޕީން ވާދަކުރާނެ ދާއިރާތައް އިއުލާން ކުރަނީ
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

24 ނޮވެމްބަރ 2018

ސަރުކާރުގެ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ވާދަކުރާނެ ދާއިރާތައް އަންނަ ހުކުރު ދުވަހު އިއުލާން ކުރުމަށް ނިންމައިފި އެވެ.

އެމްޑީޕީން މިއަދު އާންމުކުރި ޓައިމްލައިންގައިވާ ގޮތުން އެމްޑީޕީން ވާދަކުރާނެ ދާއިރާތައް އިއުލާން ކުރުމަށް ފަހު، އަންނަ މަހުގެ ހަތް ވަނަ ދުވަހު އެ ޕާޓީގެ ޕްރައިމަރީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލެވޭނެ އެވެ. އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ 18 ގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް ފަހުކޮޅުގަ އެވެ.

ޕްރައިމަރީގައި ވާދަކުރަން ކުރިމަތިލާ އިރު، އިންތިޚާބުގައި ކުރިމަތިލާ ދާއިރާގެ ވޯޓުލުމުގެ ހައްގު ލިބިގެންވާ 200 މީހުންގެ ސޮއި ހުށަހަޅަން ޖެހޭނެ ކަމަށް އެމްޑީޕީން ބުންޏެވެ. އަދި ޕްރައިމަރީގައި ވޯޓުލެވޭނީ އަންނަ މަހުގެ ހަތަކާ ހަމައަށް މެމްބަޝިޕް ފޯމް ހުށަހަޅާ މީހުންނަށް ކަމަށް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީން ބުނި ގޮތުގައި އަންނަ މަހު ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ދޭނެ އެވެ.

މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބަށް، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެއްބަސްވުމެއް އެކުލަވާލި އިރު، މަޖިލިހުގެ އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބުގައި ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެފައިވެ އެވެ.

ނަމަވެސް ވަކިވަކި ޕާޓީތަކަށް ދޭނެ ދާއިރާތަކެއް އަދި ނުނިންމަ އެވެ.

ސަރުކާރުގެ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން މަޖިލީހުގެ އިންތިޚާބުގައި 87 ދާއިރާއަކަށް ވާދަކުރަން، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ. ބައެއް މެމްބަރުން ވަނީ މަޖިލިސް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް އެމްޑީޕީން ވާދަކުރަން ހުށަހަޅުއްވައިފަ އެވެ.