Roadha Mihaaru
80 މިލިއަނުން އިންތިޚާބު ބާއްވަން އުނދަގޫ: އީސީ

80 މިލިއަން ރުފިޔާ ލިބިގެން މަޖިލިސް އިންތިޚާބު ބާއްވަން އުނދަގޫ: އީސީ

15 ނޮވެމްބަރ 2018

އަންނަ އަހަރު ބާއްވާ އާންމު އިންތިޚާބަށް 80 މިލިއަން ބަޖެޓު ކުރި ނަމަވެސް، އެ އަދަދު ލިބިގެން އިންތިޚާބު ބާއްވަން އުނދަގޫވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ އަހަރު ބާއްވާ އާންމު އިންތިޚާބަށް 80 މިލިއަން ބަޖެޓު ކުރި ނަމަވެސް، އެ އަދަދު ލިބިގެން އިންތިޚާބު ބާއްވަން އުނދަގޫވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް "މިހާރު" އަށް ވިދާޅުވީ މަޖިލިސް އިންތިޚާބަށް ހަރަދުވާނެ ކަމަށް ބެލެވެނީ 123 މިލިއަން ރުފިޔާ ކަމަށެވެ. އެހެންވެ، އެ އަދަދު ދިނުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައި އޮއްވާ، އެއަށްވުރެ މަދުން ދޭ ސަބަބު އެނގިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހެޅީ އިލެކްޝަންސް ކޮމިޝަނާ މަޝްވަރާކޮށްފަ އެވެ. އަދި އެ ބައްދަލުވުންތަކުގައި އިންތިޚާބުގެ ހަރަދުތައް ދާނެ ގޮތުގެ ތަފްސީލްތައް އީސީން ހިއްސާ ކުރި އެވެ.

"ބަޖެޓު މަޖިލީހަށް ފޮނުވި އިރު، 43 މިލިއަން ރުފިޔާ މަދު. އެކަމަކު އެ ފަރަގު އައި ސަބަބެއް މިހާތަނަށް އެނގިފައި ނެތް،" އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވި ގޮތުގައި މަޖިލިސް އިންތިޚާބަށް 80 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައި މަޖިލީހުން ބަޖެޓު ފާސްކޮށްފިނަމަ، އިންތިޚާބުގެ ކަންކަން ތަރުތީބުކޮށްފައިވާ ގޮތަށް ކުރިއަށް ގެންދަން ވަރަށް ބޮޑަށް އުނދަގޫވާނެ އެވެ. އެހެންވެ، އެކަމަށް ހައްލެއް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އީސީން ބޭނުންވާ ބަޖެޓު ނުލިބިއްޖެނަމަ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންތިޚާބާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް އުނދަގޫވާނެ ކަމަށެވެ.

މަޖިލީހުގައި މިހާރު ތިއްބެވި 85 މެމްބަރުންގެ ބަދަލުގައި، މާލޭގެ އާބާދީ އިތުރުވި ނިސްބަތަށް ބަލައި، މައްޗަންގޮޅީ މެދު ދާއިރާގެ ނަމުގަ އާއި ހެންވޭރު ހުޅަނގު ދާއިރާގެ ނަމުގައި ދެ އިންތިހާބީ ދާއިރާ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

އެހެންކަމުން، މަޖިލިސް އިންތިޚާބުގައި 87 މެމްބަރުން އިންތިޚާބު ކުރާނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ނިންމާފައި ވަނިކޮށް، މަޖިލީހުގައި މެންބަރުން މިހާރު ތިބި އަދަދަށް ވުރެ އިތުރު ނުކުރުމަށްޓަކައި ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.

މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއި އާންމުން ފަށާފައި ވާއިރު، އެ އިންތިޚާބު ވެގެންދާނީ އާންމުންގެ މެދުގައި ވަރަށް ވާދަވެރި އިންތިޚާބަކަށެވެ.