12 ސެޕްޓެމްބަރ 2018
މާލެ އާއި ހުޅުލެ ގުޅުވާލި ބްރިޖުން ރޭ ކުރެއްވި ފުރަތަމަ ދަތުރުފުޅަށް ފަހު "ސަހަރޯއޭ ހީވެއްޖެ" ކަމަށް ވިދާޅުވެ، އެ މަޝްރޫއަށް ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.
މާލެ އާއި ހުޅުލެ ގުޅުވާލި ބްރިޖުން ރޭ ކުރެއްވި ފުރަތަމަ ދަތުރުފުޅަށް ފަހު "ސަހަރޯއޭ ހީވެއްޖެ" ކަމަށް ވިދާޅުވެ، އެ މަޝްރޫއަށް ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.
"ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ފްލެޓުތައް ދައްކާލުމަށް ބޭއްވި ބޮޑު ޖަލްސާ އަށް ރައީސް ޔާމީން ވަޑައިގަތީ ވެސް އެމަނިކުފާނުގެ ކާރުކޮޅުގައި ބްރިޖުންނެވެ. މިއީ އެމަނިކުފާނު ބްރިޖު ހުރަސް ކުރައްވައި ހުޅުމާލެ އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ބްރިޖު ހުޅުވި ރޭ ބްރިޖް ހުރަސްކުރެއްވުމަށް އެ މަނިކުފާނު ވަޑައިގަތީ ހަމައެކަނި ހުޅުލެ އަށެވެ.
ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓުތައް ރައްޔިތުންނަށް ދައްކާލުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް
"އަޅުގަނޑު މިއައީ ބްރިޖުގައި ދުއްވާފައި. އަޅުގަނޑުގެ އަމިއްލަ ވަގުތު ނަގައިގެން ބްރިޖުގައި ހިތްހަމަޖެހުމާ އެކީގައި ދުއްވާލީ. އަޅުގަނޑު ހިތަށް އެރީ ސަހަރޯއޭ" --- ރައީސް
ސިނަމާލެ ބްރިޖު މަތިން ދުއްވާފައި ގިނަ އަދަދެއްގެ މީހުން ހުޅުމާލެއަށް ދަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
"ފުރަތަމަ އަޅުގަނޑު އުޅުނީ ލޯންޗުގައި (ހުޅުމާލެ އަށް) އަންނަން. އެކަމަކު، އުތުރު ފަރާތު ބަނދަރު އެހާ ފަސޭހަ ނޫންވީމަ، އަޅުގަނޑު މިއައީ ބްރިޖުގައި ދުއްވާފައި. އަޅުގަނޑުގެ އަމިއްލަ ވަގުތު ނަގައިގެން ބްރިޖުގައި ހިތްހަމަޖެހުމާ އެކީގައި ދުއްވާލީ. އަޅުގަނޑު ހިތަށް އެރީ ސަހަރޯއޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، މާލޭގެ ބޭރު މަގުން ވަޑައިގަތް އިރު، މަގަށް އައިސްފައި އޮތް ބަދަލާއި އެތަނުގެ ހިތްފަސޭހަކަމާއި ތޮއްޖެހިގެން މީހުން އުޅެމުން ނުދާކަން ފާހަގަވި ކަމަށެވެ. އަދި ބްރިޖު ހުރަސްކޮށް، ހުޅުމާލެ ވަޑައިގަތީމަ، މިއީ ހަމަ "ދުނިޔެމަތީގެ ސުވަރުގެ ކަން" އިތުރަށް ޔަގީންވި ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ، މިވަރުގެ ފުރުސަތެއް ރައްޔިތުން ދޫކޮށްލަން އުޅެނީ ކީއްވެތޯ އެމަނިކުފާނު ސުވާލު ކުރެއްވި އެވެ.
ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓުތައް ރައްޔިތުންނަށް ދައްކާލުމަށް ރޭ ބޭއްވި ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވަނީ. - ފޮޓޯ: ރައީސް އޮފީސް
"ހުރިހާ ތަނަކުން ފެންނަނީ އަމާންކަން. ފުޅާ މަގުތަކުން ދުއްވާފައި އައިއިރު، އަނދިރި ދިމާތައް ވެސް އެބަހުރި. އެކަމަކު އަމާންކަން ނޫން ކަމެއް އަޅުގަނޑަށް އިހްސާސެއް ނުވޭ. މި އަމާންކަން މަތީގައި ކީއްވެގެންތޯ ދިވެހިން ނޫޅެންވީ؟" މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނާ ދެކޮޅަށް ސަރުކާރުގެ ކުރީގެ އިސް ވެރިން މަސައްކަތް ކުރައްވާތީ އެކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.
ބެލެވޭ ގޮތުގައި، އެމަނިކުފާނުގެ ބަހުގެ ހަމަލާތައް އަމާޒު ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ އެއްބަނޑު އެއްބަފާ ބޭބޭފުޅު އައްބާސް އިބްރާހީމަށެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިދިކޮޅު ޕާޓީތައް ގުޅިގެން އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާގައި އައްބާސް ވިދާޅުވީ މީގެ ފަންސާސް އަހަރު ކުރިން، ހުޅުލެ އާއި ގާދޫއާ ދޭތެރޭގައި ފާލަމެއް އެޅި ކަމަށެވެ. އައްބާސް ވިދާޅުވި ގޮތުގައި، އެއީ 1960 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ.
ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓުތައް ރައްޔިތުންނަށް ދައްކާލުމަށް ރޭ ބޭއްވި ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވަނީ. - ފޮޓޯ: ރައީސް އޮފީސް
"މިހާރު އެއާޕޯޓު އޮތީ މި ދެންނެވި ރަށް އޭގެ ތެރޭގައި ހިމެނިގެން. ގާދޫ ހަނދާން ހުންނަ ކުއްޖެއް، އަދި އެ ދަންނަ ކުއްޖެއް ވެސް މިހާރުގެ [ޖީލުގެ] ތެރޭގައި ހުންނާނެހެން ހީނުވޭ،" އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވި ގޮތުގައި އޭރު ވެސް ތަރައްގީ ގެނަ އެވެ. އެކަމަކު، ބޭރު ބަޔަކު ދިން ފައިސާ، އެހެން ބަޔަކަށް ދީ، އެމީހުން ލައްވާ މަސައްކަތް ކުރުވީމަ އެއީ ދިވެހިންގެ ތަރައްގީ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. ތަރައްގީގައި ދިވެހިންގެ ބައިވެރިވުން އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އައްބާސްގެ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ޔާމީން ސަމާސާ ރާގެއްގައި ވިދާޅުވީ ބްރިޖަކީ ޑިމޮކްރަސީގެ ވާހަކަތަކުން "ވިހެއި" ބްރިޖެއް ނޫން ކަމަށެވެ. އަދި ބްރިޖަކީ، އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާ ބޭރުގެ ފަރާތްތަކުގެ އެހީއާއެކު އެޅި ބްރިޖެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓުތައް ރައްޔިތުންނަށް ދައްކާލުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން، ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ނަޝީދުއާ ސަލާމް ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް
"ބްރިޖު އެޅުމުގައި ސަރުކާރުގެ ބަޖެޓަށް ފައިސާލުމަށް އިދިކޮޅު އެއްވެސް މެމްބަރަކު ތާއީދެއް ނުކުރޭ. ބްރިޖުގެ ހިޔާލަކަށް ވެސް އަދި ތާއީދެއް ނުކުރޭ. ތާއީދު ނުކުރާނެތާ، އެ މީހުންގެ ވިސްނުމުގައި މިއީ އެޅޭނެ ބްރިޖެއް ނޫން،" ގިނަ ބަޔަކު ބައިވެރިވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވި އެވެ.
އެކަމަކު، އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ބައެއް މެމްބަރުން "މިއީ ސަޅި ބްރިޖެކޭ" ވެސް ވިދާޅުވާ ވާހަކަ އަޑު އެއްސެވި އެވެ.
ސިނަމާލެ ބްރިޖުގައި ދަތުރުފަތުރު ކުރުމުގެ ފުރުސަތު ހުޅުވާލުމާއެކު، ގިނަ އަދަދެއްގެ ބަޔަކު ވަނީ ބްރިޖު ހުރަސްކޮށް، ހުޅުމާލެ އަށް ގޮސްފަ އެވެ. އަދި ހަފްތާ ބަންދުގައި ބާރުބޮޑުކޮށް އޮންނަ ފެރީ ޓާމިނަލުން މިހާރު ފެންނަނީ ފަޅު ކަމެވެ. ފެރީގައި އާންމުކޮށް 25 މިނިޓުން ހުޅުމާލެ އިން މާލެ އަށް ކުރާ ދަތުރު، ބްރިޖު ހުރަސްކޮށް 15 ވަރަކަށް މިނިޓަށް ހުޅުމާލެ އަށް ކުރެވޭ ގޮތް ވުމުން ގިނަ ބަޔަކު މިހާރު ދަތުރުކުރަނީ ބްރިޖުންނެވެ. އެކަމަކު، ބްރިޖު ހުރަސްކޮށް ދަތުރު ކުރާ މީހުން އަތުން ފީއެއް ނުނަގަ އެވެ.
ސިނަމާލެ ބްރިޖުން ފީ ނެގުމުގެ ވިސްނުމެއް ނެތް: ނަހުލާ
ބްރިޖުގައި "ހިތުހުރި ގޮތަކަށް"، ޒިންމާ ކޮބާ؟
ޓެކްސީ އަގަށް ތައުރީފު އެކަމަކު ޑްރައިވަރުން ޝަކުވާގައި
ބްރިޖް ހުޅުވުމާ އެކު އެތައް ސަތޭކަ ބަޔަކު ދަތުރުކޮށްފި
ޝާހިދުގެ މިސާލު ބަސްތަކުން ސަރުކާރަށް މަލާމާތް!
ބްރިޖުގެ ދެ ފަރާތުގައިވާ ލޭން، ހިނގުމަށާއި ދުވުމަށް
ބްރިޖަކީ އިގްތިސާދީ އާދޮރާއްޓެއް، ތަރައްގީގެ ކާމިޔާބެއް
ބްރިޖު: ގޮންޖެހުން ބޮޑު މަޝްރޫއު ތާރީޚުގެ ތެރެއަށް
ބްރިޖާ ހެދި ހުޅުމާލެއަށް ބާރު ބޮޑެއް ނުވާނެ: އެޗްޑީސީ
މާލެ އާއި ހުޅުލެ ބްރިޖުން ގުޅާލައިފި: ރައީސް ޔާމީން