02 އޮކްޓޯބަރ 2018
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ފ. ނިލަންދޫ އަތުން 2-0 އިން ށ. ފޯކައިދޫ މޮޅުވެއްޖެ އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ފ. ނިލަންދޫ އަތުން 2-0 އިން ށ. ފޯކައިދޫ މޮޅުވެއްޖެ އެވެ.
މި މެޗުގައި ފޯކައިދޫން ދެ ގޯލް ވެސް ޖެހީ، ނިލަންދޫގެ ކުޅުންތެރިޔަކަށް ރަތްކާޑު ދެއްކުމުގެ ފައިދާ ނަގައި މެޗުގެ ފަހު 10 މިނެޓުގެ ތެރޭގަ އެވެ.
މި މޮޅާ އެކު ފޯކައިދޫ ވަނީ އަށް ޕޮއިންޓާ އެކު ހަތަރު ވަނަ އަށް އަރައިފަ އެވެ. އެއް ވަނައިގައި 15 ޕޮއިންޓާ އެކު ޓީސީ ސްޕޯޓްސް ކްލަބް އޮތްއިރު ދެ ވަނައިގައި 13 ޕޮއިންޓާ އެކު އޮތީ ނިއު ރޭޑިއަންޓެވެ. ތިން ވަނައިގައި އޮތީ 10 ޕޮއިންޓާ އެކު ގްރީންސްޓްރީޓްސް އެވެ. އީގަލްސް އަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ލަނޑުގެ ތަފާތުން ވަނީ ފަސް ވަނަ އަށް ވެއްޓިފަ އެވެ. އެކަމަކު މިރޭ ތ. ތިމަރަފުށި އަތުން މޮޅުވެ ކުރިއަށް ޖެހުމުގެ ފުރުސަތު އީގަލްސް އަށް އެބައޮތެވެ. ނިލަންދޫ އޮތީ ހަތަރު ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ.
މިއަދުގެ މެޗުގެ ކުރީކޮޅު ނިލަންދޫގެ އަޑޮކޫ ލޫކަސް އަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. އޭގެ ފަހުން ފެނުނީ ފޯކައިދޫން ނުރައްކާކުރި ތަނެވެ. އެ ޓީމުގެ ހަސަން ސުފިއާން ކޯނަރަކުން ގޯލަށް ފޮނުވާލި ބޯޅައެއް ނިލަންދޫގެ ގޯލްކީޕަރު އަލީ ސޮބާހު މަތަކުރި އެވެ. އަދި އެ ފޯކައިދޫގެ ހަސަން ނަޒީމް ދެ ކުޅުންތެރިން ކައިރިން ނައްޓާފައި ގޯލަށް ފޮނުވާލި ބާރު ބޯޅަ ވެސް ކީޕަރު ސަލާމަތްކުރި އެވެ.
ދެ ވަނަ ހާފުގައި ދާދި ހަމަހަމަކޮށް ގޮސްފައި ވަނިކޮށް ނިލަންދޫ އަށް މައްސަލަތަކެއް ދިމާވީ އެ ޓީމުގެ ހަބީލާ މަރްލޫ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު 74 ވަނަ މިނެޓުގައި ރަތެއް ދެއްކުމުންނެވެ. އޭނާ އަށް ކާޑު ދެއްކީ ފޯކައިދޫގެ އެޓޭކެއް ހުއްޓުވަން ބޯޅައިގައި އަތްލުމުންނެވެ.
ނިލަންދޫން އެކަކު މަދުވުމުން ފޯކައިދޫން އިތުރަށް ނުރައްކާކުރަން ފެށި އެވެ. އެ ޓީމުގެ ފުރަތަމަ ގޯލް 79 ވަނަ މިނެޓުގައި ޖެހީ އަހުމަދު ޝަމާލެވެ. އޭނާ އެ ބޯޅަ ގޯލް ރޮނގު މަތިން އެތެރެކޮށްލީ ނިލަންދޫގެ ޑިފެންޑަރެއް ސާފުކުރަން ޖެހި ބޯޅަ އަމާޒުން ނެއްޓި ގޯލަށް ވަންނަން ދަނިކޮށެވެ. ފޯކައިދޫގެ ދެ ވަނަ ގޯލް 86 ވަނަ މިނެޓުގައި ކާމިޔާބުކުރީ މުހައްމަދު ޖައިލަމެވެ.
ފޯކައިދޫގެ ކޯޗު އަލީ ނިޝްތާރު ބުނީ މެޗު އެނބުރުނީ ނިލަންދޫގެ އެކަކު މަދުވި ހިސާބުން ފެށިގެން ކަމަށާއި މި މެޗުން ލިބިގެން ދިޔައީ ވަރަށް މުހިއްމު މޮޅެއް ކަމަށެވެ.
"ޖުމްލަކޮށް ވަރަށް ރަނގަޅަށް ދިޔައީ މެޗު. ކުޅުންތެރިން ވަރަށް ބޭނުންވެފައި ތިބީ މޮޅަކަށް." ނިޝްތާރު ބުންޏެވެ.
ނިލަންދޫގެ ކޯޗު އާދަމް އަބްދުއްލަތީފް (ލައްޗޭ) ބުނީ އޭނާގެ ޓީމުގެ ކުޅުންތެރިން ރަނގަޅަށް ކުޅުނު ކަމަށާއި ރަތްކާޑުގެ ސަބަބުން މެޗަށް އަސަރުކުރި ކަމަށް ނުދެކޭ ކަމަށެވެ.
"ކާޑު ދެއްކިޔަސް ރަނގަޅަށް ކުޅުނު. ބަލިވުމާ އެކަމާ ގުޅުމެއް ނެތް. ލަނޑު ނުޖެހުމަކީ އަދި އެހެން މައްސަލައެއް،" ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ބުންޏެވެ.
ކޯޗިންގައި ލައްޗޭ އަށް ރަނގަޅު ފެށުމެއް
ފޯކައިދޫ ބަލިކޮށް ނިލަންދޫ އަމާޒު ހާސިލްކޮށްފި
ވިކްޓްރީ އަތުން ނިލަންދޫ ފަސޭހައިން މޮޅުވެއްޖެ
ފޯކައިދޫން ގްރީން ސްޓްރީޓްސް ބަލިކޮށްފި
ދަގަނޑޭގެ ހަތަރު ގޯލާ އެކު ޓީސީ ލީގާ ގާތަށް
ރިޒޭގެ ހެޓްރިކާ އެކު އީގަލްސް އަށް ބޮޑު މޮޅެއް
ނިލަންދޫ ބަލިކޮށް ނިއު ތިން ވަނަ އަށް
ފޯކައިދޫ އަތުން މޮޅުވެ ޓީސީން އަލުން ލީޑުފުޅާކޮށްފި
މާޒިޔާ މޮޅުވެ، ޓީސީއާ ގާތަށް ޖެހިލައިފި
ވިކްޓްރީ އާއި ފޯކައިދޫ އެއްވަރު