Roadha Mihaaru
މީޑިއާގެ ބެލެނިވެރިކަމުގައި "ދަތް ނެތް ދެ ސިންގާ"

މީޑިއާގެ ބެލެނިވެރިކަމުގައި "ދަތް ނެތް ދެ ސިންގާ"

24 މެއި 2016

އާ ގާނޫނުއަސާސީން ލިބިދިން އެންމެ މުހިއްމު އެއް ހައްގަކީ މީޑިއާގެ މިނިވަންކަމެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށް ދިނުމުގެ އިތުރަށް މިނިވަން މީޑިއާ އަކަށް ފަހި މާހައުލެއް ގާއިމްކޮށް ދިނުން ވެގެން ދިޔައީ ރާއްޖެ ޑިމޮކްރެސީ އަށް ކުރި ދަތުރުގައި އެޅި އެންމެ މުހިއްމު އެއް ފިޔަވަޅަށެވެ. އެއާ އެކު، މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) ވުޖޫދަށް އައިސް، ރާއްޖޭގެ މީޑިއާ އަށް އާ ޖައްވަކަށް ނޭވާލެވޭނެ ކަމުގެ އުއްމީދު އާވެގެން ދިޔަ އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

އާ ގާނޫނުއަސާސީން ލިބިދިން އެންމެ މުހިއްމު އެއް ހައްގަކީ މީޑިއާގެ މިނިވަންކަމެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށް ދިނުމުގެ އިތުރަށް މިނިވަން މީޑިއާ އަކަށް ފަހި މާހައުލެއް ގާއިމްކޮށް ދިނުން ވެގެން ދިޔައީ ރާއްޖެ ޑިމޮކްރެސީ އަށް ކުރި ދަތުރުގައި އެޅި އެންމެ މުހިއްމު އެއް ފިޔަވަޅަށެވެ. އެއާ އެކު، މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) ވުޖޫދަށް އައިސް، ރާއްޖޭގެ މީޑިއާ އަށް އާ ޖައްވަކަށް ނޭވާލެވޭނެ ކަމުގެ އުއްމީދު އާވެގެން ދިޔަ އެވެ.

އެހެން ނަމަވެސް، އެ މުއައްސަސާތައް އުފެދި ހައެއްކަ އަހަރު ވެފައިވާ އިރު ވެސް މިހާތަނަށް މީޑިއާ އަށް މާ ބޮޑު ކުރިއެރުމެއް އައިސްފައެއް ނުވެ އެވެ. ސިޔާސީ ފަރާތްތަކުންނާއި އެނޫން ވެސް ގޮތްގޮތުން މީޑިއާ އަށް ކުރިމަތި ކުރުވަމުންދާ ދުއްތުރާތަކުގެ ދިފާއުގައި އެމްއެމްސީ އަކަށް ވެސް އަދި އެމްބީސީ އަކަށް ވެސް މާ ބޮޑު ކަމެއް ކުރެވިފައެއް ނުވެ އެވެ. މީޑިއާ ކައުންސިލްގެ މިހާރުގެ ވެރިންގެ ބަހުން ނަމަ، އެއީ "ދަތް ނެތް ސިންގާ"އެއް ފަދަ ތަނެކެވެ. ނޫސްވެރިކަމުގެ ދިފާއުގައި ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ. ދައުލަތުގެ އިދާރާތަކުގެ ދޮރުގައި ޓަކި ޖަހާލަ ޖަހާލާ ތިބުން ނޫން ގޮތެއް ނެތެވެ. ދޮރު ހުޅުވިއްޔާ ހުޅުވީ އެވެ. ނުހުޅުވިޔަސް ކުރެވޭނެ ކަމެއް ނެތެވެ.

ދުވަހުން ދުވަހަށް މީޑިއާތައް މޮނިޓަ ކުރަން އެބަޖެހޭ. މީޑިއާގެ ކަންކަން ރަނގަޅު ކުރެވޭނެ ގޮތްތައް ހޯދައި ފިކުރު ކުރަން އެބަޖެހޭ. ތަމްރީން ޕްރޮގްރާމްތައް ހޯދައި ދޭން އެބަޖެހޭ. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މި ހުރިހާ ކަމެއް ކުރެވޭނެހެނެއް މިހާރު އޮތް ގޮތަށް ކައުންސިލް އޮވެގެން. - އާސިފް

މައްސަލަ އަކީ ކޮބާ؟

މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނުގައި ހުރި ފުށޫއެރުންތަކުގެ ވާހަކަ ދެކެވޭތާ ޒަމާންތަކެއް ވެއްޖެ އެވެ. ނޫސްވެރިންނަށް ފާސް ދޫކުރާނީ އެ ތަނުން ކޮން މުއައްސަސާއަކުންތޯ ވެސް އެއް އިރެއްގައި ބަހުސްކުރެވުނެ އެވެ. އެންމެ ފަހުން ނިމުނީ ބްރޯޑްކާސްޓިން ކޮމިޝަނުން އެކަން ކުރާ ގޮތަށެވެ.

"ބްރޯޑްކާސްޓިން ކޮމިޝަނުން ނޫހާއި އޮންލައިން މީޑިއާގެ ކަންކަން ބެލެހެއްޓުން އެއީ އެކަން އޮންނަން ވާނެ ގޮތެއް ނޫން،" "ހަވީރު" ނޫހުގެ ކުރީގެ އެޑިޓަރު ޑރ. އަލީ ރަފީގް ވިދާޅުވި އެވެ.

ގާނޫނީ ފުށޫއެރުންތަކުގެ އިތުރަށް، މީޑިއާ ކައުންސިލަށް ލިބިދީފައިވާ ބާރުތައް ހަނިކަމުން ވެސް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވެ އެވެ. ނޫސްވެރިންނަށް ކުރިމަތިވާ ނުރައްކާތައް ހުއްޓުވަން މަސައްކަތް ކުރެވޭނީ، އެ ކައުންސިލުން ވެސް ގަބޫލުކުރާ ގޮތުގައި، ގާނޫނީ ގޮތުން ބާރުވެރި ވެގެންނެވެ. ނޫސްވެރިކަން ކުރިއަރުވަން މިހާރަށް ވުރެ ގިނަ މަސައްކަތްތަކެއް ކުރެވެން އަންނަނީ ވެސް އިތުރު ބާރުތަކެއް ލިބިގެންނެވެ. ސަރުކާރާއި ދައުލަތުގެ އެހެން މުއައްސަސާތަކަށް ބަރޯސާ ނުވެ، މީޑިއާގެ ކަންކަން އަމިއްލަ އަށް ހައްލު ކުރެވޭނެ ފަދަ މާހައުލެއް ހޯދައި ދީގެންނެވެ.

މީޑިއާ ކައުންސިލްގެ އިދާރާ: ކައުންސިލަށް އިތުުރު ބާރުތައް ބޭނުންވޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މީޑިއާ ކައުންސިލްގެ އިދާރާ: ކައުންސިލަށް އިތުުރު ބާރުތައް ބޭނުންވޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގާނޫނަށް ގެނެވޭނެ އެންމެ މުހިއްމު އެއް ބަދަލަކީ، މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް (މޮންދު) ވިދާޅުވި ގޮތުގައި، މީޑީއާ ރެގިއުލޭޓް ކުރަން އޮންނަ މުއައްސަސާ އަކީ ފުލް ޓައިމް މެމްބަރުންތަކެއް މަސައްކަތް ކުރާ ތަަނަކަށް ހެދުމެވެ. މިހާރު އޮންނަ ގޮތަށް ޕާޓް ޓައިމް ބަޔަކު ތިބެގެން އެ ކައުންސިލަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭނެ ކަމަށް އާސިފް ވިދާޅުވި އެވެ. އެއީ، އޭނާ އަށް ގަބޫލުކުރެއްވޭ ގޮތުގައި، ޒިންމާދާރު އެހެން ވަޒީފާތަކުގައި އުޅެމުން ކައުންސިލްގެ މަސައްކަތްތަކާއި ހަފުތާއަކު އެއް ފަހަރު އޮންނަ ބައްދަލުވުމަށް ވެސް ވަގުތު ހުސްކުރަން ދަތި ވާތީ އެވެ.

"ދުވަހުން ދުވަހަށް މީޑިއާތައް މޮނިޓަ ކުރަން އެބަޖެހޭ. މީޑިއާގެ ކަންކަން ރަނގަޅު ކުރެވޭނެ ގޮތްތައް ހޯދައި ފިކުރު ކުރަން އެބަޖެހޭ. ތަމްރީން ޕްރޮގްރާމްތައް ހޯދައި ދޭން އެބަޖެހޭ. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މި ހުރިހާ ކަމެއް ކުރެވޭނެހެނެއް މިހާރު އޮތް ގޮތަށް ކައުންސިލް އޮވެގެން،" އާސިފް ވިދާޅުވި އެވެ.

އަބުރާ ބެހުމުގެ ބިލާ ގުޅޭ ގޮތުން މީޑިއާ ކައުންސިލްގެ މެމްބަރުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ނިހާންއާ ބައްދަލުކުރައްވަނީ.-- ފޮޓޯ: މީޑިއާ ކައުންސިލް

އަބުރާ ބެހުމުގެ ބިލާ ގުޅޭ ގޮތުން މީޑިއާ ކައުންސިލްގެ މެމްބަރުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ނިހާންއާ ބައްދަލުކުރައްވަނީ.-- ފޮޓޯ: މީޑިއާ ކައުންސިލް

ޒަމާނީ ވިސްނުން

ކުރިއަރާފައިވާ ގައުމުތަކުގައި މީޑިއާ ރެގިއުލޭޓް ކުރުން އޮންނަނީ މައިގަނޑު ތިން އުސޫލެއްގެ ދަށަށް ފައްތާފަ އެވެ. ގިނަ ޑިމޮކްރެސީތަކުން ވަކާލާތު ކުރަނީ ސެލްފް ރެގިއުލޭޝަން ނުވަތަ މީޑިއާތަކުން އިސް ނަގައިގެން އެ ފަރާތްތަކުގެ މައްސަލަތައް ހައްލުކުރުމުގެ އުސޫލަށެވެ. ވަކިވަކި މީޑިއާތަކުން އަމަލުކުރާނެ އުސޫލުތައް އެކަށައަޅާފައި ހުންނައިރު، ހުރިހާ މީޑިއާތަކެއް އެއްބަސްވާ ކޯޑް އޮފް ކޮންޑަކްޓަކަށް ވެސް ތަބާވެ އެވެ. މީޑިއާތަކާ ދެކޮޅަށް ހުށަހަޅާ މައްސަލަތައް ބަލައި ފިޔަވަޅު އަޅަނީ އެ ކޯޑް އޮފް ކޮންޑަކްޓަށް ނޫސްވެރިން އަމަލުކުރާ މިންވަރު ވަޒަން ކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ ހާއްސަ ކޮމިޝަނަކުންނެވެ.

ދުވަސްވާ ވަރަކަށް ހުރިހާ މީޑިއާތަކާއި ނޫސްވެރިން އެއްގަލަކަށް އަރައި ނޫސްވެރިކަމުގެ އެންމެ މަތީ ހަމަތައް ހިފަހައްޓާނެ ކަމަށް ގަބޫލުކުރެވޭ. -- އަލީ ރަފީގް

މި އުސޫލް އެންމެ ފުރިހަމަ އަށް ފެންނަން އޮތީ އިނގިރޭސިވިލާތުންނެވެ. މީޑިއާތަކުން ފަތުރާ ޚަބަރުތަކާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތައް ބެލުން އޮންނަނީ އެ ގައުމުގައި ނެރޭ ހުރިހާ ނޫހަކާއި މަޖައްލާތަކެއް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޕްރެސް ކޮމްޕްލެއިންޓްސް ކޮމިޝަން (ޕީސީސީ)ންނެވެ. މަޝްހޫރު ބައެއްގެ މީހުންގެ ފޯނު ހެކުކޮށްގެން ޚަބަރު ގެނެސް ދިނުމުގެ މައްސަލަ އަށް ފަހު އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން އެ ކޮމިޝަން އުވާލަން ޖެހުނަސް އިނގިރޭސި މީޑިއާގެ ވިސްނުން އަދިވެސް ހުރީ އަމިއްލަ އަށް ރެގިއުލޭޓް ކުރާށެވެ. މިހާރު އެކަން ކުރަނީ ޕީސީސީ އުވާލައި އަލަށް އުފައްދާފައިވާ އިންޑިޕެންޑެންޓް ޕްރެސް ސްޓޭންޑާޑްސް އޮގަނައިޒޭޝަން (އައިޕީއެސްއޯ) އިންނެވެ.

މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެކުލެވިގެންވާ ގޮތް.-- ގްރެފިކްސް: މިހުސާން އަބްދުލް ގަނީ/ މިހާރު

މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެކުލެވިގެންވާ ގޮތް.-- ގްރެފިކްސް: މިހުސާން އަބްދުލް ގަނީ/ މިހާރު

ހުދުމުހުތާރު ވެރިކަންތަކާއި ޒަމާނީ ވެރިކަމުގެ ނިޒާމަކަށް ބަދަލުވުމުގެ މަގުމަތީގައިވާ ގައުމުތަކުން އަދިވެސް ގެންގުޅެނީ ގާނޫނުތައް މެދުވެރިކޮށް މީޑިއާގެ ކަންކަން ބެލެހެއްޓުމުގެ ވިސްނުމެވެ. ގާނޫނާއި ގަވާއިދުތަކާ ހިލާފުވާ މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އެޅުން ވެސް އޮންނަނީ ސަރުކާރުގެ ވަކި އިދާރާއަކާ ނޫނީ ގާނޫނީ ޝަހުސަކާ ހަވާލުކޮށްފަ އެވެ. މީޑިއާ ކޮށިން ދޫކޮށްލައި މިނިވަން ޖައްވެއްގައި އުދުހެން އެ ފަދަ ގައުމުތަކުގެ ވެރިން ބޭނުން ނުވަނީ އެވެ. ކޮންމެވެސް އެއް މާނައެއްގައި މީޑިއާ ކޮންޓްރޯލް ކުރުމުގެ ސަގާފަތް ދެމެހެއްޓުމުގެ އެންމެ ބޮޑު ބައިވެރިއަކަށް ވެފައި އޮންނަނީ ގާނޫނުތަކެވެ.

އަމިއްލަ އަށް މީޑިއާގެ ކަންކަން ބެލެހެއްޓުމާއި ގާނޫނުތައް މެދުވެރިކޮށް އެކަން ކުރުމުގައި ހުރި މައްސަލަތައް ހައްލުކުރަން ތިން ވަނަ ވިސްނުމެއް ވެސް ތަޖުރިބާކާރުން ހުށަހަޅުއްވާފައިވެ އެވެ. އެއީ އެ ދެ ގޮތް އެއްކޮށްލައިގެން، ކޯ ރެގިއުލޭޝަންގެ އުސޫލެއް ގެންގުޅުމެވެ. މީގެ އެންމެ ފުރިހަމަ މިސާލަކަށް ފެންނަން އޮތީ އޮސްޓްރޭލިއާގައި ގާއިމުކުރަން ހުށަހަޅާފައިވާ ނިއުސް މީޑިއާ ކައުންސިލެވެ. ދައުލަތުގެ ބަޖެޓުން ހަރަދު ކުރާ ގޮތަށް އެކުލަވާލާ މި ކައުންސިލަށް މެމްބަރުން އައްޔަންކުރާނީ މުސްތަގިއްލު ކޮމިޓީއަކުންނެވެ. ހުރިހާ ޒާތެއްގެ މީޑިއާއެއްގެ ކަންކަން ބަލަހައްޓާނީ މި ކައުންސިލުންނެވެ.

ރާއްޖެ އަށް ކޮން ގޮތެއް؟

މިހާރު އޮތް ގޮތަށް ރަސްމީ ވަސީލަތްތައް ބޭނުންކޮށްގެން މީޑިއާ ރެގިއުލޭޓް ކުރަން ކަމުގެ މާހިރުން ދެކޮޅު ހައްދަވަ އެވެ. ރާއްޖޭގެ އޮންލައިން މީޑިއާގެ ބާނީ އަލީ ރަފީގް ގަބޫލުކުރައްވާ ގޮތުގައި ރެގިއުލޭޓް ކުރުމާއި ކޮންޓްރޯލް ކުރުމާ އޮތީ ގުޅިލާމެހިފަ އެވެ. އޭގެ އެންމެ ބޮޑު އެއް މައްސަލަ އަކީ، އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރަށް ގެއްލުންވާ ފަދަ ޚަބަރު ގެނެސްދޭ މީޑިއާތަކާ ދެކޮޅަށް ވަރަށް ފަސޭހަ އިން ފިޔަވަޅު އެޅޭނެ ފުރުސަތު އޮތުމެވެ.

ރާއްޖެ އަށް ބޭނުން ވަނީ، އަލީ ރަފީގް ދެކެވަޑައިގަންނަވާ ގޮތުގައި، ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އޮންނަ ފަދަ އަމިއްލަ އަށް ރެގިއުލޭޓް ކުރެވޭނެ އުސޫލެކެވެ. ހާއްސަކޮށް ނޫސްތަކާއި އޮންލައިން މީޑިއާތައް ބަލަހައްޓަން އެ ފަދަ ގޮތެއް ގެންގުޅެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. މިފަދަ އުސޫލެއް މިހާތަނަށް ބޭނުންކޮށްފައި ނެތުމުގެ ސަބަބުން ފަށައިގަންނަ ދުވަސްވަރު ގިނަ ގޮންޖެހުންތަކެއް ކުރިމަތި ވެދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"އެކަމަކު، ދުވަސްވާ ވަރަކަށް ހުރިހާ މީޑިއާތަކާއި ނޫސްވެރިން އެއްގަލަކަށް އަރައި ނޫސްވެރިކަމުގެ އެންމެ މަތީ ހަމަތައް ހިފަހައްޓާނެ ކަމަށް ގަބޫލުކުރެވޭ،" ރާއްޖޭގައި ފުރަތަމަ ފަހަރަށް ނޫސްވެރިންގެ ކޯޑް އޮފް އެތިކްސްއެއް އެކުލަވާލުމުގައި ވެސް އިސްކޮށް އުޅުއްވި އަލީ ރަފީގް ވިދާޅުވި އެވެ.

ކޮންމެވެސް މާނައެއްގައި މީޑިއާގެ ކަންކަން ބެލެހެއްޓޭނެ ނިޒާމެއް ގާއިމްކޮށްފައި އޮންނަން ޖެހެ އެވެ. ހާއްސަކޮށް ޓީވީ އަދި ރޭޑިއޯ ޗެނަލްތަކަށް ހުއްދަ ދޫކުރުން ފަދަ ކަންކަން އޮންނަން ވާނީ ވަކި އުސޫލެއްގެ ދަށުންނެވެ. އެކަމަކު މީޑިއާ ރެގިއުލޭޓް ކުރުމަށް މިހާރު ގެންގުޅޭ އުސޫލް ބަދަލުކޮށް، މި އަށް ވުރެ އެކަށޭނެ ގޮތެެއް ހޯދަން ޖެހެ އެވެ. އަމިއްލަވަންތަ އުސޫލެކެވެ. އެއީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރު ކުރާށެވެ. ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާށެވެ.