Roadha Mihaaru

ރައީސް ޔާމީންގެ އަރިސް، ހިޔަލީ ވެސް އިދިކޮޅާ ގުޅިއްޖެ

ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ، މުހައްމަދު ރަޝީދު (ހިޔަލީ) އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ތާއީދު ކުރަން ނިންމަވައިފި އެވެ.

ރައީސްގެ އަރިސް، ހިޔަލީ ވެސް އިދިކޮޅާ ގުޅިއްޖެ
އަހުމަދު ސާއިލް އަލީ
އަހުމަދު ސާއިލް އަލީ

14 ސެޕްޓެމްބަރ 2018

ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ، މުހައްމަދު ރަޝީދު (ހިޔަލީ) އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ތާއީދު ކުރަން ނިންމަވައިފި އެވެ.

ރައީސް ޔާމީންގެ ޕާޓީ، ޕީޕަލްސް އެލަޔަންސް (ޕީއޭ) އުފެއްދުމުގައި ވެސް އިސްކޮށް އުޅުއްވި ހިޔަލީ މިއަދު ވަނީ އިބޫގެ ކެންޑިޑޭޓް ނަމްބަރު ކަމަށްވާ "2" ޖައްސަވައި ޓްވީޓް ކުރައްވާފަ އެވެ. އަދި ޓްވިޓާގެ ޕްރޮފައިލް ފޮޓޯ ވަނީ އިބޫ، އޭނާގެ އާއިލާއާ ބައްދަލު ކުރައްވާ ފޮޓޯއަކަށް ބަދަލު ކުރައްވާފަ އެވެ. ޓްވިޓާ ޓައިމްލައިން ފޮޓޯއަކަށް ލައިފައިވަނީ މި ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ޖަލަށް ލާފައިވާ ރައީސް ޔާމީންގެ އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ފޮޓޯއެކެވެ.

ރައްޔިތުންގެ މަޖިލިހުގެ އައްޑު އަތޮޅު ގޮނޑި، ހަތަރު ދައުރު ފުރުއްވާފައިވާ ހިޔަލީ ދާދި ފަހުން ވަނީ ސްރީީ ލަންކާގައި ރައީސް މުހައްމަދު ނަޝީދާ ވެސް ބައްދަލު ކުރައްވާފަ އެވެ. ހިޔަލީއަށް މަރުހަބާ ދަންނަވައި އެފޮޓޯތައް ސޯޝަލް މީޑިއާގައި އަންނަނީ ދައުރު ކުރަމުންނެވެ.

މިއަދު ހިޔަލީ ކުރެއްވި ޓްވީޓް

ހިޔަލީގެ އެ ނިންމުމާ ގުޅޭ ގޮތުން އޭނާގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ހިޔަލީ އަކީ ރައީސް ޔާމީނާ އެކު ޕީއޭ އުފެއްދެވުމުގަޔާއި ޑީއާރްޕީގައި ވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އަދި ފަހުން ޕީޕީއެމް އުފެއްދެވުމުގައި ވެސް ހިޔަލީ އިސްކޮށް ހަރަކާތްތެރިވި އެވެ.

މި ސަރުކާރުގައި ހިޔަލީ ހުންނެވީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެލައިޑް އިންޝްއަރެންސްގެ ޗެއާމަންގެ މަގާމުގަ އެވެ.

ހިޔަލީ ރައީސް ނަޝީދާ، ސްރީ ލަންކާގައި ދާދި ފަހުން ބައްދަލުކުރެއްވި ފޮޓޯ

ހިޔަލީ ރައީސް ނަޝީދާ، ސްރީ ލަންކާގައި ދާދި ފަހުން ބައްދަލުކުރެއްވި ފޮޓޯ