Roadha Mihaaru

ފިނޑިއެއްގެ ގޮތުގައި ރާއްޖެ ދޫކޮށް ދާކަށް ނޫޅެން: ޝައިނީ

ރިޔާސީ އިންތިޚާބުން ރައީސް އަބްދުﷲ ޔާމީން ނާކާމިޔާބުވެވަޑައިގަތުމުން، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ރާއްޖޭން ބޭރަށް ދިރިއުޅުއްވުން ބަދަލު ކުރެއްވި ކަމަށް ދެކެވޭ ވާހަކަތައް އޭނާ މިއަދު ދޮގު ކުރައްވައިފި އެވެ.

ފިނޑިއެއްގެ ގޮތުގައި ރާއްޖެ ދޫކޮށް ނުދާނަން: ޝައިނީ
އަހުމަދު ސާއިލް އަލީ
އަހުމަދު ސާއިލް އަލީ

17 އޮކްޓޯބަރ 2018

ރިޔާސީ އިންތިޚާބުން ރައީސް އަބްދުﷲ ޔާމީން ނާކާމިޔާބުވެވަޑައިގަތުމުން، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ރާއްޖޭން ބޭރަށް ދިރިއުޅުއްވުން ބަދަލު ކުރެއްވި ކަމަށް ދެކެވޭ ވާހަކަތައް އޭނާ މިއަދު ދޮގު ކުރައްވައިފި އެވެ.

ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ރާއްޖެ އިން ބޭރަށް ދިރިއުޅުން ބަދަލު ކުރައްވާ ކަމަށް ތުހުމަތުކުރާ އިރު ބައެއް މީޑިއާތަކުން މިއަދު ރިޕޯޓް ކޮށްފައިވާ ގޮތުގައި ޝައިނީ ވެސް ވަނީ އާއިލާއާ އެކު އިއްޔެ ސްރީ ލަންކާ އަށް ވަޑައިގެންފަ އެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޝައިނީ މިއަދު ވިދާޅުވީ މި ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކާ މެދު ފަހުރުވެރިވާ ކަމަށާއި ފިނޑިއެއްގެ ގޮތުގައި ގައުމު ދޫކޮށް ދާންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

"ގައުމު ދެކެ ލޯބިވޭ. ގައުމަށް ހިދުމަތް ކުރަން ލިބޭ ކޮންމެ ފުރުސަތެއްގައި ހިދުމަތް ކުރާނަން،" ޝައިނީ ވިދާޅުވި އެވެ.

އަދި އޭނާ ވަނީ ރައީސް ޔާމީންގެ ޓީމުގައި ރާއްޖެ އާއި ދިވެހިންނަށް ފޯރުކޮށްދެވުނު ހިދުމަތްތަކާ މެދު ފަހުރުވެރިވާ ކަމަށް ވިދާޅުވެފަ އެވެ.

އެނގިފައިވާ ގޮތުގައި ޝައިނީ ސްރީލަންކާ އަށް ވަޑައިގަތީ ދަރިކަނބަލުން ސްޓަޑީ ކޭމްޕެއްގައި އެމެރިކާ އަށް ވަޑައިގަންނަވަން ޖެހިފައި އޮތުމުން އެކަމަށް ވިސާ ހޯދުމަށެވެ.

ރިޔާސީ އިންތިހާބުން ނާކާމިޔާބުވި ފަހުން ޕީޕީއެމުން ކުއްލިއަކަށް ބޭއްވި ކޮންގްރެސްގައި ޝައިނީ ވަނީ އެ ޕާޓީގެ ނައިބު ލީޑަރުކަމަށް ކުރިމަތިލައްވާފަ އެވެ. ފަސް ބޭފުޅުން ކުރިމަތިލެއްވި އިރު ނާކާމިޔާބުވެ ވަޑައިގެންނެވީ ޝައިނީ އެވެ.