Roadha Mihaaru

ޝައްކެއް ނެތް، ރައީސް ޔާމީން ބަލިވާނެ: އިބޫ

މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި، ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ބަލިވާނެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

ޝައްކެއް ނެތް، ރައީސް ޔާމީން ބަލިވާނެ: އިބޫ
މުހައްމަދު ޔާމީން
ގއ. ގެމަނަފުށިން މުހައްމަދު ޔާމީން

01 ސެޕްޓެމްބަރ 2018

މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި، ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ބަލިވާނެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިޚާބަށް 22 ދުވަހަށް ވެފައި ވަނިކޮށް، ގއ. ގެމަނަފުށީގެ އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ، ރަށްރަށަށް އޭނާ ވަޑައިގަތުމުން، އެނގިވަޑައިގަތީ އިންސާފާއި އަނިޔާވެރިކަމާ ދެކޮޅަށް އާންމުން އާނ ބަސް ބުނަން ތައްޔާރަށް ތިބި ކަން ކަމަށެވެ. އަދި އެމީހުން ބޭނުންވަނީ އިންސާފުގެ މަގުން ކުރިއަށް ދިއުމަށް ކަމަށާއި އިދިކޮޅު ވެރިކަމެއްގައި އިންސާފު ހޯދައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި، ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ވަރަށް ގިނަ ބައެއްގެ ތާއީދާ އެކު އެވެ. އެކަމަކު، ރައްޔިތުން ދިން އެއްބާރުލުމާ ދެކޮޅަށް ރައީސް ޔާމީން މަސައްކަތްޕުޅު ކުރެއްވީ އަމިއްލަ އެދުމާއި އަމިއްލަފުޅު ކަންތައްތަކެއް ހާސިލް ކުރެއްވުމަށް ކަމަށް އިބޫ ވިދާޅުވި އެވެ. އެއާ އެކު، ފެނުނީ ފަހަރަކު ބޭފުޅަކު، ސަރުކާރު ކޯލިޝަނުން ވަކިވެގެން ދިޔަ ތަން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އިބޫ މިއަދު ގެމަނަފުއްޓަށް ވަޑައިގަތުމުން، އެ ރަށު ރައްޔިތުން އޭނާ އަށް ހޫނު މަރުހަބާއެއް ދަންނަވަނީ. -ފޮޓޯ: އެމްޑީޕީ

އިބޫ މިއަދު ގެމަނަފުއްޓަށް ވަޑައިގަތުމުން، އެ ރަށު ރައްޔިތުން އޭނާ އަށް ހޫނު މަރުހަބާއެއް ދަންނަވަނީ. -ފޮޓޯ: އެމްޑީޕީ

ރައްޔިތުންގެ މަޖިލިހުން މިސާލު ނަންގަވައި އިބޫ ވިދާޅުވީ މަޖިލިހުގެ އަޣުލަބިއްޔަތު ސަރުކާރަށް ގެއްލި، މިހާރު ސަރުކާރަށް ތާއީދު ކުރައްވާ ތިއްބެވީ 33 މެމްބަރުން ކަމަށެވެ. އަދި ރައީސް ޔާމީން އަމަލު ކުރައްވަމުން ގެންދަވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބޭރުން ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލިހުގެ 16 މެމްބަރަކު ބަންދުކޮށްފައި ތިބި ކަން ފާހަގަ ކުރައްވައި އިބޫ މިސާލު ނެންގެވީ ގެމަނަފުއްޓަށް އުފަން، މަޖިލިހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދަށެވެ. އިބޫ ސިފަ ކުރެއްވި ގޮތުގައި، އިލްހާމް އެތައް ދުވަހަކު، ޖަލުގައި އޮންނެވި އިރު، އިލްހާމަށް ކުރިމަތިވެވަޑައިގެންފައި ވަނީ ވެސް އަނިޔާ އެވެ.

އިބޫ ވިދާޅުވީ، މި މަހުގެ 23 ގައި ނަގާ ވޯޓު އިދިކޮޅު ފަރާތްތަކުން ކާމިޔާބު ކުރުމަށް ފަހު، މަޖިލިހުގެ މެމްބަރުން އާއިލާއާ އެކު ހަމަޖެހިގެން އުޅެވޭނެ ގޮތް ހަމަޖައްސައި ދެއްވާނެ ކަމަށެވެ. އަދި އިންތިހާބަށް ފަހު، ބާއްވާ ފުރަތަމަ ޖަލްސާގައި ބަންދުގައި ތިއްބެވި މެމްބަރުން ބައިވެރިކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"އެންމެ ތަންކޮޅެއް ވެސް ފަހަތަށް ނުޖެހޭނަން. ރައީސް ޔާމީން ޖެހޭނީ 23 ސެޕްޓެމްބަރުގެ ފަހުން ގާނޫނީ އިމުގެ ތެރެއަށް ވަންނަވަން. ބަލިވާނެ. ޝައްކެއް ނެތް. އެއީ މަސްރަހު އޮތް ގޮތް،" ގެމަނަފުށީގެ އިދިކޮޅު ސަޕޯޓަރުން ދެންނެވި ހޫނު މަރުހަބާ އަށް ފަހު، އެމީހުންނާ ބައްދަލުކުރައްވައި އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިހާބުން ރައީސް ޔާމީން، ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތަސް، ވެރިކަން ކުރައްވަން ނޮވެމްބަރު 17 އާ ހަމައަށް ލިބިވަޑައިގަންނަވާނެ އެވެ. އެކަމަކު، އެ ދުވަސްތަކުގައި ރައީސް ޔާމީން ވެރިކަން ކުރައްވަން ވާނީ ގާނޫނުއަސާސީއާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ދުވަސްކޮޅު ވެރިކަމުގައި ހުންނަވަން ބޭނުންފުޅު ނަމަ، ގާނޫނާ އެއްގޮތަށް މަސައްކަތްޕުޅު ކުރައްވަން އޭނާ އެދިވަޑައިގެންނެވި އެވެ.