Roadha Mihaaru
"އުއްމީދީ ޓާގެޓް ބޮޑު، ޖަލްސާއިން އެކަން ފެންނާނެ"

ޖަލްސާގެ އުއްމީދީ ޓާގެޓް ވަރަށް ބޮޑު، ޖަލްސާގެ ސައިޒުން އެކަން ފެންނާނެ: ޕީޕީއެމް

17 ސެޕްޓެމްބަރ 2018

މާދަމާ ރޭ ޕީޕީއެމުން މާލޭގައި ބާއްވާ ބޮޑު ޖަލްސާގައި ބައިވެރިވާނެ ކަމަށް ލަފާކުރެވޭ މީހުންގެ އަދަދު ވަރަށް ގިނަ ކަމަށާއި އެކަން ޖަލްސާ އިން ފެންނާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާދަމާ ރޭ ޕީޕީއެމުން މާލޭގައި ބާއްވާ ބޮޑު ޖަލްސާގައި ބައިވެރިވާނެ ކަމަށް ލަފާކުރެވޭ މީހުންގެ އަދަދު ވަރަށް ގިނަ ކަމަށާއި އެކަން ޖަލްސާ އިން ފެންނާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި މާދަމާ ރޭ ބާއްވާ ޖަލްސާގައި 20،000 ގޮނޑި ޖަހާނެ ކަމަށާއި އެއީ މާލޭގައި ރެކޯޑް އަދަދެއް ކަމަށެވެ. އަތޮޅު ތެރެއިން އެ ޖަލްސާއަށް ދިއުމަށް މީހުން މިހާރު ވެސް މާލެ އަންނަމުންދާ ކަން ފާހަގަ ކުރައްވައި، ނިހާން ވިދާޅުވީ ހާޒިރުވާނެ މީހުންގެ އަދަދު ޔަގީންކަމާ އެކު ބުނަން ނޭނގުނަސް، ހަމަކުރަން ބޭނުންވާ ބޮޑު އަދަދު ހަމަވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

"މަދުވެގެން 20،000 ގޮނޑި ޖަހާނަން. ގުނުއްވަން ވަޑައިގަންނަވާތި. އެއީ މިއަދަދަށް ވެރިކަން ކުރާ މާލޭގައި އެއްވެސް ތަނަކު ގޮނޑި ޖަހާފައި ނެތް ކަމީ ޝައްކެއް އޮތް ކަމެއް ނޫން. ދެން ގޮނޑިތަކުގައި ތިބޭނެ އަދަދާއި ކޮޅަށް ތިބޭނެ އަދަދު ޖަލްސާ ފަށައިގެން ކުރިއަށް ދިޔައިމަ ދައްކަމުން ދާނަން." ނިހާން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އުއްމީދީ ޓާގެޓަކީ ވަރަށް ބޮޑު އަދަދެއް. އިިރާދަކުރެއްވިއްޔާ އެ އަދަދު ހަމަވާނެ. އަޅުގަނޑުމެންގެ ޓާގެޓް ހިއްސާ ކުރުމަށް ވުރެ ބޮޑަށް ބޭނުންވަނީ ޖަލްސާގެ ސައިޒުން އެކަން ފެނިގެން ދިއުން." އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން މިމަހުގެ ކާނިވާ ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާއަށް އިޝާރާތް ކުރައްވައި، ނިހާން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނަށް އޮތް ތާއީދު މަދުވެފައިވާ ކަމަށް އެ ޖަލްސާއަށް ފަހު ސޯޝަލް މީޑިއާގައި ވާހަކަ ފަތުރަމުން ދިޔަޔަސް، އެއީ ހަގީގަތެއް ނޫން ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ޖަލްސާ ބާއްވަނީ ފޮޓޯއިން ތާއީދު ދައްކަން ކަމަށާއި އެކަމަކު ޕީޕީއެމްގެ ޖަލްސާތަކަކީ ފޮޓޯއަށް ވުރެ ތާއީދު ހާމަ ކުރަން ބާއްވާ ޖަލްސާތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ބޭނުންވާ ގޮތްގޮތަށް ފޮޓޯ ނަގައި ޑްރޯން އަރުވަން ފަސޭހައެއް ނޫން. އެއީ ސެކިއުރިޓީ އެލޯ ނުކުރޭ އެ ކަންކަމަށް. އެހެންވީމާ އަޅުގަނޑުމެން ފޮޓޯ ނަގައި އެހެން ބަޔަކަށް ދައްކާކަށް ނޫން މި އުޅެނީ. އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް ގަބޫލުކުރަނީ އަޅުގަނޑުމެންނަށް ތާއީދު އެބައޮތް ކަން. އަޅުގަނޑުމެންނާ ޚިލާފަށް އެމްޑީޕީން ބޭނުންވަނީ ފޮޓޯއެއް." ނިހާން ވިދާޅުވި އެވެ.

ޕީޕީއެމްގެ ޖަލްސާތަކަށް ދިއުމަށް ސަރުކާރާއި ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރާ ކަމަށް ބުނާ ވާހަކައާ ގުޅިގެން ނިހާން ވިދާޅުވީ ޖަލްސާތަކަށް ދާން އޮފީސްތަކާއި އާންމު ތަންތަނުގައި ދާން ގޮވާލިޔަސް، ޖަލްސާއަށް ނައިސްގެން އެއްވެސް މުވައްޒަފާ މެދު ފިޔަވަޅެއް ނާޅާނެ ކަމަށެވެ. އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) އަށް ފާޅުގައި ތާއީދު ކުރެއްވި ސިވިލް ސާވިސް މުވައްޒަފުންނާ މެދު އެއްވެސް ފިޔަވަޅެއް ނާޅައި އޮތުމަކީ އޭގެ ހެއްކެއް ކަމަށް ނިހާން ވިދާޅުވި އެވެ.

"ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައީ. އޭގެ އެއްވެސް ބޭފުޅަކަށް ވަޒީފާގެ ބިރެއް. ކަނޑާލާނެ ކަމުގެ އިންޒާރެއް ދީފައި އޮތް ކަމެއް ތި ބޭފުޅުންނަކަށް އަދި އެހެން ބަޔަކަށް ވެސް އެއްވެސް ސިފައަކުން ނުގެނެވޭނެ. ވާހަކަތައް ފަތުރާނެ." ނިހާން ވިދާޅުވި އެވެ.