Roadha Mihaaru
ޕާކިސްތާން ފުޓްބޯޅައިގައި ޔޫރަޕްގެ ނުފޫޒު: ހެޔޮ ފާލެއް

ޕާކިސްތާން ފުޓްބޯޅައިގައި ޔޫރަޕްގެ ނުފޫޒު: ހެޔޮ ފާލެއް!

06 ސެޕްޓެމްބަރ 2018

މި ފަހަރުގެ ސާފް ސުޒުކީ ކަޕަކީ ތިން އަހަރަށް ފަހު ޕާކިސްތާން ސީނިއާ ފުޓްބޯޅަ ޓީމު ކުޅޭ ފުރަތަމަ މުބާރާތެވެ. މި މުބާރާތަށް ޕާކިސްތާން ތައްޔާރުވާން ފެށީ މިދިޔަ ޖުލައި މަހު އެވެ. ބްރެޒިލްގެ ކޯޗު ހޯސޭ އެންޓޯނިއޯ ނޮގޭރާގެ ނަޒަރުގައި އެ ގައުމުގެ ފުޓްބޯޅަ އަލުން ކޮޅަށް ޖެހުމަކީ އުނދަގޫ މަސައްކަތެއް ނަމަވެސް އެކަމަށް ފަސޭހައެއް ވެސް އެބައޮތެވެ. އެއީ އެ ގައުމަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޅޭތީ އެވެ.

އައްޒާމް އަލިފުޅު ބަންގްލަދޭޝްގެ ޑާކާ އިން އައްޒާމް އަލިފުޅު

މި ފަހަރުގެ ސާފް ސުޒުކީ ކަޕަކީ ތިން އަހަރަށް ފަހު ޕާކިސްތާން ސީނިއާ ފުޓްބޯޅަ ޓީމު ކުޅޭ ފުރަތަމަ މުބާރާތެވެ. މި މުބާރާތަށް ޕާކިސްތާން ތައްޔާރުވާން ފެށީ މިދިޔަ ޖުލައި މަހު އެވެ. ބްރެޒިލްގެ ކޯޗު ހޯސޭ އެންޓޯނިއޯ ނޮގޭރާގެ ނަޒަރުގައި އެ ގައުމުގެ ފުޓްބޯޅަ އަލުން ކޮޅަށް ޖެހުމަކީ އުނދަގޫ މަސައްކަތެއް ނަމަވެސް އެކަމަށް ފަސޭހައެއް ވެސް އެބައޮތެވެ. އެއީ އެ ގައުމަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޅޭތީ އެވެ.

ސާފްގައި ވާދަކުރާ ޕާކިސްތާން ޓީމަށް ބަލާއިރު ހަ ކުޅުންތެރިންނަކީ އޭޝިއާ އިން ބޭރުގައި ކުޅެމުން އަންނަ ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ހިމެނެނީ ޑެންމާކުގެ ފުރަތަމަ ޑިވިޝަނުގައި ކުޅެމުން އަންނަ އަދުނާން މުހައްމަދާއި އެ ގައުމުގެ ދެ ވަނަ ޑިވިޝަނުގައި ކުޅެމުން އަންނަ މުހައްމަދު އަލީ އާއި ހަސަން ބަޝީރު އަދި ގޯލްކީޕަރު ޔޫސުފް އިޖާޒް ބަޓް އެވެ. މުހައްމަދު އާދިލް ކުޅެނީ އޮސްޓްރޭލިއާ ލީގުގަ އެވެ. އަދި އަބްދުﷲ ގާޒީ ކުޅެނީ އެމެރިކާގެ ސްޓޭޓް ލީގުގަ އެވެ. މީގެ ތެރެއިން އަދުނާނަށް އަދި ބަންގްލަދޭޝް އިން ވިސާ ނުދޭތީ މި މުބާރާތުގައި އޭނާ އަށް ކުޅެވޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ.

ޕާކިސްތާނުގެ ފުޓްބޯޅަ އަޑިގަނޑަކަށް ވެއްޓުނީ އެ ގައުމުގެ ހައި ކޯޓުން ފުޓްބޯޅަ އިދާރާ އަށް 2015 ވަނަ އަހަރު ނުފޫޒު ފޯރުވަން މަސައްކަތްކުރުމުންނެވެ. މައްސަަލައަށް ހައްލެއް ނުލިބި ދިގުލައިދިއުމުގެ ސަބަބުން ހުރިހާ ގެއްލުމެއް ލިބުނީ އެ ގައުމުގެ ފުޓްބޯޅަ އަށެވެ.

އެ ހާލަތުގައި އޮތް ޓީމަކާ ކުރިން ސައުދި އެރެބިއާގެ އަލް އަހްލީ އާއި ސިއެރަލިއޯން އަށް ކޯޗުކޮށްދިން ނޮގޭރާ ހަވާލުވީ ރަނގަޅު ޕްލޭނެއް ވެސް އޮތުމުންނެވެ.

"ތިން އަހަރު ވަންދެން މެޗެއް ނުކުޅެ އޮތް ގައުމަކާ ހަވާލުވާން ޖެހޭނީ ވަރަށް ވިސްނާފައި. ޕާކިސްތާނާ ހަވާލުވާން އަހަރެން ވެސް ނިންމީ ހަމަ ވަރަށް ވިސްނާފައި. ޕާކިސްތާން ފުޓްބޯޅަ ހަމަމަގަށް އަޅުވަން އަހަރެންގެ ޕްލޭނެއް އެބައޮތް. މި ޕްލޭނަށް ބާރު ލިބޭ އެންމެ ބޮޑު ސަބަބަކީ ދުނިޔޭގެ ގިނަ ހިސާބުތަކެއްގައި ޕާކިސްތާން ކުޅުންތެރިން ތިބުން. ހާއްސަކޮށް ފުޓްބޯޅަ ކުރިއަރާފައި އޮތް ޔޫރަޕްގައި ގިނަ. މިއީ ކުރިމަގަށް ފައިދާކުރާނެ ކަމެއް،" ނޮގޭރާ ބުންޏެވެ.

ކުރިން އިންގްލެންޑްގެ ފުލަމް އަށް ކުޅުނު ޒީޝް ރެހެމާން ވެސް މި ފަހަރު އަލުން ޓީމަށް ކުޅެމުން އަންނައިރު، އޭނާ މިހާރު ކުޅެނީ ހޮންކޮން ލީގުގަ އެވެ. ޕާކިސްތާންގެ ގިނަ ކުޅުންތެރިންތަކެއް އިންގްލެންޑާއި ސްކޮޓްލެންޑް، ނެދަލެންޑްސް އަދި ނޯވޭގައި އަންނަނީ ކުޅެމުންނެވެ. އޭގެ ތެރެއިން ގިނަ ކުޅުންތެރިންނަށް މި ފަހަރު ޓީމަށް ނާދެވުނީ ޔޫރަޕްގެ ސީޒަން ކުރިއަށްދާތީ އެވެ. މުސްތަގުބަލުގައި މީގެ ތެރެއިން ގިނަ ކުޅުންތެރިންތަކެއް އެ ޓީމަށް އަންނާނެ ކަމަށް ބެލެވެ އެވެ.

ސާފްގައި މީގެ ކުރިން ކުޅުނު އަފްގާނިސްތާނުގައި ވެސް ފަހަކަށް އައިސް ކުޅުނީ ޔޫރަޕްގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް ހިމަނައިގެންނެވެ. އެ ޓީމަށް މިހާރުވަނީ ބޮޑު ކުރިއެރުމެއް ލިބިފަ އެވެ.

މި ފަހަރުގެ ސާފްގައި ޕާކިސްތާން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ނޭޕާލް އަތުން 2-1 އިން މޮޅުވެފަ އެވެ. މުބާރާތުގައި ޕާކިސްތާން ކުޅޭ ދެ ވަނަ މެޗުގައި މިއަދު ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ބަންގްލަދޭޝް ވަނީ ކުޅުނު ފުރަތަމަ މެޗުން 2-0 އިން ބޫޓާން ބަލިކޮށްފަ އެވެ.

ބޫޓާން މެޗަށް ފަހު ބަންގްލަދޭޝްގެ ކޯޗު ޖޭމީ ޑޭ ބުނީ އޭނާގެ ޓީމަށް ކުރިއަށް ކުރިއަށް އޮތް ދެ މެޗަކީ އެންމެ އުނދަގޫވާނެ ދެ މެޗު ކަމަށާއި ޕާކިސްތާނަކީ މުބާރާތުގެ އެއް ފޭވަރިޓް ކަމަށެވެ. އެކަމަކު އަމިއްލަ ދަނޑުގައި ސަޕޯޓަރުން ކުރިމަތީގައި ބަންގްލަދޭޝް އަށް ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބުންޏެވެ.

ޕާކިސްތާނާއި ބަންގްލަދޭޝް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން އިރުއޮއްސި 6 ޖަހާއިރު އެވެ.