Roadha Mihaaru
ނޭމާގެ ލަނޑާ އެކު ބްރެޒިލް ސެމީ އަށް

ނޭމާގެ ލަނޑާ އެކު ބްރެޒިލް ސެމީ އަށް

14 އޯގަސްޓް 2016

ރިއޯ ޑި ޖެނީރޯ (އޮގަސްޓް 14) - އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގައި ރޭ ކެޕްޓަން ނޭމާގެ ލަނޑާ އެކު 2-0 އިން ކޮލަމްބިއާ ބަލިކޮށް ބްރެޒިލް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ރިއޯ ޑި ޖެނީރޯ (އޮގަސްޓް 14) - އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގައި ރޭ ކެޕްޓަން ނޭމާގެ ލަނޑާ އެކު 2-0 އިން ކޮލަމްބިއާ ބަލިކޮށް ބްރެޒިލް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މުބާރާތުގެ ފުރަތަމަ ދެ މެޗުން ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް ބްރެޒިލް ވަނީ އެންމެ ފަހުން ކުޅުނު މެޗުން ބޮޑު ތަފާތަކުން ޑެންމާކް ބަލިކޮށް ރަނގަޅު ފޯމެއްގަ އެވެ. ރޭގެ މެޗުގެ 12 ވަނަ މިނިޓްގައި ނޭމާ ބްރެޒިލަށް ލީޑު ނަގައިދިނީ ލިބުނު ހިލޭ ޖެހުމަކުންނެވެ. މިއީ މި ފަހަރުގެ އޮލިމްޕިކްސްގައި ނޭމާ ޖެހި ފުރަތަމަ ލަނޑެވެ.

ބްރެޒިލަށް ސެމީގެ ޖާގަ ޔަގީންވީ މެޗު ނިމެން އަށް މިނިޓަށް ވެފައި ވަނިކޮށް ލުއާން އެޓީމުގެ ލީޑު ފުޅާކޮށްދިނުމުންނެވެ. އިތުރު ލަނޑެއް ޖަހަން ފުރުސަތު ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

ސެމީ ފައިނަލުގައި ބްރެޒިލް ނުކުންނާނީ ހޮންޑިއުރަސްއާ ދެކޮޅަށެވެ. އަނެއް ސެމީގައި ނައިޖީރިއާ ބައްދަލުކުރާނީ ޖަރުމަނާ އެވެ. ސެމީ ފައިނަލް މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގަ އެވެ.

މި ފަހަރުގެ އޮލިމްޕިކްސް ފައިނަލުން ބްރެޒިލާއި ޖަރުމަނު ޖާގަ ހޯދައިފި ނަމަ އެ މެޗު ވެގެންދާނީ މީގެ ދެ އަހަރު ކުރިން ބްރެޒިލްގައި އޮތް ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ފަހު ބައިނަލްއަގްވާމީ މުބާރާތެއްގައި މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ މެޗަށެވެ. އަނިޔާގެ ސަބަބުން ނޭމާ އަށް ގެއްލުނު އެ މެޗުން ބްރެޒިލް ބަލިވީ 7-1 އިންނެވެ.