Roadha Mihaaru
އިންޑިއާގެ ސިޓީއެއްގެ މުސްލިމް ނަން ބީޖޭޕީން ބަދަލުކޮށްފި

އިންޑިއާގެ ސިޓީއެއްގެ މުސްލިމް ނަން ބީޖޭޕީން ބަދަލުކޮށްފި

17 އޮކްޓޯބަރ 2018

އިލާހްއާބާދު (އޮކްޓޯބަރު 17) - އިންޑިއާގެ އެންމެ ބައިބޯ ސްޓޭޓުގައި ހިމެނޭ ތާރީޚީ ސިޓީއެއް ކަމަށްވާ އިލާހްއާބާދުގެ މުސްލިމް ނަން ބީޖޭޕީން ހިންދޫ ނަމަކަށް ބަދަލުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިލާހްއާބާދު (އޮކްޓޯބަރު 17) - އިންޑިއާގެ އެންމެ ބައިބޯ ސްޓޭޓުގައި ހިމެނޭ ތާރީޚީ ސިޓީއެއް ކަމަށްވާ އިލާހްއާބާދުގެ މުސްލިމް ނަން ބީޖޭޕީން ހިންދޫ ނަމަކަށް ބަދަލުކޮށްފި އެވެ.

އުއްތަރަ ޕްރަދޭޝް (ޔޫޕީ) ގައި ހިމެނޭ ގާތްގަނޑަކަށް މިލިއަނެއްހާ މީހުން ދިރިއުޅޭ އިލާހްއާބާދަށް ދެން ކިޔާނީ ޕްރަޔަގްރާޖް ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ވަނީ ބުނެފަ އެވެ.

ޔޫޕީގެ ހެލްތު މިނިސްޓަރު ސިދާތު ނާތު ސިންގް ވިދާޅުވީ ސިޓީގެ ނަން ބަދަލު ކުރީ ކެބިނެޓުން ފާސްކޮށްގެން ކަމަށެވެ. ނަން ބަދަލު ކުރަން ހުށަހެޅީ ސްޓޭޓުގެ ޗީފް މިނިސްޓަރު ޔޯގީ އަދިތިޔާނާތު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފާދިރީއެއް ކަމަށްވާ އަދިތިޔަނާތު މިދިޔަ އަހަރު ވެރިކަމަށް އައި ފަހުން ވަނީ ސްޓޭޓުގެ އެކި ތަންތަނަށް ކިޔާފައި ހުރި މުސްލިމް ނަންތައް ބަދަލު ކުރަން ފަށައިފަ އެވެ. ޔޫޕީ ސްޓޭޓުގެ 220 މިލިއަން މީހުންގެ ތެރޭން 19 ޕަސެންޓަކީ މުސްލިމުންނެވެ.

އިންޑިއާގެ ފުރަތަމަ ބޮޑު ވަޒީރު ޖަވާހަރްލާލް ނެހުރީ ނިސްބަތްވާ ސިޓީ އޮންނަނީ ވެރިރަށް ނިއު ދިއްލީގެ އިރު ދެކުނުން 650 ކިލޯ މީޓަރު ދުރުގަ އެވެ. އެ ސިޓީ އަށް އިލާހްއާބާދުގެ ނަން ދީފައި ވަނީ 16 ވަނަ ގަރުނުގައި ވެރިކަން ކުރި މުސްލިމް ވެރިންނެވެ.

އިލާހްއާބާދުގެ މުސްލިމް ނަން ބަދަލުކޮށްފައި މި ވަނީ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ހިންދޫ ނޭޝަނަލިސްޓް ޕާޓީން އިންޑިއާގެ ތާރީޚާ އާއި އައިޑެންޓީ އަށް ބަދަލު ގެންނަކަމަށް ތުހުމަތު ކުރާ ދުވަސްވަރެއްގަ އެވެ.

މޯދީގެ ބީޖޭޕީން ޔޫޕީގެ ކޮންޓްރޯލް މިދިޔަ މާޗް މަހު ނެގީ ވަރަށް ތަފާތު ބޮޑު ކޮށެވެ. އެއީ 1977 ވަނަ އަހަރުގެ ފަހުން އެ ސްޓޭޓުގައި ޕާޓީއަކުން ހޯދި އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.

އިންޑިއާގެ 1.3 ބިލިއަން މީހުންގެ އާބާދީގައި ހިންދޫންގެ ނިސްބަތަކީ 80 ޕަސެންޓެވެ. ސާދަ ޕަސެންޓަކީ މުސްލިމުން ކަމަށްވާ އިރު ދެން ހިމެނެނީ ކްރިސްޓިއަނުންނާއި ސިކުންނެވެ.