Roadha Mihaaru
މިހާރުގެ ސަރުކާރުން ބަޖެޓު ހުށަހެޅުން ރަނގަޅެއް ނޫން

އަންނަ އަހަރުގެ ބަޖެޓް މި ސަރުކާރުން ހުށަހެޅުން ރަނގަޅެއް ނޫން: ނަޝީދު

30 އޮކްޓޯބަރ 2018

އާ ސަރުކާރުގެ ބަޖެޓް، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުށަހެޅުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އާ ސަރުކާރުގެ ބަޖެޓް، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުށަހެޅުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނީ އިދިކޮޅު ކޯލިޝަނުން ފޮނުވާ ބަޖެޓު ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެފައި ވާއިރު، ބަޖެޓު ތައްޔާރު ކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީ އާއި އިދިކޮޅު ކޯލިޝަނުން ގުޅިގެން އަންނަނީ ކުރަމުންނެވެ.

މާލިއްޔަތުގެ ގާނޫނުގައިވާ ގޮތުން ކޮންމެ މާލީ އަހަރެއް ފެށުމުގެ ދެ މަސް ކުރިން ބަޖެޓު ތައްޔާރުކޮށް މަޖިލިހަށް ހުށަހަޅަން ޖެހެ އެވެ. އެކަމަކު، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާ ކުރައްވައި އާ ސަރުކާރު އުފެދޭނީ ބަޖެޓު މަޖިލިހަށް ހުށަހަޅަން އޮންނަ ތާރީޚަށް ވުރެ ފަހުންނެވެ. ދައުލަތުގެ ބަޖެޓު ހުށަހަޅަން އޮންނަ އެންމެ ފަހުގެ ތާރީޚަކީ އޮކްޓޯބަރު 31 އެވެ.

އޮޑިޓް އޮފީހުގެ 2019 ވަނަ އަހަރުގެ ބަޖެޓު ކަނޑައަޅައި މާލިއްޔަތު ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓަށް ބަހުސް ކުރައްވަމުން ނަޝީދު ވިދާޅުވި ގޮތުގައި މާލިއްޔަތު ގާނޫނުގައި އެންމެ ފުރަތަމަ ކަނޑައެޅީ ދައުލަތުގެ ބަޖެޓު ހުށަހަޅަން ވާނީ އަހަރު ނިމުމުގެ އެއް މަސް ދުވަސް ކުރިން ކަމަށެވެ.

އެކަމަކު، އަހަރު ނިމުމުގެ ދެ މަސް ކުރިން ދައުލަތުގެ ހުށަހަޅާ ގޮތަށް ބަދަލު ކުރީ ސްކޫލް ކުދިންގެ ޗުއްޓީއާއެކު، މެމްބަރުން ވެސް ބޮޑު ޗުއްޓީއަށް ވަޑައިގަތުމަށް ބޭނުންވުމުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެގޮތަށް ބަދަލު ކުރުމުން، މިނިސްޓްރީން ބޮޑު ޕްރެޝަރަކާ ކުރިމަތިލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، ނަޝީދު ވިދާޅުވި ގޮތުގައި އިންތިޚާބީ ރައީސް އިބޫ އެކުލަވާލަން ތައްޔާރުވަމުން އަންނަ ސަރުކާރަށް ދައުލަތުގެ ބަޖެޓު ހުށަހަޅަން އެކަށީގެންވާ ފުރުސަތެއް ދޭން ޖެހެ އެވެ.

"އެ ގާނޫނު ނުދަނޭ ކޮންމެ ފަސް އަހަރުން އެއް އަހަރު ރިޔާސީ އިންތިޚާބެއް އަންނާނެ ކަމެއް. އާ ސަރުކާރެއް އަތުވެދާނެ ކަމެއް. ސިޔާސަތުތަކާއި ޕްރޮގްރާމްތައް ބަދަލުވެދާނެ ކަމެއް. އެހެންވީމަ އަޅުގަނޑުމެން އެބަޖެހޭ އެ ގާނޫނަށް ވެސް އެ ޖާގަ ދޭން. ކޮންމެވެސް ވަގުތެއްގައި އެމީހުންނަށް އެކަން ކުރެވޭނެ ގޮތަށް،" މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ތަޖުރިބާކާރު އެއް މެމްބަރު ނަޝީދު ވިދާޅުވި އެވެ.

"މިހާރު އޮތް ސަރުކާރުން އެމީހުންގެ (އިދިކޮޅު ކޯލިޝަންގެ) ބަޖެޓު ހުށަހެޅުމަކީ އަޅުގަނޑަކަށް ނުފެނޭ އެއީކީ މާ ހަރުދަނާ ކަމެއް ކަމަކަށް،" ނަޝީދު ވިދާޅުވި އެވެ.

މީގެއިތުރުން، ވަގުތީ ހައްލެއް ހޯދުމަށް 100 ދުވަހުގެ މަސައްކަތުގެ ޕްރޮގްރާމްތަކަށްވާ ހަރަދު ހިމަނައިގެން ބަޖެޓު ގެނައުމަކީ މުޅި މަންޒަރު ފެންނާނެ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެންވެ، މި އަހަރުގެ ތަޖުރިބާއަށް ބަލާފައި މާލިއްޔަތު ގާނޫނަށް އިސްލާހު ގެނެސް، ފަސް އަހަރުން އެއް އަހަރު ވެރިކަން ބަދަލުވާނަމަ، ބަޖެޓު ހުށަހެޅުމުގެ ފުރުސަތު ދަންމާލަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މި އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައި ވަނީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.