Roadha Mihaaru
ދުވާލު އިރުކޮޅަކު ނިދާލާ، ހަނދާން ގަދަވާނެ

ދުވާލު އިރުކޮޅަކު ނިދާލާ، ހަނދާން ގަދަވާނެ

11 އޮކްޓޯބަރ 2018

ދުވާލު ކުޑަ ވަގުތުކޮޅަކު ނިދާލުމަކީ ކަންކަން ހަނދާނުގައި ބެހެއްޓުމާއި ކަންކަން ރަނގަޅަށް ނިންމަން އެހީއަކަށްވާ ކަމަށް "ޖާނަލް ސްލީޕް ރީސާޗް" ގައި ޝާއިއު ކުރި ދިރާސާއެއްގައި ބުނެފި އެވެ.

ދުވާލު ކުޑަ ވަގުތުކޮޅަކު ނިދާލުމަކީ ކަންކަން ހަނދާނުގައި ބެހެއްޓުމާއި ކަންކަން ރަނގަޅަށް ނިންމަން އެހީއަކަށްވާ ކަމަށް "ޖާނަލް ސްލީޕް ރީސާޗް" ގައި ޝާއިއު ކުރި ދިރާސާއެއްގައި ބުނެފި އެވެ.

މި ދިރާސާ އިން ދެއްކި ގޮތުގައި "އަންކޮންޝަސް" ގޮތުގައި ލިބޭ މައުލޫމާތު ސިކުނޑީގައި ހަރުލެއްވުމާއި އަލަށް ލިބޭ މައުލޫމާތު ސިކުނޑިއަށް ނަގައި އޮޅުން ނާރާ ގޮތަށް ރައްކާކުރުމަށް، ދުވާލުގެ ނިދި އެހީތެރިވެ އެވެ.

ރޭގަނޑު ނިދީގެ މުހިންމުކަމާ ބެހޭ ގޮތުން ވަރަށް ގިނަ ދިރާސާތައް ކޮށް، ނިދީގެ މުހިންމުކަން ވަނީ ކަށަވަރުކުރެވިފަ އެވެ. އަލަށް ހެދި ދިރާސާގައި ބަލާފައި ވަނީ ދުވާލު ނިދުމުން ސިކުނޑިއަށް ކުރާ އަސަރެވެ.

ދިރާސާގައި މައިގަނޑު ގޮތެއްގައި ބެލީ "ކޮންޝަސް ބިހޭވިއާ" އާއި ކަންކަމަށް އިޖާބަދޭ ގޮތް، ދުވާލުގެ ނިދީގެ ސަބަބުން ބަދަލުވާ ގޮތެވެ. ދިރާސާގައި އިސްކޮށް ހުންނެވީ އިނގިރޭސި ވިލާތުގެ ޔުނިވަސިޓީ އޮފް ބްރިސްޓަލް މެޑިކަލް ސްކޫލްގެ، ޑިމެންޝާ ނިއުރޮލޮޖީގެ ސީނިއާ ލެކްޗަރާ ލިޒް ކުތާޑެވެ.

މި ދިރާސާގައި 16 މީހަކު ބައިވެރިކޮށް އެ މީހުންނަށް ދެ މަސައްކަތެއް ހަވާލުކުރި އެވެ.

ފުރަތަމަ، ވަރަށް އަވަހަށް، ސިކުނޑިއަށް ނަގައިނުގަނެވޭ ގޮތަށް މައުލޫމާތުތަކެއް ދައްކާލި އެވެ. އަނެއް މަސައްކަތަކީ ސްކްރީނަކުން ރަތް ނުވަތަ ނޫ ކުލައިގެ ގޮޅިއެއް ދެއްކުމެވެ.

މި ކަންކަން ކުރުމަށް ފަހު، އެއްބަޔަކު 90 ވަރަކަށް މިނެޓް ވަންދެން ނިދީ އެވެ. އަނެއްބަޔަކު ހޭލައި ތިބީ އެވެ. އަދި ނިދި މީހުން ނިދުމުގެ ކުރިންނާއި ފަހުން ވެސް އެ މީހުންގެ ސިކުނޑީގެ ހަރަކާތްތައް ހުރި ގޮތް ސްކޭން ކޮށްގެން ބެލި އެވެ.

ދިރާސާ ޓީމަށް ފާހަގަވި ގޮތުގައި، ނިދާފައި ހޭލި މީހުންނަށް، އެ މީހުންނަށް، އަވަސް އަވަހަށް ދައްކާލި މައުލޫމާތުތައް މާ ބޮޑަށް ހަނދާނުގައި ހުއްޓެވެ.

"ދިރާސާގެ ނަތީޖާއިން ހައިރާންކަން ލިބުނު. އެއީ ސަމާލުކަން ނުދީ ހުންނައިރު ލިބޭ މައުލޫމާތު، ނިދީގެ ސަބަބުން ވަރަށް ރަނގަޅަށް ހަނދާނުގައި ހަރުލާކަން އެނގުމުން،" ލިޒް ވިދާޅުވި އެވެ.

ދިރާސާ ޓީމުން ބުނީ މިކަމާ ބެހޭ ގޮތުން އަދި އިތުރަށް ދިރާސާކުރަންޖެހޭ ކަމަށެވެ.