Roadha Mihaaru

ނަޝީދުގެ އާދޭސް: އެއާޕޯޓު އެޅުމުގެ ވާހަކަ ނުދައްކާ!

އަތޮޅުތެރޭގައި ގިނަ އެއާޕޯޓްތަކެއް އަޅަން ރައްޔިތުން އެދޭތީ އެ ވިސްނުން ބަދަލުކުރަން އާދޭހާ އެކު ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.

ނަޝީދުގެ އާދޭސް: އެއާޕޯޓު އެޅުމުގެ ވާހަކަ ނުދައްކާ!
އަހުމަދު ސާއިލް އަލީ
ހއ. ދިއްދޫން އަހުމަދު ސާއިލް އަލީ

10 ނޮވެމްބަރ 2018

އަތޮޅުތެރޭގައި ގިނަ އެއާޕޯޓްތަކެއް އަޅަން ރައްޔިތުން އެދޭތީ އެ ވިސްނުން ބަދަލުކުރަން އާދޭހާ އެކު ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.

ހއ. ދިއްދޫގެ އެމްޑީޕީ އޮފީސް ހުޅުއްވައި ދެއްވުމަށް ފަހު ސުވާލުކުރަން ފުރުސަތު ހުޅުވާލެއްވުމުން ރަށު މީހަކު ނަޝީދާ ކުރެއްވި ސުވާލަކީ ދިއްދޫގައި އެއާޕޯޓެއް އެޅުމުގެ ވިސްނުން ކޯލިޝަންގެ ސަރުކާރުން ގެންގުޅޭތޯ އެވެ. މި ރަށުން ހަނިމާދުއަށް ދަތުރުކުރުމުގެ އަގު ބޮޑުވުމާއި މޯލްޑިވިއަންގެ ފްލައިޓް ޓިކެޓުގެ އަގު ވެސް ބޮޑުކަން އޭނާ ފާހަގަކުރި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަން ފައްޓަވަމުން ނަޝީދު ވިދާޅުވީ މަގާމަކަށް ކުރިމަތިލައްވައިގެން ނޫޅުއްވާތީ ވަރަށް ސާފުކޮށް އެ ވާހަކަ ދެއްކެވިދާނެ ކަމަށެވެ.

އެގޮތުން ފްލައިޓް ދަތުރުތަކަށް ކުރަން ޖެހޭ ހޭދަ ބޮޑުވުމުން ޓިކެޓުގެ އަގު ބޮޑުވާ ކަމަށާއި އެވަރުގެ ހޭދައެއް ކުރާނެ ތަނަވަސްކަން އެބަ ހުރިތޯ ސުވާލު ކުރެއްވި އެވެ. އެހެންކަމުން އެއާޕޯޓުތައް އިތުރު ކުރުމުގެ ބަދަލުގައި ރަނގަޅު ގޮތަކީ ރަނގަޅު، ހަލުވި، އަގުހެޔޮ ފެރީގެ ނިޒާމެއް ގާއިމްކުރުން ކަމަށް ވިދާޅުވި އެވެ.

"އެއާޕޯޓެއް އަޅައިގެން އިގްތިސާދީ ފައިދާއެއް މި ލިބެނީ އޭގެ ވިޔަފާރީގެ އުސޫލު ދެކޮޅު ޖެހުނީމާ. އަޅުގަނޑުގެ އަމާޒަކީ 50ރ. – 100ރ. އަށް މި ރަށުން ރޭގަނޑު ފުރައިގެން ހެނދުނު މާލެ ދެވުން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ވީހާވެސް ކައިރީގައި އެއާޕޯޓެއް ބާއްވަން މީހުން އެދުނަސް އެއީ ތަރައްގީގެ ރަނގަޅު ތަސައްވަރެއް ނޫނެވެ. ސިޔާސީ މަންފާ ހޯދަން އެއާޕޯޓްތައް އަޅައިދޭނެ ކަމުގެ ވައުދުވާ ކަމަށާއި އެކަމަކު އެއީ ހަގީގަތެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުން ދެއްކެވީ ރިޔާސީ އިންތިޚާބުގެ ފަހު ދުވަސްކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެއާބަސްގެ އޭ380 މަރުކާގެ ފްލައިޓް ޖެއްސުމެވެ. ރައީސް އަބްދުﷲ ޔާމީން ހީފުޅުކުރެއްވީ އެކަމުން ދިވެހިން ހެއްލޭނެ ކަމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ރައްޔިތުން އެވަރަށް "ވާވައްދައި އޮޅުވާލަން" ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ކެމްޕޭންގެ ބައެއް ކަމަށް ހިމަނައިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަތަމަ ފަހަރަށް، ދުނިޔޭގެ ކޮމާޝަލް އެންމެ ބޮޑު މަތިންދާބޯޓު ޖެއްސީ، އެތަނުގައި ހެދި އާ ރަންވޭއަށެވެ. އާ ރަންވޭ ރަސްމީކޮށް އަދި ނުހުޅަވަ އެވެ. އެކަމަކު އެއީ ޓޫރިޒަމަށް ބިނާވެފައި އޮތް ރާއްޖެއަށް ވަރަށް މުހިންމު މަޝްރޫއެއް ކަމަށް، އެމްއޭސީއެލް އާއި ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރުން ވެސް އެއްބަސްވެ އެވެ.

ވީއައިއޭއަށް އޭ380 މަރުކާގެ ބޯޓުފަހަރުގެ ޝެޑިއުލް ދަތުރުތައް ފެށޭވަރުވާނީ އާ ޓާމިނަލްގެ މަސައްކަތް ނިމުމުންނެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެއާޕޯޓްތައް އަޅަން ދެކޮޅުނުޖެހޭ ހަރަދުތައް ކުރީމައި އެފައިސާ އަނބުރާ ދައްކަން ޓެކްސް އާއި އެހެނިހެން ގޮތްގޮތުން ހޯދަން ޖެހެނީ ރައްޔިތުންގެ އަތުންނެވެ. އެހެންކަމުން އޭގެ ބުރަ އުފުލަން ޖެހޭ ބަޔަކީ ރައްޔިތުން ކަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި އިސްކަންދިނީ ކަނޑު ދަތުރުފަތުގެ ނިޒާމަކަށެވެ. އެގޮތުން ހުރިހާ އަތޮޅެއްގައި ޝެޑިއުލް ފެރީގެ ނިޒާމެއް ގާއިމްކުރި އެވެ.