Roadha Mihaaru
ޕީއެސްއެމްގެ ތިން ވެރިޔަކު ގޮވައިގެން ފުލުހަށް!

ޕީއެސްއެމްގެ ތިން ވެރިއެއްގެ މައްސަލަ ފުލުހަށް ހުށަހަޅައިފި

23 އޮކްޓޯބަރ 2018

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ އެންމެ ދުވަސްވީ އެއް ނޫސްވެރިޔާ މުހައްމަދު އަފްސަލް، އެ ކުންފުނީގެ ތިން ވެރިއެއްގެ މައްސަލަ އިއްޔެ ފުލުހުންނަށް ހުށަހަޅައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ އެންމެ ދުވަސްވީ އެއް ނޫސްވެރިޔާ މުހައްމަދު އަފްސަލް، އެ ކުންފުނީގެ ތިން ވެރިއެއްގެ މައްސަލަ އިއްޔެ ފުލުހުންނަށް ހުށަހަޅައިފި އެވެ.

އަފްސަލް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފް އަދި ޑިރެކްޓަ އޮފް ނިއުސްގެ މަގާމުގައި ހުންނެވި ފަޔާޒު ޔޫސުފް، އޭނާގެ އަބުރަށް ހުތުރުވާ ގޮތަށް އަދި ސާބިތު ނުހިފޭ ދޮގު ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

އެހެންކަމުން އޭނާ ފުލުހުންގެ ކިބައިން އެދުނީ އަބުރު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެ މައްސަލަ ތަހުގީގުކޮށް އެ ބޭފުޅުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށެވެ.

ސިޔާސީ ދާއިރާގެ ހަބަރުތައް ގެނެސް ދިނުމުގައި ޓީވީއެމްގައި އިސްކޮށް އުޅުނު އަފްސަލް އެތަނުގެ ނިއުސް އެޑިޓަރަކަށް ހުއްޓާ މިދިޔަ އޮގަސްޓް 27 ގައި ވަނީ ދިވެހިރާއްޖޭގެ އަޑުގެ ޕްރެޒެންޓަރެއްގެ މަގާމަށް ބަދަލުކޮށްފަ އެވެ. އޭނާގެ ވަޒީފާ ބަދަލުކުރީ އިނާއަތްތަކާއި އެލަވަންސްތައް ކުޑަވާ ގޮތަށެވެ.

އަފްސަލް ހުށައެޅި މައްސަލައިގެ އަސްލަކީ ވެސް އޭނާގެ މަގާމު ބަދަލުކުރުމުގައި ތިން ބޭފުޅުން ދެއްކެވި ވާހަކަތަކެވެ. އެގޮތުން އޭނާގެ މަގާމަށް ބަދަލު ގެނައީ އޮފީހުގެ ލިޔެކިޔުންތަކެއް ލީކުކޮށްގެން ކަމަށް، ތިން ބޭފުޅުން ވެސް ވާހަކަ ދައްކަވާފައިވާ ކަމަށް، އަފްސަލް ބުންޏެވެ. އެކަމަކު އޭނާ ބުނީ އެއީ ދޮގު ތުހުމަތެއް ކަމަށެވެ.

"މައްސަލަ މި ލީ މަގާމު ބަދަލުކުރީމައެއް ނޫން. އަޅުގަނޑުގެ ދަށުން މަސައްކަތްކުރި މުވައްޒަފުންނާއި އޮފީހުގައި އަޅުގަނޑުގެ އަގުވެއްޓޭ ގޮތަށް ވާހަކަ ދައްކާފައިވާތީ،" އަފްސަލް ބުންޏެވެ.

އޭނާ ބުނީ މަގާމު ބަދަލުކުރި ސަބަބު ހޯދަން ޕީއެސްއެމްގެ އެޗްއާރަށް ތަކުރާރުކޮށް އެދިފައިވާނެ ކަމަށާއި ނަމަވެސް މިއަދާ ހަމައަށް ވެސް ޖަވާބު ދީފައިނުވާ ކަމަށެވެ.

އެ މައްސަލައާ ގުޅޭ ގޮތުން އިކްރާމް ވިދާޅުވީ "އެއީ ވަރަށް ހެއްވާ ކަމެއް" ކަމަށެވެ.

އަޅުގަނޑު "ބުނާނެ އެއްޗެއް ނެތް،" އިކްރާމް ވިދާޅުވި އެވެ.

ހަލީލާއި ފަޔާޒު ފޯނު ނުނަންގަވާތީ އެބޭފުޅުންގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ޕީއެސްއެމްގެ ބައެއް ވެރިންނާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތައް ވެސް ވަނީ އުފުލައިފަ އެވެ. އެކަމަކު އެ ބޭފުޅުން އެކަން ދޮގުކުރައްވަ އެވެ.