Roadha Mihaaru
ނަތީޖާ ލިބިއްޖެ، ބޭނުންވާ ގޮތް އެނގިއްޖެ: ފައިސަލް

ނަތީޖާ ލިބިއްޖެ، ރައްޔިތުން ބޭނުންވާ ގޮތް އެނގިއްޖެ: ފައިސަލް

09 ސެޕްޓެމްބަރ 2018

އިދިކޮޅު ޕާޓީތަކުން މާލޭގެ ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ބޮޑު ޖަލްސާގައި ފެނިވަޑައިގެންނެވި މަންޒަރުން ރިޔާސީ އިންތިޚާބުގެ "ނަތީޖާ ލިބިއްޖެ" ކަމަށާއި "ރައްޔިތުން ބޭނުންވާ ގޮތް އެނގިއްޖެ" ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އިދިކޮޅު ޕާޓީތަކުން މާލޭގެ ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ބޮޑު ޖަލްސާގައި ފެނިވަޑައިގެންނެވި މަންޒަރުން ރިޔާސީ އިންތިޚާބުގެ "ނަތީޖާ ލިބިއްޖެ" ކަމަށާއި "ރައްޔިތުން ބޭނުންވާ ގޮތް އެނގިއްޖެ" ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުގެ ޖަލްސާއެއް ބާއްވަން މާލެއިން ބިމެއް ނުދޭތާ ތިން އަހަރަށް ފަހު ކުރިއަށް ގެންދިޔަ މި ޖަލްސާއަށް ދިޔަ އެތައް ހާސް ބަޔަކާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ، އިދިކޮޅު ސަޕޯޓަރުންނަށް ލިބެނީ "އެެއް ދުވަސް" ކަމަށެވެ. އެކަމަކު އޭގެ ބޭނުން ހިފަންޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި މިރޭ ލިބިވަޑައިގަންނަވާ އުފަލަކީ ހެޔޮލަފާ ވެރިއަކު ލިބިގެންދާތީ އެ އުފާ ކަމަށް ވެސް ރަނިންމޭޓް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިރޭ ފެނިގެން ދިޔަ މަންޒަރުން ނަތީޖާ ލިބިއްޖެ. ދިވެހި ރައްޔިތުން ބޭނުންވާ ގޮތް އެނގިއްޖެ. މިހާރު އޮތް ކަމަކީ އަޅުގަނޑުމެން ގެ އަށް ގޮއްސަ ދުއާ ކޮށްގެން 23 ވަނަ ދުވަހާ ހަމަޔަށް މަޑުކުރުން،" މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިންމޭޓް ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދިވެހި ރައްޔިތުން ކުރި މިންނެތް މަސައްކަތުން ﷲ ގެ އިރާދަފުޅުން ރިޔާސީ އިންތިޚާބު ވަނީ ކާމިޔާބު ކޮށްފަ އެވެ.

"އަޅުގަނޑަށް ތިބޭފުޅުންގެ މޫނުމަތިން މި ފެންނަނީ އުޖާލާކަން. ހިނިތުންވުން. މިއީ، އެއްވެސް ޝައްކެތް ނެތް ގައުމު ރޮމުންދިޔަ އެތައް އާއިލާއެއްގެ ހެޔޮ ދުއާ،" އަސާރާ އެކު ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ އަކީ އެތައް ސަތޭކަ އަހަރެއް ވަންދެން ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި އޮތުމުގެ ނަސީބު ލިބިފައިވާ ގައުމެއް ކަމަށާއި "މި ފަސްގަނޑުން އެންމެ އަކަ ފޫޓެއް ވެސް އެހެން ބަޔަކަށް ނުލިބޭނެ" ކަމަށެވެ. އަދި ދިވެހި ގައުމު އަބަދުވެސް އޮންނާނީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ކަމަށް ފައިސަލް ވިދާޅުވި އެވެ.

"މުޅި ދިވެހި ގައުމު ގޮވަމުން ދަނީ ދިވެހި ރައްޔިތުންނަށް އަމާނާތްތެރިވާނެ ވެރިއަކަށް. އަޅުގަނޑުމެންގެ ހިނިތުން ވުމަކީ އިބޫ ސޯލިހް ފަދަ ބޭފުޅަކު އަޅުގަނޑުމެންނަށް ލިބުން،" އޭނާ ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ވެރިން ވެރިކަން ކުރުމުގައި އަދުލު އިންސާފް ގެންގުޅެން ޖެހޭ ކަމަށެވެ.

"ވެރިން ވެރިކަން ކުރުމުގައި އަދުލުވެރިކަމާއި އިންސާފު ގެންގުޅެން ޖެހޭކަން، އަދި އެއީ ވެރިންނަށް އޮތް ޗޮއިސްއެއް ނޫންކަން ކަނޑައެޅިގެން އަޅުގަނޑުމެންނަށް އެ ވަނީ އަމުރު ކުރައްވާފައި،" ކީރިތި ގުރުއާނުން މިސާލު ދައްކަވަމުން އޭނާ ވިދާޅުވި އެވެ.

ވަރަށް ޖޯޝާ އެކު ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ މިއަދު މުޅި ގައުމު އެދި ގޮވަމުން ދަނީ ދިވެހި ރައްޔިތުންގެ މުދަލަށް އަމާނާތްތެރިކޮށް ހިތާނެ ފަދަ ހެޔޮލަފާ ވެރިއަކަށް ކަމަށެވެ. މިއީ، ހއ. ތުރާކުނުން ފެށިގެން އައްޑުއާ ދެމެދު ހިމެނޭ އެތައް ލައްކަ ދިވެހިންގެ ރޫހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވެރިއެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތަކީ ވައްކަން ކުރުންތޯ؟ އަނިޔާކުރުންތޯ؟ ޚިޔާނާތްތެރިވުންތޯ؟ ގައުމު ވިއްކާލުންތޯ؟ ގައުމުގެ ބިމުން ބައެއް ވިއްކާލުންތޯ؟ ހުރިހާ އެންމެ ޖަލަށްލުންތޯ؟ ގައުމަށް ހިދުމަތްކުރެއްވި ބޭފުޅުން ޖަލަށްލުންތޯ؟" އެއްވެ ތިބި މީހުންނާ ސުވާލު ކުރައްވަމުން ފައިސަލް ވިދާޅުވި އެވެ.

އިބޫ އަށް އިޝާރާތް ކުރައްވަމުން ފައިސަލް ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓަކަށް އެފަދަ ބޭފުޅަކު ލިބުނީތީ ﷲ އަށް ހަމްދު ކުރައްވާ ކަމަށެވެ.

"ދިވެހި ރައްޔިތުންނަށް މި ލިބުނު ފުރުސަތު ނަންގަވައި ނުލައްވާ. އެއްހާސް ދުވަސް މީހަކަށް ލިބިގެން ދާއިރު އަޅުގަނޑުމެންގެ ނިކަމެތި ރައްޔިތުންނަށް ލިބެނީ އެއް ދުވަސް. އަޅުގަނޑުމެންނަށް މި ލިބެނީ ރަނުގެ ފުރުސަތެއް. އަޅުގަނޑުމެން މި ފުރުސަތުގެ ބޭނުން ހިފަން ޖެހޭނެ،" ފައިސަލް ވިދާޅުވި އެވެ.

ސިފައިންނާއި ފުލުހުންނަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ ސަރުކާރެއްގައި ފުލުހުންނާއި ސިފައިން ލައްވައި ގާނޫނީ އިމުން ބޭރުން އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. އަދި ފުލުހުންނާއި ސިފައިންގެ ކަރާމާތް ހިފަހައްޓައި، ރައްޔިތުންނާ ގާތުން މަސައްކަތް ކުރާ ބަޔަކަށް ހައްދަވާނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

"އަޅުގަނޑު މިއަދު ފުލުހުންނާއި ސަލާމަތީ ހިދުމަތްތަކަށް ގޮވާލަން، މަންޒަރު ފެނޭތޯއޭ؟ މަންޒަރު ފޭނޭތޯއޭ؟ ބަލާބަލާށޭ. މިއޮތް ފެންނަނީއޭ ރައްޔިތުން. ދެން ނަތީޖާ އެބަ އެނގޭނޫންތޯއޭ؟ ދެން ކާމިޔާބު އޮތީ ކޮން ބަޔަކަށް ކަން. ހައްގަށް ކަން ނަސްރު ލިބޭނީ އެބަ އެނގޭ ނޫންތޯއޭ،" ޖަލްސާ އަށް އެއްވެފައި ތިބި މީހުން ދައްކަވަމުން ފައިސަލް ވިދާޅުވި އެވެ.