Roadha Mihaaru
"މާލޭގައި އަމުރުނުކޮށް ހައްގު މިންވަރު ހޯދައިދީ"

މާލޭގައި އަމުރުނުކޮށް، އަތޮޅުތަކަށް ހައްގު މިންވަރު ހޯދައިދީ: އަލީ ނިޒާރު

21 ސެޕްޓެމްބަރ 2018

އޭރުވެސް އަދިި މިހާރު ވެސް "ދިވެހިންނަށް ހައްގު މިންވަރެއް" ނުލިބެ އެވެ. މި ހަގީގަތް، ސާބިތު ކޮށްދެއްވަން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރުުގެ ވާހަކަ ފެއްޓެވީ، މީގެ 60 އަހަރު ކުރިން، އިނގިރޭސީން އަޑީގައި ތިބެގެން ދެކުނުގައި ވަކި ދައުލަތެއް އުފެއްދި ހާދިސާއިންނެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އޭރުވެސް އަދިި މިހާރު ވެސް "ދިވެހިންނަށް ހައްގު މިންވަރެއް" ނުލިބެ އެވެ. މި ހަގީގަތް، ސާބިތު ކޮށްދެއްވަން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރުުގެ ވާހަކަ ފެއްޓެވީ، މީގެ 60 އަހަރު ކުރިން، އިނގިރޭސީން އަޑީގައި ތިބެގެން ދެކުނުގައި ވަކި ދައުލަތެއް އުފެއްދި ހާދިސާއިންނެވެ.

ރިޔާސީ އިންތިޚާބަށް އިދިކޮޅު ޕާޓީތަކުން ކުރި ކެމްޕޭން ނިންމާލަން އައްޑޫގައި ރޭ ބޭއްވި ޖަލްސާގައި، އަލީ ނިޒާރު މި ވާހަކަ ދެއްކެވި ދެ ބޭނުމެއް އޮތެވެ. އެއް ކަމަކީ، ދިވެހިން އަދިވެސް ތަހައްމަލްކުރާ ހިތްދަތިކަން ސިފަކޮށްދެއްވުމެވެ. އަނެއް ބޭނުމަކީ، ހައްލެއް ހޯދަން، ގުޅިފައިވާ އިިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ހުށަހެޅުއްވުމެވެ.

އަލީ ނިޒާރު ވިދާޅުވި ގޮތުގައި، އައްޑޫ ހިމެނޭ ގޮތަށް ދެކުނުގެ ތިން އަތޮޅެއްގެ ބައިވެރިވުމާ އެކު ދައުލަތެއް އުފެއްދީ ހައްގުތަކެއް ހޯދަމަށެވެ. އެކަމަކު މާލޭގައި ތިބި ބާރުވެރި ފަރާތްތަކުން އެކަމާ ނުރުހި، އެ މިންވަރު ދޭން ދެކޮޅު ހެދީ ކަމަށް ވިދާޅުވި އެވެ.

ސިޔާސީ ގޮތުން ރައްޔިތުންނަށް ހައްގެއް ހޯދަން އެދޭ ކޮންމެ މީހެއްގެ ހާލަކީ ބިންމަތީގައި ބަނޑުޖައްސައި އަދަބު ދިނުން. --ނިޒާރު

އައްޑޫގައި ވަކި ދައުލަތެއް އުފައްދައި، އިސްކޮށް ހުންނެވި، އަބްދުﷲ އަފީފް މާލެ ވަޑައިގެން ހުށަހެޅުއްވީ މާލެއެކޭ އެއްގޮތަށް، އައްޑޫގައި ވެސް ކައުންސިލެއް އުފައްދައިގެން ޚިދުމަތް ދެވޭނެ ގޮތް މަގުފަހިކޮށްދެއްވާށެވެ. އެކަމަކު އޭރުގެ ދާޚިލީ ވަޒީރު އެކަމާ އިންކާރު ކުރެއްވީ އެވެ.

އިދިކޮޅު ޕާޓީތަކުގެ ކެމްޕޭން ނިންމަން ބޭއްވި ޖަލްސާގައި އަލީ ނިޒާރު ވާހަކަ ދައްކަވަނީ.

އިދިކޮޅު ޕާޓީތަކުގެ ކެމްޕޭން ނިންމަން ބޭއްވި ޖަލްސާގައި އަލީ ނިޒާރު ވާހަކަ ދައްކަވަނީ.

އަލީ ނިޒާރު ވިދާޅުވީ އޭގެ ފަހުން ވެސް ސަރުކާރަށް ޑިމާންޑުކުރި ކަންކަމުގެ ތެރޭގައި އެ ނުކުތާ ތަކުރާރު ކުރެއްވުމުން މަޖިލީހުން ނިންމީ އެ ބޭފުޅުން ހައްޔަރުކޮށް ދެވޭ އެންމެ ބޮޑު އަދަބެއް ދޭން ކަމަށެވެ.

އެ އަދަބަކީ، ބަރަހަނާ ހާލުގައި ރާޅުފަށުގައި ބާއްވާފައި ދުއްރާއިން ޖަހާ ކޮންމެ އެތިފަހަރަކުން ހަން ނޮޅޭވަރު ކުރުމެވެ. އައްޑޫން އެ އަދަބު ދިން ސިޔާސީ ބޭފުޅުންގެ ހާލަތު ފެނިވަޑައިގެންނެވި ކަމަށާއި ބައެއް މީހުން އުމުރު ހޭދަކުރެއްވީ ތުރުތުރު އަޅާ ހާލުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަފީފު ވެސް ދުނިޔެ ދޫކުރެއްވީ ވެސް އެ އަދަބުގައި ކެތް ނުވެގެން ކަމަށް އަލީ ނިޒާރު ވިދާޅުވި އެވެ.

"އަޅުގަނޑު މި ދަންނަވަނީ ރައްޔިތުންގެ ހައްގު ހޯދުމަށް ކުރެވުނު މަސައްކަތްތަކުގައި ރާއްޖޭގެ ސިޔާސީ ނިންމުންތައް ނިމިފައި އޮތީ މިގޮތަށޭ. ހަގީގަތަކީ، މިހާރު ވެސް މިއޮތީ މި ދެންނެވި ހާލަތުގައި. ސިޔާސީ ގޮތުން ރައްޔިތުންނަށް ހައްގެއް ހޯދަން އެދޭ ކޮންމެ މީހެއްގެ ހާލަކީ ބިންމަތީގައި ބަނޑުޖައްސައި އަދަބު ދިނުން،" އަލީ ނިޒާރު ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުން ވިދާޅުވީ، ރައްޔިތުންނަށް ހައްގު ހޯއްދަވައި ދެއްވަން މަސައްކަތް ކުރެއްވި ރާއްޖޭގެ އިިދިކޮޅު ހަތަރު ސިޔާސީ ލީޑަރަކު އޮންނެވީ ޖަލުގައި ބަންދުކޮށްފައި ކަމެވެ. އަދި ވިދާޅުވީ މި ފަހުން، މި ހާލަތަށް ރާއްޖެ ވައްޓާލީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމާ މެދު، އެކަކަށް ވެސް ދެބަސްވެވެން ނޯންނާނެ ކަމަށެވެ.

އަތޮޅުތަކަށް ހައްގުވާ މިންވަރަކީ އަތޮޅުތައް ހިންގުމުގައި އޮތް ހައްލަކީ ގާނޫނުއަސާސީގައިވާ ގޮތަށް ލާމަރުކަޒުކޮށްގެން އަތޮޅުތައް ހިންގުން. -- އަލީ ނިޒާރު

އޭނާ ވިދާޅުވި ގޮތުގައި، ހައްގު ހޯދަން ބަސް ބުނާ ކޮންމެ މީހެއްގެ ގައިގައި މި ސަރުކާރުން ވެސް އަޅުވަނީ ކަސްތޮޅެވެ.

ރައީސް ޔާމީންގެ އެއްބަފާ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އިޝާރާތް ކުރައްވައި ވިދާޅުވީ އެއްވެސް މީހަކާ ބައްދަލު ނުކުރެވި ޖަލުގައި އެއް އަހަރު އޮންނެވުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ. އެ އިހްސާސްތައް ކުރެވޭނީ އަމިއްލަ އަށް ތަޖުތިބާކުރަން ޖެހުމުން ކަމަށް ވެސް ވިދާޅުވި އެވެ.

ބާރާއި އިޚްތިޔާރު އަތޮޅުތަކަށް ދޫކޮށްލާ!

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތައް އުފައްދައި ޒިންމާތަކެއް ގާނޫނުން ކަނޑައަޅާފައިވީ ނަމަވެސް އެ ކައުންސިލްތަކުން އެ ޒިންމާ އަދާކުރަން ފުރުސަތެއް ނުދެ އެވެ. ފަހަތުގައި ވަނީ ސިޔާސީ ސަބަބުތަކެވެ. ސަރުކާރަށް މެޖޯރިޓީ ނެތް ކައުންސިލެއް މެދުވެރިކޮށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭން މި ސަރުކާރުގެ ވެސް ޝައުގުވެރިކަމެއް ނެތެވެ.

އަލީ ނިޒާރު ތަކުރާރުކޮށް ރޭ ވިދާޅުވީ، ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތަކީ ލާމަރުކަޒީ ނިޒާމްގެ ތެރެއިން ބާރާއި އިޚްތިޔާރު ރައްޔިތުންނަށް ދޫކޮށްލައިގެން އަތޮޅުތައް ހިންގުން ކަމަށެވެ.

މިއީ، ރައްޔިތުން ބޭނުންވާ އަދި ފައިދާ ހުރި ގޮތް ކަމަށް ވެސް ވިދާޅުވެ އެ މަގަށް އިދިކޮޅު ޕާޓީތަކުގެ ވެރިކަން ހިންގުން ބައްޓަން ކޮށްދެއްވަން އިބޫ އާއި ފައިސަލްގެ އަރިހުގައި އަލީ ނިޒާރު އެދިވަޑައިގަތެވެ. އެއީ ގާނޫނުއަސާސީގައި ލިއެފައި އޮންނަ ކަމަކަށް ވި ނަމަވެސް ތަންފީޒުކުރެވޭނީ ސިޔާސީ ބާރުވެރިންނަށް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އިޚްލާސްތެރިކަމާ އެކު ލާމަރުކަޒީ ގާނޫނު ތަންފީޒުކޮށްލަދޭށޭ. ގާނޫނުއަސާސީގައި ވަކި ބާބެއްގެ ގޮތުގައި އެ ބާބު، ބާއްވައިގެން، ރައީސް ޔާމީން އެ ބުނާހެން އެއީ ހައްލެއް ނޫނޭ ބުނުމަކީ ކަނޑައެޅިގެން އިތުރުފުޅެއް،" ނިޒާރު ވިދާޅުވި އެވެ.

"އަތޮޅުތަކަށް ހައްގުވާ މިންވަރަކީ އަތޮޅުތައް ހިންގުމުގައި އޮތް ހައްލަކީ ގާނޫނުއަސާސީގައިވާ ގޮތަށް ލާމަރުކަޒުކޮށްގެން އަތޮޅުތައް ހިންގުން،" އަލީ ނިޒާރު ވިދާޅުވި އެވެ. "އެ މީހުންގެ ސަރަހައްދުތަކުން، އެ ނެގޭ އާމްދަނީގެ ހިއްސާ އެ މީހުންނަށް ދޭން ޖެހޭ، އެ ނޫން ހައްލެއް ނެތް."

ރިއާސީ އިންތިޚާބުގެ ކެމްޕޭން ނިންމައިލުމުގެ ގޮތުން، ގުޅިފައިވާ އިދިކޮޅު އިއްތިހާދުން ބޭއްވި ޖަލްސާ.---ފޮޓޯ: އެމްޑީޕީ

ރިއާސީ އިންތިޚާބުގެ ކެމްޕޭން ނިންމައިލުމުގެ ގޮތުން، ގުޅިފައިވާ އިދިކޮޅު އިއްތިހާދުން ބޭއްވި ޖަލްސާ.---ފޮޓޯ: އެމްޑީޕީ

އަތޮޅުތަކުގެ ރައްޔިތުންނަށް ހައްގުވާ މިންވަރު ނުލިބި، ނަޖިސް ބޮލަށް އަޅައިގެން ދިރިއުޅެން ވޭތުކުރަން ޖެހިފައިވުމަކީ ރާއްޖޭގެ ސިޔާސީ ބާރުވެރިންގެ ތެރެއިން ހައްގުވާ މިންވަރު ނުދޭން މަސައްކަތް ކުރާ މީހުން ލަދުގަންނަން ޖެހޭ މައްސަލަ އެއް ކަމަށް ވިދާޅުވި އެވެ.

"ނިކަން ބައްލަވާ، ސިޔާސީ ހަސަދައިގައި ރައީސް ޔާމީން މި ރަށަށް [ހިތަދު އަށް] ހަދާލި ގޮތް. މިތަނުގައި ބިލިއަނުން އަދަދު ކިޔާލާއިރު ކޮބައިތޯ މި ފަސް އަހަރު ތެރޭގައި ކުރެއްވި އެންމެ ކަމެއް. ކޮބައިތޯ ޚިދުމަތް ފެށި ހޮސްޕިޓަލް. ކޮބައިތޯ ނަރުދަމާ؟،"

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި އަށަގަންނުވަންވީ ވައްޓަފާޅިއަކީ، އަތޮޅުތަކުގައި ތިބި ރައްޔިތުންނަށް ހައްގުވާ މިންވަރު ދީގެން ވެރިކަން ކުރުމެވެ. މާލޭގައި ތިބެގެން އަތޮޅުތަކުގެ ރައްޔިތުންގެ މައްޗަށް އަމުރު ހިންގާކަށް ނުޖެހޭ ކަމަށާއި ހައްގުވާ މިންވަރަކީ އެއީ ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ބަދަލު އަންނާނީ ފުރުސަތުދީގެން ކަން ވިދާޅުވެ އަތޮޅުތަކަށް ބާރުތައް ދޫކޮށްލައްވަން އަލީ ނިޒާރު ތަކުރާރުކޮށް އެދިވަޑައިގަތެވެ.