Roadha Mihaaru
މެމްބަރުންގެ މުސާރަ ބޮޑު ކުރަން ނިހާން ދެކޮޅު

މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑު ކުރަން ނިހާން ދެކޮޅު

27 އޮކްޓޯބަރ 2018

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑު ކުރަން ދެކޮޅު ހައްދަވާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑު ކުރަން ދެކޮޅު ހައްދަވާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ އިދާރާގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، މެމްބަރުންގެ މުސާރަ ބޮޑު ކުރަން "ދުވަަހަކު ވެސް" ތާއީދު ނުކުރައްވާނެ ކަމަށެވެ.

"މުސާރައިގެ ކަންތަކުގައި އެންމެ ފުރަތަމަ މިނިޓުގައި ވެސް ތާއީދެއް ނުކުރަން. ފަހުން ވެސް ތާއީދެއް ނުކުރާނަން. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މެމްބަރުންގެ މުސާރަ ކަނޑައަޅަން ޖެހޭނީ ދެން އޮންނަ މަޖިލީހެއްގައި. މި މަޖިލީހުން، އެހެން މަޖިލީހެއްގެ މުސާރަ ކަނޑަ ނޭޅޭނެ،" ނިހާން ވިދާޅުވި އެވެ.

ނިހާން އެހެން ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ހޮވިވަޑައިގެންފި ނަމަ، މެމްބަރުންނަށް ކޮންމެ މަހަކު 150،000ރ. ގެ މުސާރައެއް ދިނުމަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރުން އަބްދުއްރަހީމް އަބްދުﷲ ވަނީ މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުމުގެ ކެމްޕެއިން ފައްޓަވައިފަ އެވެ. އަބްދުއްރަހީމް އެ ކެމްޕެއިނެއް ފެއްޓެވީ، ޕީޕީއެމް/އެމްޑީއޭ މެމްބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް 51 މެމްބަރުންގެ ސޮޔާ އެކު، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމުންނެވެ.

މެމްބަރުންގެ މުސާރަ 150،000ރ. އަށް ބޮޑުކުރުމަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެ އަބްދުއްރަހީމް ކުރެއްވި ޓުވީޓު

މަޖިލީހުގެ މެމްބަރެއްގެ މުސާރަ އަކީ މިހާރު 62،500ރ. އެވެ. އަދި ކޮމެޓީތަކުގެ ބައްދަލުވުންތަކަށް ވަޑައިގަންނަވާ މެމްބަރުންނަށް 20،000ރ. ގެ އިނާޔަތެއް ލިބިވަޑައިގަންނަވަ އެވެ.

ނިހާން ވިދާޅުވި ގޮތުގައި އަބްދުއްރަހީމް ފާޅު ކުރެއްވީ އަމިއްލަ ހިޔާލެކެވެ. އެއީ، އަބްދުއްރަހީމްގެ އަމިއްލަ ނިންމެވުމެއް ކަމަށާއި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާ މަޝްވަރާ ކުރައްވައިގެން ނިންމެވި ނިންމެވުމެއް ނޫން ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

މަޖިލީހުގެ މެމްބަރުންނަށް ހާއްސަ ކޮށްގެން ހެދި އިމްތިޔާޒުގެ ގާނޫނުގައި މެމްބަރުންނާ ހުތުރު ބަހުން މުހާތަބު ކުރާ މީހުންނަށް ޖިނާއީ ދައުވާ ކުރެވޭ ގޮތަށް އޮތް އޮތުމަށް ދެކޮޅު ވެސް ހައްދަވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އިމްތިޔާޒްގެ ގާނޫނު މަޖިލީހުން އެންމެ ފުރަތަމަ ފާސް ކުރީ އެ ބައި ހިމަނައިގެންނެވެ. އެކަމަކު، މެމްބަރުންގެ ދެކޮޅު ހެދުންތަކާ ގުޅިގެން، އެ ބައި ވަނީ އެ ގާނޫނުން އުވާލައިފަ އެވެ.

މަޖިލީހުގެ ރައީސް ކަމަށް ގެންނަން އިދިކޮޅު ފަރާތްތަކުން ފާސްކޮށްފައި ވަނީ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމެވެ.