Roadha Mihaaru

އެޗްޑީސީން ކޮރަޕްޝަންގެ ހެކި ނައްތާލާ ކަމުގެ ތުހުމަތާއެކު ފިޔަވަޅު އަޅަން ގޮވަނީ!

ރައީސް އަބްދުﷲ ޔާމީން ދެ ވަނަ ދައުރަކަށް އިންތިޚާބު ކުރުމަށް ކުރި ކެމްޕޭނަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހޭދަ ކުރި ކަން ފަޅާއެރުމާ އެކު، އެކަމުގެ ހެކިތައް ނައްތާލަމުންދާ ކަމުގެ ތުހުމަތާއެކު، އެ ތަނުގެ އިސް ވެރިންނަށް ފާޑުކިއުން އަމާޒުވެއްޖެ އެވެ.

އެޗްޑީސީން ހެކި ނައްތާކަމުގެ ތުހުމަތު، ފިޔަވަޅު އަޅާ!
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

17 އޮކްޓޯބަރ 2018

ރައީސް އަބްދުﷲ ޔާމީން ދެ ވަނަ ދައުރަކަށް އިންތިޚާބު ކުރުމަށް ކުރި ކެމްޕޭނަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހޭދަ ކުރި ކަން ފަޅާއެރުމާ އެކު، އެކަމުގެ ހެކިތައް ނައްތާލަމުންދާ ކަމުގެ ތުހުމަތާއެކު، އެ ތަނުގެ އިސް ވެރިންނަށް ފާޑުކިއުން އަމާޒުވެއްޖެ އެވެ.

ކޮރަޕްޝަންގެ އެ މައްސަލަ ވީ އެންމެ އަވަހަކަށް ބަލައި ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ސޯޝަލް މީޑިއާގައި އަންނަނީ ގޮވާލަމުންނެވެ.

ރައީސް ޔާމީންގެ ކެމްޕޭންގައި، ހުޅުމާލޭގައި މައި ޖަގަހައެއްގެ ގޮތުގައި އެޗްޑީސީން އިމާރާތް ކުރަމުން އަންނަ ޕްރީ ސްކޫލް ބޭނުން ކޮށްފައިވާ އިރު، މިލިއަނުން ފައިސާ ހޭދަކުރި ކަން ވެސް އެ ކުންފުނީގެ ލިޔެކިޔުންތަކުން ވަނީ ފަޅާއަރައިފަ އެވެ. މި ވާހަކަތައް މީޑިއާ އިން ރިޕޯޓް ކުރަން ފެށުމުން، އެ ޖަގަހައިގައި ހުރި "ކުނިތައް" ނައްތައިލުމުގެ މަސައްކަތް އެޗްޑީސީން ވަނީ ފަށައިފަ އެވެ. ނައްތައިލާ ތަކެތީގެ ތެރޭގައި، ކެމްޕޭނަށް އެޗްޑީސީގެ ބަޖެޓުން ކުރި ހޭދައާ ގުޅޭ ލިޔެކިޔުންތައް ހިމެނޭ ކަމުގެ ތުހުމަތު ދަނީ ސޯޝަލް މީޑިއާގައި ކުރަމުންނެވެ.

އެކަމަކު، ހެކި ނައްތައިލުމުގެ ތުހުމަތާ ގުޅިގެން އަދި އެޗްޑީސީން ރައީސް ޔާމީންގެ ކެމްޕޭނަށް ކުރި ހޭދައާ ގުޅޭ ގޮތުން ވެސް އެ ތަނުން ވާހަކައެއް ނުދެއްކި އެވެ. މި ތުހުމަތުތައް، މިހާތަނަށް ދޮގުކޮށްފަައި ނުވާ އިރު، އެޗްޑީސީން މިހާރު ވަނީ އަމިއްލަ އޮޑިޓެއް ވެސް ފަށައިފަ އެވެ.

ސަރުކާރަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ތުހުމަތުކުރެއްވި ގޮތުގައި، ޕީޕީއެމްގެ ޖަގަހައިގައި ހުރި ލިއުންތައް ނައްތާލަން، އެ ތަނުން ބޭރުކޮށް އެހެން ގުދަނަކަށް ވަނީ ވައްދައިފަ އެވެ. ހެކި ހުރި ކަމަށާއި އެއީ ބަލާނެ މައްސަލައެއް ކަމަށް ނުސީދާކޮށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެޗްޑީސީގެ ހެކިތައް ނައްތާލުމާ ގުޅޭގޮތުން އަހްމަދު މަހްލޫފް ކުރެއްވި ޓުވީޓް.

ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކަށް، ނުވަތަ ކެންޑިޑޭޓެއްގެ ކެމްޕޭނަށް ވިޔަސް ދައުލަތުގެ ބަޖެޓުން ހޭދަކޮށް، މުދަލާއި ވަސީލަތްތައް ބޭނުން ކުރުމަކީ ކޮރަޕްޝަންގެ އަމަލެކެވެ. މިދިޔަ މަހު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ރައީސް ޔާމީނަށް ތާއީދު ހޯދަން، އެޗްޑީސީގެ ވަސީލަތްތައް ބޭނުންކުރުމުގެ އިތުރުން މުވައްޒަފުން ލައްވައި ވެސް ވަނީ މަސައްކަތް ކުރުވައިފަ އެވެ.

މީގެ ދެމަސް ކުރިން، ޕީޕީއެމްގެ ހުޅުމާލެ ކެމްޕޭން އޮފީސް ހުޅުވި ހިސާބުން ފެށިގެން އެ ތަނުގެ ވެސް ހުރިހާ ޚަރަދެއް ކުރީ އެޗްޑީސީން ކަމަށް އެ ކުންފުނީގެ ބައެއް މުވައްޒަފުން ހެކިވެ އެވެ. އެ މައްސަލައިގައި އެޗްޑީސީގެ އިސް ވެރިން ޒިންމާދާރުކުރުވަން މުއައްސަސާތަކަށް އަންނަނީ ގޮވާލަމުންނެވެ.

ޕީޕީއެމްގެ ކެމްޕޭނަށް އެޗްޑީސީގެ މުދާ ބޭނުންކުރުމާ ގުޅޭގޮތުން ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ކުރައްވާފައިވާ ޓުވީޓެއް.

އެޗްޑީސީގެ ކޮރަޕްޝަނާ ގުޅޭ ގޮތުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަހްމަދު އަބްދުﷲ ކުރެއްވި ޓުވީޓެއް.

މި މައްސަލައިގައި ފިޔަވަޅު އެޅުން ލަސްވާތީ، މުއައްސަސާތަކަށް ވެސް ދަނީ ފާޑުކިޔަމުންނެވެ. އެޗްޑީސީގެ ކޮރަޕްޝަނަށް އިޝާރާތްކޮށް ޓުވިޓާގައި، "ފެންފޮދަކާ ނުލައި އެޗްޑީސީ ދިރުވާލި އިރު" ފުލުހުންނަށް އިންޓެލިޖެންސް ރިޕޯޓެއް ނުލިބޭތޯ އެކަކު ސުވާލު ކޮށްފައިވެ އެވެ. އިންޓެލިޖެންސް ރިޕޯޓާ ގުޅުވައި ފުލުހުންނަށް ފާޑުކިޔަނީ، ހެއްކެއް ނެތަސް ސިޔާސީ ފަރާތްތައް ބަންދުގައި ބައިތިއްބަން ކޯޓަށް ހުށަހަޅާ އިންޓެލިޖެންސް ރިޕޯޓަށް އިޝާރާތް ކޮށެވެ.

އެޗްޑީސީގެ ކޮރަޕްޝަނާ ގުޅޭ ގޮތުން މީހަކު ކޮށްފައިވާ ޓުވީޓެއް.

އެހެން މީހަކު ތުހުމަތު ކުރި ގޮތުގައި، ނުއަގުގައި ހުޅުމާލެ އިން 400 ގޯތި ވިއްކަން އުޅެނީ އެޗްޑީސީ ހުލިއަރުވާލާފައި އެކަން ނުދައްކަން ވެެގެންނެވެ.

ހުޅުމާލޭ ދެ ވަނަ ފިޔަވަހިން 400،000ރ.ގެ ރޭޓުން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކަން ސަރުކާރުން ނިންމީ، އެޗްޑީސީ އަށް މާލީ ދަތިތަކެއް ކުރިމަތިވުމާ ގުޅިގެން އެކަމަށް ހައްލެއް ހޯދުމަށެވެ. މި ހާލަތަށް ކުންފުނި ވެއްޓުނީ، އެ ކުންފުނިން ހިންގަމުން އައި މަޝްރޫއުތަކުގެ އިތުރުން، ޕީޕީއެމްގެ ކެމްޕޭނަށް ގަވާއިދާ ޚިލާފަށް ކުރި ހޭދަތަކާ ހެދި ކަަމަށް ތުހުމަތު ކުރާ މީހުންގެ ތެރޭގައި ކުންފުނީގެ އިސް މުވައްޒަފުން ވެސް ހިމެނެ އެވެ.

ރައީސް ޔާމީންގެ ކެމްޕޭން ތެރޭގައި، އެޗްޑީސީގެ ޚަރަދުގައި ޖަގަހަ ހަދައި އެ ކުންފުނީގެ މުވައްޒަފުން ލައްވައި ވަނީ މަސައްކަތް ކުރުވައިފަ އެވެ. އެ މީހުންގެ އިތުރު ގަޑީގެ ގޮތުގައި، އެޗްޑީސީން ބޮޑު އަދަދެއް ހޭދަކުރަން ޖެހުނު އިރު، ކެމްޕޭންގެ މަސައްކަތް ކުރަން ވަގުތީ މުވައްޒަފުންގެ ގޮތުގައި ވެސް ގިނަ ބަޔަކު ނަގާފައިވެ އެވެ. އެ އެންމެންގެ ކެއުމާއި އުޖޫރަ އަށް އެޗްޑީސީން ހޭދަ ކޮށްފައިވާ އިރު، ދުވާލަކު ކެއިންބުއިމަށް ވެސް 40،000-50،000 ރުފިޔާ ހޭދަވާ ކަމަށް އެ ކުންފުނީގެ ބައެއް ލިޔެކިޔުންތަކުގައިވާ ކަމަށް އެ ތަނުގެ ބައެއް މުވައްޒަފުން ބުނެ އެވެ.

އެޗްޑީސީ އަށް ގެއްލުންވަމުންދާ ގޮތަށް ކުންފުނި ހިންގަމުންދާތީ، މުވައްޒަފުންތަކެއް ވަނީ އޭސީސީ އަށް ވެސް މައްސަލައެއް ވައްދައިފަ އެވެ. އެ ކޮމިޝަނުން މިހާރު އަންނަނީ އެ މައްސަލަ ބަލަމުންނެވެ.