Roadha Mihaaru
ރުޔަސް ދަރިފުޅު އެކަނި ނިންދެވުމަކީ ގޯހެއް ނޫން

ރުޔަސް ދަރިފުޅު އެކަނި ނިދަން މަޖުބޫރުކުރުމަކީ ގޯހެއް ނޫން

26 މެއި 2016

ތުއްތު ކުދިންނަށް އެކަނި ނިދަން ފަރިތަކޮށްދިނުމުގެ ގޮތުން، އެ ކުދިން އެކަނި ނިދަން މަޖުބޫރު ކުރުމަކީ ގޯހެއް ނޫން ކަމަށާއި ރޮމުން ނިދިޔަސް ކުއްޖާ އަށް ގެއްލުން ނުވާ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ތުއްތު ކުދިންނަށް އެކަނި ނިދަން ފަރިތަކޮށްދިނުމުގެ ގޮތުން، އެ ކުދިން އެކަނި ނިދަން މަޖުބޫރު ކުރުމަކީ ގޯހެއް ނޫން ކަމަށާއި ރޮމުން ނިދިޔަސް ކުއްޖާ އަށް ގެއްލުން ނުވާ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

އޮސްޓްރޭލިއާގެ ފްލިންޑާޒް ޔުނިވަސިޓީ ސައިންސްވެރިން އުމުރުން ހަ މަހާއި 16 މަހާ ދެމެދުގެ 43 ކުއްޖަކު ބޭނުންކޮށްގެން ހަ މަސް ދުވަހުގެ މުއްދަތަކަށް މި ދިރާސާ ކުރިއަށް ގެންދިޔަ އެވެ. މި ދިރާސާގައި ބައިވެރިކުރި ކުދިންނަކީ ނިދަން އުނދަގޫވުމާއި ދަންވަރު ހޭލައިގެން ރޮއެ، ނުނިދާ ގިނައިރު އުޅޭ ކުދިންނެވެ.

މި ކުދިން ބޭނުންކޮށްގެން ދިރާސާކުރުމަށް ދެ މެތަޑެއް ބޭނުންކޮށްފައިވެ އެވެ. އެއީ އެކަނި އޮވެ ރޮމުން ގޮސް ނިދަން ދޫކޮށްލުމާއި ބޮޑަށް ނިދި އަންނަހާ ދަންވަންދެން ކުދިން ނުނިންދަވާ ގެންގުޅުމަށް ފަހު ނިދަން ބޭއްވުމެވެ.

ނިދުމުގައި މައްސަލަ ހުރި މި ކުދިން ނިންދެވުމަށް ބޭނުންކުރި ދެ މެތަޑުން ވެސް ފާހަގަވީ އެގޮތަށް އަމަލުކުރަން ފެށުމުން، ނިދަން ބޭއްވުމާއި ނިދުމާ ދެމެދު ހޭދަވާ ވަގުތު އަވަސްވެފައިވާ ކަމެވެ. އެގޮތުން 13 މިނެޓާއި 10 މިނެޓާ ދެމެދުގެ ތަފާތެއް ފާހަގަވެފައިވެ އެވެ.

ދިރާސާ ޓީމުގެ ވެރިން ވިދާޅުވެފައި ވަނީ މި ދިރާސާކުރުމުގެ މައިގަނޑު ބޭނުމަކީ ކުދިން ރޮމުން ގޮސް ނިދެންދެން ދޫކޮށްލުމަކީ އެ ކުދިންނަށް ސްޓްރެސްގެ މައްސަލަ ދިމާވާ ކަމެއްތޯ ބެލުން ކަމަށެވެ. ސައިންސްވެރިން ހޯދި ހޯދުންތަކުން އެނގުނީ ކުދިންނަށް ދިގު މުއްދަތަކަށް ގެއްލުންވާ ފަދަ ސްޓްރެސްގެ އަލާމާތެއް ކުދިންގެ ކިބައިން ނުފެންނަ ކަމެވެ. އަދި ކުދިން ނިންދަވަން ބޭނުންކުރާ އެހެން މެތަޑްތަކާއި ރޮއްވާލައިގެން ނިންދެވުމުގައި ވެސް ކުދިންނަށް ނަފްސާނީ ގެއްލުމެއް ނެތްކަން ސައިންސްވެރިން ވަނީ ދެނެގެންފަ އެވެ.