12 ނޮވެމްބަރ 2018
ނުހައްގުން ޖަލަށް ލައި އަނިޔާ ދިނުމުގައި، ރައީސް އަބްދުﷲ ޔާމީންގެ ސީދާ ބައިވެރިވުން ހިމެނޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ތުހުމަތު ކުރައްވައި، އެ މައްސަލައިގައި ރައީސް ޔާމީން ޒިންމާކުރުވާނެ ކަމަށް ރޭ ވިދާޅުވެއްޖެ އެވެ.
ނުހައްގުން ޖަލަށް ލައި އަނިޔާ ދިނުމުގައި، ރައީސް އަބްދުﷲ ޔާމީންގެ ސީދާ ބައިވެރިވުން ހިމެނޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ތުހުމަތު ކުރައްވައި، އެ މައްސަލައިގައި ރައީސް ޔާމީން ޒިންމާކުރުވާނެ ކަމަށް ރޭ ވިދާޅުވެއްޖެ އެވެ.
ޓެރަރިޒަމްގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ނާޒިމް ބޭސްފަރުވާ އަށް މެލޭޝިއާގައި ހުންނަވަނިކޮށް، އޭނާގެ ހުކުމް ތަންފީޒުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ވަނީ އަމުރުކޮށްފަ އެވެ. އެހެންވެ، މިނިވަނެއްގެ ގޮތުގައި ރާއްޖެ ވަޑައިގެން އޭނާ ވަނީ، ޖަލަށް ލި މައްސަލައިގައި ފުރަތަމަ ފަހަރަށް މީޑިއާއާ ވާހަކަ ދައްކަވައިފަ އެވެ.
ނާޒިމް ޖަލަށް ލީ، އޭނާ ދިރިއުޅުއްވި ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލައިގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ތިން އަހަރާއި ނުވަ މަސް ވަންދެން އަނިޔާ ތަހައްމަލުކުރަން ޖެހުނީ ނާއިންސާފުން ކަމަށެވެ. އޭނާގެ ކުށެއް ނެތި ޖަލަށް ލުމުގައި ރައީސް ޔާމީނާއި އޭރުގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެއްވި އެވެ.
އެފަދަ ކަންކަން ތަކުރާރު ނުވާނީ، ޖަރީމާގެ ބައިވެރިންނަށް ހައްގު އަދަބު ދީގެން ކަމަށާއި އޭނާ އަށް ލިބުނު އަނިޔާ އަށް އިންސާފު ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމަވާފައިވާ ނާޒިމް ވިދާޅުވި އެވެ.
"އިންތިޚާބީ ރައީސް [އިބްރާހިމް މުހައްމަދު ސޯލިހް]އާ ބައްދަލުވާއިރަށް އަޅުގަނޑު ދަންނަވާނަން، މި ޖަރީމާ ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް. އަޅުގަނޑު ދެކެނީ މިއީ، ފުލުހުންގެ އޭރުގެ ކޮމިޝަނަރު ހުސައިން ވަހީދާއި ރައީސް ޔާމީން ބައިވެރިވެވަޑައިގެން ހިންގާފައިވާ ވަރަށް ނުލަފާ ޖަރީމާއެއް ކަމަށް،" ޑިފެންސް މިނިސްޓަރުކަމާއި ހެލްތު މިނިސްޓަރުކަން ކުރިން ކުރައްވާފައިވާ ނާޒިމް ވިދާޅުވި އެވެ.
ރައީސް ޔާމީން: ނާޒިމް ޖަލަށް ލި މައްސަލައިގައި ރައީސް ޔާމީނާއި ކުރީގެ ޕޮލިސް ކޮމިޝަނަރަށް ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައި. ---ފޮޓޯ: ރައީސް އޮފީސް
އޭނާ ވިދާޅުވި ގޮތުގައި ޑިފެންސް މިނިސްޓަރަކު ދިރިއުޅުއްވާ ގެއަކަށް، އެއިރަކު ހުންނަވާ ރައީސެއްގެ ހުއްދަ ނެތި ފުލުހުންނަކަށް ނުވަދެވޭނެ އެވެ. ރާއްޖޭގައި މިފަދަ އަމަލުތައް ތަކުރާރު ނުވާނީ، އެ ޖަރީމާ ހިންގުމުގައި ބައިވެރިވާ މީހުންނަކީ ކޮބައިތޯ ބަލައި ފިޔަވަޅު އަޅައިގެން ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ޖަލަށް ލި މައްސަލައިގައި ރައީސް ޔާމީނަށް ތުހުމަތުތަކެއް ކުރެއްވިއިރު، އެކަން ހިނގައި ދިޔަ ގޮތް އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް ޔާމީން ވަނީ ތަފާތު އެކި ފަހަރު މަތިން ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ނާޒިމަށް ތުހުމަތު ކުރެވެމުން ދިޔައިރު ވެސް މަގާމުން ވަކިނުކުރައްވައި މަޑުކުރެއްވީ ފުލުހުންގެ ތަހުގީގުން ކަން ހިނގި ގޮތް މުޅިން ސާފުވަންދެނެވެ. އެއްވެސް މީހަކަށް ނުހައްގުން އަދަބު ދީފައި ނުވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެ އެވެ.
ނާޒިމް ޖަލަށް ލީ، ކުށެއް ނެތި، ފްރޭމްކުރުމަށް ފަހު ކަމަށް ބުނަމުން ދަނިކޮށް، އެ ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ފަހުން ވަނީ ބުނެފަ އެވެ. އެ ފިސްތޯލަ އިން ނާޒިމްގެ އިނގިލީގެ ނިޝާނެއް ވެސް އަދި އޭނާގެ ޑީއެންއޭ ވެސް ފެނިފައެއް ނުވެ އެވެ.
އެއާ އެކު ވެސް ނާޒިމްގެ މައްސަލަ ބަލައި އިންސާފު ގާއިމްކޮށްދޭން ދައުލަތުން އުޒުރުވެރިވެފައި ވަނިކޮށް، ނާޒިމްއާ، އެ ފިސްތޯލައާ ގުޅުމެއް ނެތް ކަމަށް އަދީބު ވެސް ވަނީ ވިދާޅުވެފަ އެވެ.
ނާޒިމްގެ ވާހަކަތައް މުއާޒު ދޮގުކުރައްވައިފި
ރޭވުމަކީ ނާޒިމްގެ ސިޔާސީ ހަޔާތް ނެތިކޮށްލުން: ވަކީލް
ނާޒިމްގެ މައްޗަށް ކުށް ސާބިތުވެގެން ނުވާނެ: ފާއިޒް
ބަރު ހިތެއް ނެތް، އެންމެންނަށް މާފުކޮށްފިން: ނާޒިމް
ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނު މައްސަލަ އަލުން ބަލަނީ
ނާޒިމް ފްރޭމްކުރި މައްސަލަ ތަހުގީގުކޮށްދޭން އެދިއްޖެ
އިސްތިގުލާލަށް ގެއްލުން ދޭން ނާޒިމް ނޫޅޭ: ރިޔާޒް
"ބޭރުގެނުފޫޒާއެކު ވެރިކަން ގާއިމްކުރަން ނާޒިމް އުޅުނު"
އާޒިމަށް ދައުވާ ނުކުރަން ޕީޖީން ނިންމައިފި
ރާއްޖޭގެ ފަނޑިޔާރު ގެއަށް ފާޑެއް ނުކިޔޭނެ: ރައީސް