Roadha Mihaaru
ޕީޕީއެމްގެ "ރަސްމީ ސައިޒް" ދައްކާލަނީ

"ރަސްމީ ސައިޒް" ދައްކަން ޕީޕީއެމުން ބޮޑު ޖަލްސާއެއް ބާއްވަނީ

09 ސެޕްޓެމްބަރ 2018

ޕީޕީއެމްގެ "ރަސްމީ ސައިޒް" ދައްކާލާނެ ބޮޑު ޖަލްސާއެއް މިމަހު ބާއްވާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕީޕީއެމްގެ "ރަސްމީ ސައިޒް" ދައްކާލާނެ ބޮޑު ޖަލްސާއެއް މިމަހު ބާއްވާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ތިން އަހަރު ފަހުން ގިނަ އަދަދެއްގެ ބަޔަކާ އެކު އިދިކޮޅު ކޯލިޝަންގެ ބޮޑު ޖަލްސާއެއް ރޭ މާލޭގައި ބާއްވާފައި ވަނިކޮށް ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ ޕީޕީއެމްގެ "އަސްލު ސައިޒާއި ނަމްބަރާއި އަދަދާއި ކުލަ އާއި ކޮލިޓީ ދައްކާލާނެ" ޖަލްސާއެއް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސް ތެރޭގައި ބާއްވާނެ ކަމަށެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ޕާޓީން ޖަލްސާ ބޭއްވީ ހަމައެކަނި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްސަ ކޮށްގެން ކަމަށާއި އެކަމަކު މިފަހަރުގެ ޖަލްސާގައި ފެންނާނީ އެ ޕާޓީގެ "ރަސްމީ ސައިޒު" ކަމަށް ނިހާން ވިދާޅުވި އެވެ.

"ރޭގައި އެމްޑީޕީން ބޭއްވި ޖަލްސާގެ އަދަދު ހަމަވެގެން ބަޔަކު ލޮލަށް ނިދި ނައިސްގެން އުޅޭ މަންޒަރު އެބަ ފެނޭ ސޯޝަލް މީޑިއާގައި. އަޅުގަނޑުމެން އެއްވެސް އެއްޗެއް ދަންނަވާކަށް ނެތިން. ވަރަށް ރަނގަޅަށް ހިތްހަމަ ޖައްސާލައިގެން ތިއްބަވާ. އަޅުގަނޑުމެން ރަސްމީ ޖަލްސާ ދެއްކީމާ ދެން އެ ހިސާބުން އެ ބޭފުޅުން މަޑުކޮށްލަން ފުރުސަތު ލިބޭނީ. އެހެން ކަމެއް ނޯންނާނެ،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ އެމްޑީޕީއާ އެކު ޒުވާނުން ތިބި ޒަމާން މިހާރު މާޒީވެއްޖެ ކަމަށާއި ޕީޕީއެމްގެ ބޮޑު ޖަލްސާއިން އެކަން ދައްކާލާނެ ކަމަށެވެ. އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ނިސްބަތް ކުރައްވައި، ނިހާން ވިދާޅުވީ ޒުވާނުންނާ ގުޅޭގޮތުން "ކޮޕީ ކެޓް" ވައުދު ވިޔަސް، ޕީޕީއެމްގެ ބޮޑު ޖަލްސާގައި އެންމެ އިސްކޮށް ތިބޭނީ ޒުވާނުން ކަމަށެވެ.

"ޚާއްސަކޮށް އެ ޖަލްސާގެ އިންސައްތައިގަ ދިވެހި ޒުވާނުންގެ 60 އިންސައްތަ، 70 އިންސައްތައާ ހަމައަށް ޒުވާނުން ތިބި ތަން އިރާދަކުރެއްވިއްޔާ އެ ބޭފުޅުންނަށް ފެނިގެންދާނެ. އަދި އަތޮޅު ތެރެއިން މީހުންނަށް ގެންނަން ޖެހިއްޖެއްޔާ މީހުން ގެނެވޭނީ ކޮން ބަޔަކަށް ކަން ވެސް ދައްކާލާނަން. އަތޮޅުތަކުން ގެންނަން ނިންމި ވާހަކައެއް ނޫން މި ދަންނަވަނީ،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ބޮޑު ޖަލްސާގެ ތައްޔާރީތައް މިއަދު ފަށާފައިވާ ކަމަށެވެ. އަދި ޕީޕީއެމްގެ ސަޕޯޓަރުން އެކަމާ މެދު ކަންބޮޑުނުވުމަށް އޭނާ އެދިވަޑައިގަތެވެ.

ގިނަ ދުވަސްތަކެއް ފަހުން ބޭއްވި އިދިކޮޅު ކޯލިޝަންގެ ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާއިރު، މިއީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ބޭއްވި އެންމެ ބޮޑު ޖަލްސާ އެވެ. އެ ޖަލްސާއަށް ފަހު، އިދިކޮޅު ފަރާތްތަކަށް އިތުރު ފުރުސަތެއް ދޭން ސަރުކާރަށް ނުކެރޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން މިހާރު ދަނީ ބުނަމުންނެވެ.