Roadha Mihaaru
މެމްބަރު މުބީނާއި ގާރީ ރަޝީދު ޖޭޕީއަށް ސޮއިކުރައްވައިފި

މެމްބަރު މުބީނާއި ގާރީ ރަޝީދު ޖޭޕީއަށް ސޮއިކުރައްވައިފި

15 ނޮވެމްބަރ 2018

ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި މިހާތަނަށް ތިއްބެވި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނާއި އިސްދޫ ދާއިރާގެ މެމްބަރު ގާރީ އަހުމަދު ރަޝީދު ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ދެންމެ ސޮއިކުރައްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި މިހާތަނަށް ތިއްބެވި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނާއި އިސްދޫ ދާއިރާގެ މެމްބަރު ގާރީ އަހުމަދު ރަޝީދު ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ދެންމެ ސޮއިކުރައްވައިފި އެވެ.

އެ ދެ މެމްބަރުންގެ ފޯމާ ހަވާލުވެވަޑައިގަތީ ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހީމެވެ.

ޖޭޕީގެ އޮފީހުގައި މިހާރު ކުރިއަށް ގެންދާ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، އެ ޕާޓީ ދޫކުރައްވައި މީގެ ކުރިން އެހެން ޕާޓީތަކަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުން ވެސް އަނބުރާ ޖޭޕީއާ ގުޅިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ދެ މެމްބަރުންގެ ތެރެއިން މުބީން 2014 ގައި ރައްޔިތުންގެ މަޖިލިހަށް އިންތިޚާބުވެވަޑައިގަތީ ވެސް ޖޭޕީގެ ޓިކެޓުގަ އެވެ. އެކަމަކު ދައުރުގެ ވަކި ހިސާބަކުން ޕީޕީއެމާ ގުޅިވަޑައިގަތީ އެވެ.

ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ ވެސް އިއްޔެ ވަނީ ޖޭޕީއާ ގުޅިވަޑައިގެންފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޕީޕީއެމްގެ މެމްބަރުންތައް ޖޭޕީއާ މި ގުޅިވަޑައިގަންނަވަނީ، މި ރިޔާސީ އިންތިޚާބުގައި ޕީޕީއެމަށް ލިބުނު ބޮޑު ނާކާމިޔާބީ އަށް ފަހު، ސިޔާސީ މަސްރަހަށް އައިސްފައިވާ ބޮޑު ބަދަލާ އެކު އެވެ.

މުބީނާއި އަހުމަދު ރަޝީދު ޖޭޕީއަށް ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ، އަލަށް އެ ޕާޓީއާ ގުޅިވަޑައިގަންނަވާ މެމްބަރުންނާ އެކު ޕާޓީއަށް ލިބޭ ކުރިއެރުމާ މެދު އުފާ ކުރައްވާ ކަމަށެވެ. ސިޔާސީ ޕާޓީތަކަކީ އެކަކު ވެސް ބާކީނުކޮށް ފުރުސަތު ދޭ ތަންތަނަށް ވާން ޖެހޭ ކަމަށާއި ޖުމްހޫރީ ޕާޓީން އެ ފުރުސަތު ދޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"މުބީން އަނެއްކާ ވެސް ޕާޓީއާ ގުޅުމަކީ އުފަލެއް. އަޅުގަނޑުމެންގެ އެދުމެއް ދެން ވެސް ޕާޓީ ދޫކުރައްވައި ވަޑައިގެންނެވި ބޭފުޅުން އަލުން އަނބުރާ އަޅުގަނޑުމެންނާ ގުޅުމަކީ. އަޅުގަނޑުމެންގެ ވަރަށް ބޮޑެތި ގުރުބާނީ ތަކަކުން އެބޭފުޅުން ހޮވިފައި އެ ތިއްބެވީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ސަބަބާ ގުޅޭގޮތުން އަހުމަދު ރަޝީދު ވިދާޅުވީ އޭނާ އެ ނިންމުން ނިންމެވީ ވަރަށް ގިނަ ގޮތްގޮތުން ވިސްނެވުމަށް ފަހު، ގައުމަށް ޚިދުމަތް ކުރެވޭނެ ޕްލެޓް ފޯމަކީ ޖޭޕީކަން އެނގިވަޑައިގަތުމުން ކަމަށެވެ.

އިސްދޫ ދާއިރާއަށް ބޭނުންވާ ބައެއް ކަންކަން މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ވެސް ނުވާ ކަމަށާއި އޭނާގެ މަގުސަދަކަށް ވާނީ ކުރިއަށް އޮތްތަނުގައި އާ ސަރުކާރަށް އެއްބާރުލުން ދެއްވައި ރައްޔިތުންނަށް ޚިދުމަތް ކުރުން ކަމަށް އަހުމަދު ރަޝީދު ވިދާޅުވި އެވެ.

ޕީޕީއެމްގައި ހުންނެވިއިރު، ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމްގެ ފަހަތްޕުޅުގައި ސިޔާސީ ގޮތުން އިސްކޮށް ހަރަކާތްތެރިވެވަޑައިގަތް މުބީން ވިދާޅުވީ، ޖުމްހޫރީ ޕާޓީ އޭނާ އަލުން ބަލައިގަތުމުން، ޕާޓީގެ ލީޑާޝިޕަށާއި އާއްމު މެމްބަރުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

މުބީން ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީއާ އަލުން ގުޅިވަޑައިގަތުމުން އިހުސާސް ކުރެއްވެނީ އަނބުރާ ގެއަށް ވަޑައިގެންނެވުނު ކަމެވެ.

"ދާއިރާގެ ރައްޔިތުންގެ އެދުމާ އެކު މި ނިންމުން މި ނިންމީ،" މުބީން ވިދާޅުވި އެވެ.

އަލަށް ގުޅިވަޑައިގެންނެވި މެމްބަރުންނަށް އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޓިކެޓު ދޭނެތޯ ސުވާލު ކުރުމުން ޖޭޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވީ އެއްވެސް ބޭފުޅަކަށް ޓިކެޓް ދޭނެ ކަމުގެ ޔަގީންކަން ދީފައި ނުވާނެ ކަމަށެވެ.

އެ ޕާޓީގެ ޓިކެޓު ހޯދެއްވުމަށް މިހާރު ވެސް މަސައްކަތް ކުރައްވާ ބޭފުޅުންނާއި އަލަށް ގުޅިވަޑައިގަތް މެމްބަރުންނާ މެދު ވެސް އިންސާފުވެރި ގޮތްތަކެއް އޮންނާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"މިބޭފުޅުން ގުޅުމަކީ އިސްދޫ ދާއިރާއަށް ނުވަތަ ބިލެއްދޫ ދާއިރާއަށް ވާދަ ކުރައްވަން މި ޕާޓީ ތެރޭން މިހާރު މަސައްކަތް ކުރައްވާ ބޭފުޅުންނަށް އޮތް ބިރެއް ނޫން. ހަމަ ވަރަށް އިންސާފުވެރިކަމާ އެކު އެ ފުރުސަތުތައް އޮންނާނެ،" ރިޔާޒް ވިދާޅުވި އެވެ.