Roadha Mihaaru
ބޫޓާން ބަލިކޮށް ބަންގްލަދޭޝް ފެށުން ރަނގަޅުކޮށްފި

ބޫޓާން ބަލިކޮށް ބަންގްލަދޭޝް ފެށުން ރަނގަޅުކޮށްފި

04 ސެޕްޓެމްބަރ 2018

ސާފް ސުޒުކީ ކަޕްގައި މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝުން ކުޅުނު ފުރަތަމަ މެޗުން މިރޭ ބޫޓާން އަތުން 2-0 އިން މޮޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު ބަންގްލަދޭޝްގެ ޑާކާ އިން އައްޒާމް އަލިފުޅު

ސާފް ސުޒުކީ ކަޕްގައި މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝުން ކުޅުނު ފުރަތަމަ މެޗުން މިރޭ ބޫޓާން އަތުން 2-0 އިން މޮޅުވެއްޖެ އެވެ.

މިއީ 2016 ވަނަ އަހަރު އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާން ދަނޑުގައި އެ ޓީމު އަތުން 3-1 އިން ބަލިވި މެޗުގެ ރަނގަޅު ބަދަލުހިފުމެކެވެ. ބަންގްލަދޭޝް މި މެޗުން މޮޅުވިއިރު، މި މުބާރާތުގެ ތާރީހުގައި އަމިއްލަ ދަނޑުގައި ގްރޫޕް ސްޓޭޖު މެޗަކުން އެ ޓީމު އަދި މިހާތަނަށް ބަލިވެފައިނުވެ އެވެ. ބަންގްލަދޭޝް އިން 2003 ވަނަ އަހަރު މި މުބާރާތުގެ ތަށި އުފުލާލީ އަމިއްލަ ގައުމުގައި ކުޅެ އެވެ.

އޭގެ ފަހުން 2009 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތް އެ ޓީމުން ފެށީ 4-1 އިން ބޫޓާން އަތުން ހޯދި މޮޅުންނެވެ. އެ ފަހަރު އެ ޓީމު ކެޓީ ސެމީ ފައިނަލުގައި އިންޑިއާ އަތުންނެވެ. އިންޑިއާ އިން އެ ފަހަރު ފޮނުވީ 23 އަހަރުން ދަށުގެ ޓީމެވެ. މި ފަހަރުގެ މުބާރާތުގައި ވެސް ކުޅެނީ އިންޑިއާގެ ޒުވާން ޓީމެވެ.

ފަނަރަ ހާސް މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗު ފަށައިގެން ބޫޓާނަށް ހަމަޖެހިނުލެވެނީސް މެޗުގެ ތިން ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ބަންގްލަދޭޝްގެ ފަހަތަށް ކުޅޭ ޓޯޕޫ ބްރަމަން ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. މި ޕެނަލްޓީ އަކީ އޭރިއާ ތެރެއިން ބަންގްލަދޭޝްގެ ކުޅުންތެރިއެއް ބޮލުން ޖަހަން އެރި ވަގުތު އޭނާ އަށް ބޫޓާން ކުޅުންތެރިއަކު ފައުލުކުރުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.

އޭގެ ފަހުން މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ބޫޓާނުގެ ތަރި ޗެންޗޯ ގެޔެސްޓެން އަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔަ އެވެ. ފުރަތަމަ ބޯޅައިން އޭރިއާ ތެރޭގައި މުޅިން ހުސްކޮށްހުރެފައި ޗެންޗޯ ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އަނެއް ބޯޅަ އޭނާ ފޮނުވާލިއިރު ބާރެއް ނެތުމުން ބަންގްލަދޭޝްގެ ކީޕަރު ޝާހިދުލް އާލަމް ވަނީ ފަސޭހަކަމާ އެކު އެ ބޯޅަ އަތަށް ނަގައިފަ އެވެ.

ލަނޑު ޖެހުމަށް ފަހު ބަންގްލަދޭޝް ކުޅުންތެރިން އުފާފާޅުކުރަނީ. -- ފޮޓޯ: އިމޭޖަސް.އެމްވީ

ލަނޑު ޖެހުމަށް ފަހު ބަންގްލަދޭޝް ކުޅުންތެރިން އުފާފާޅުކުރަނީ. -- ފޮޓޯ: އިމޭޖަސް.އެމްވީ

ފުރަތަމަ ހާފުގައި ބޫޓާން ޓީމަށް އެންމެ ބާރު ބޮޑުވަނީ ބަންގްލަދޭޝް ޓީމުގެ ފަޅިން ކުޅޭ ބިޕްލޯ އަހުމަދަށް ލިބޭ ބޯޅަތަކުގަ އެވެެ. މި ހާފު ނިމުމުގެ ކުރިން ބަންގްލަދޭޝް އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ވެސް ބިޕްލޯ އަށެވެ. އޭރިއާ ތެރެއިން ބިޕްލޯ ޖެހި ބޯޅަ ބޫޓާނުގެ ކީޕަރު ޝެރިން ޑެންޑްރަޕް ވަނީ މަތަކޮށްފަ އެވެ.

ދެ ވަަނަ ހާފްގެ ކުޅުން ފެށިގެން ދެ ވަނަ މިނިޓް ތެރޭ ބަންގްލަދޭޝް އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ. އޭރިއާ ތެރެއިން އެ ޓީމުގެ މަހްބޫބުރް ރަހްމާން ފޮނުވާލި ބޯޅަ ގޯލުގެ ދުރު ކަނަށް ވަނީ ކީޕަރު ޑެންޑްރަޕް އަތްމަތިން ގޮހެވެ.

ބޫޓާނަށް ދެ ވަނަ ހާފް ފަށައިގެން އެންމެ ރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއްނުވެ އެވެ. އެ ޓީމުގެ ކުރިއަށް ކުޅޭ ކުޅުންތެރިންނަށް ލިބޭ ބޯޅަތައް ހުއްޓުވުމުގައި ބަންގްލަދޭޝްގެ މިޑްފީލްޑަރުން ދިޔައީ ކުރި ހޯދަމުންނެވެ. ހާއްސަކޮށް ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާން ދެއްކި ކުޅުން ފާހަގަކުރަން ޖެހެ އެވެ.

މެޗުގެ 75 ވަނަ މިނިޓްގައި ބަންގްލަދޭޝް އޭރިއާ ތެރެއަށް ބޯޅަހިފައިގެން ވަދެ ޗެންޗޯ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. އެ ބޯޅަ އެ ޓީމުގެ އެހެން ކުޅުންތެރިއަކަށް ދީގެން ވެސް ޗެންޗޯ އަށް ރަނގަޅަށް ފޮނުވާލުމުގެ ފުރުސަތު އޮތެވެ.

މި ގްރޫޕްގައި ދެން ކުޅޭ މެޗުތައް އޮންނާނީ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު ބަންގްލަދޭޝް ކުޅޭނީ މިއަދު ނޭޕާލް އަތުން 2-1 އިން މޮޅުވި ޕާކިސްތާންއާ އެވެ. އަނެއް މެޗުގައި ބޫޓާން ބައްދަލުކުރާނީ ނޭޕާލާ އެވެ.